މެންބަރުންގެ ޚިޔާލު: ގަތުލު ޢާންމެއް ހިންގަން ތައްޔާރު ވަނީތަ؟

ފުނަމާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރަމުން ގެންދާ ކެންޑިޑޭޓުން އެމީހުންގެ ކެންޕެއިން ލޯންޗު ކުރުމަށް ބާއްވަމުން ގެންދާ ބައްދަލުވުން ތަކުގައި ބައިވެރިވާ މީހުންގެ އަދަދައްވުރެ މަދުން މީހުން ބައިވެރިވަމުން ގެންދާ ޖަލްސާތަކެއް މިހާރަކަށް އައިސް ކުރީގެ ވެރިކަމުގައި ހުރި ޚުދުމުޚުތާރު މީހާއަށް މަރުދޭ ބަޔަކު ގެންދަނީ ބާއްވަމުންނެވެ.
ދާދި ފަހުން ކާމިނީ ޕާޓީއާއި އެމީހުންގެ ބައިވެރީން ގުޅިގެން ބީޗުގައި އެބޭއްވި ޖަލްސާއަކީ ދިވެހި ރައްޔިތުންނަށް ނުހަނު ނުރައްކާތެރި އިންޒާރުތަކެއް ދީފައި ނިންމާލި ޖަލްސާއެކެވެ. ޖަލްސާގައި ބައިވެރިވި ބައިވެރީން ދެއްކި ވާހަކަތަކަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ސީރިޔަސް ކަމާއެކު ވިސްނާލައި އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވެތިބުމަށް ވިސްނާން މުހިންމު ވާހަކަތަކެކެވެ.
މަޖްލީހުގެ މެންބަރުން މަޖްލީހުގެ ޖަލްސާއެއްގައި ނުވަތަ އެމަޖްލީހުގެ ކޮމެޓީއެއްގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާގޮތައް ދައްކާ އެއްވެސް ވާހަކައަކާ އަދި ވޯޓުދިން ގޮތަކާ ގުޅިގެން އެމެންބަރަކާ މެދު ފިޔަވަޅެއް ނޭޅޭނެ ކަމުގައި ގާނޫނުއަސާސީގައި ބުނެފައި ވީނަމަވެސް ކޮންމެކޮންމެ ތާކު ހިތަށްއެރިހާ ވާހަކައެއް ދެއްކުމުގެ ބާރު އެ މެންބަރުންނަށް ލިބިދޭ ގާނޫނެއް ނޯންނާނެއެވެ. މިފަދަ ބާރުތަކެއް އިމްތިޔާޒުގެ ބިލުތަކަކުން އެމީހުން ހޯދަން ނޫޅެއެކޭ ދަންނަވާކަށް ނެތީމެވެ. ނަމަވެސް ގާނޫނުއަސާސީން ކަށަވަރު ކޮއްދޭ ކޮންމެ ހައްގެއް ވާންޖެހޭނީ އެންމެހާ ދިވެހި ރައްޔިތުންނަށް ހަމަހަމަ ވެގެންވާ އެއްޗެއް ކަމުގައެވެ. ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީވެސް އެކަމުގައި ކޮންމެވެސް އިމެއް އޮންނާންޖެހޭނެ ކަމެއް ކަމުގައި ނުވާނަމަ އޭގެސަބަބުން ގައުމެއް ހަލާކުވެ ހިނގައިދާނެއެވެ. މިއަދު މިގައުމުގައި އޮތް އެންމެބޮޑު ނުރައްކަލަކީ މިއީކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކޮންމެމީހަކު އެމީހަކު ހިތައްއެރި ވާހަކައެއް ހިތައްއެރި ކޮންމެގޮތަކަށް ދައްކާލުން މިހާރުމިވަނީ ފެޝަނަކަށް ވެފައެވެ. މީޑިއާ ތަކުންނާއި މިނޫންވެސް ތަންތަނުގައި އެއްވެސް މައުލޫމާތެއް ނެތަސް ހިތުހުރި އެއްޗެއް ތިމާނޭދޭ މީހަކާ ދިމާލަށް ގޮވާލުން މިވަނީ އާންމުވެފައެވެ. މިކަމަށް ބާރުދޭ ބައެއް ޕްރޮގުރާމުތައް ބައެއް މީޑިއާތަކުން ތައްޔާރުކޮށް ފޮނުވަމުން ގެންދާކަންވެސް ފާހަގަ ކުރަމެވެ. މިކަން މިހެންވުމުގައި ސަބަބުތަކެއް އެބަހުރިކަން ގަބޫލުކުރާން ޖެހެއެވެ. އެތަކެއް ޒަމާންތަކެއް ވާންދެން ދިވެހީންގެ ދުލުގައި އެޅުވިފައިވާ ތަޅެއް ނެއްޓިގެން ގޮސް އިސްލާހުކުރެވުނު ގާނޫނު އަސާސީން ލިބިދިން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ދޫކޮށްލެވުނު އިރު މިކަމުގެ މައިތިރި އެއްގެ ގޮތުން ހަދާންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމާ ހަވާލުވެ ތިބިފަރާތްތަކުން އިހްމާލުވެފައި ވާކަމުގައި ގިނަބަޔަކު އެއްބަސްވެއެވެ. މީގެ ނާޖާއިޒު ބޭނުން ހިފައިގެން ވެއްޓިދިޔަ ޚުދުމުޚުތާރު ސަރުކާރުގެ މޭސްތިރީން އެމީހުންގެ ހިތުގައި މިއަދުގެ ސަރުކާރަށް އޮތް ހަސަދަ ފިލުވާލައި ދިވެހިރައްޔިތުންގެ ހިތުގައި މިސަރުކާރަށް ޕްރެޝަރ ކުރުމުގެ ރޫހު އުފެއްދުމުގެ އިތުރުން މުޅިގައުމު ހައިޖާނީ ވަޅުގަނޑަކަށް ވައްޓާލުމަށް މަސައްކަތް ކުރަމުން ގެންދާކަމީ ފާޅުވާންއޮތް ހަގީގަތެކެވެ. މިކަމުގައި މިސަރުކާރުގެ އިހްމާލެއްވެސް އެބައޮތް ކަމުގައި ބަޔަކު ހަމަ ހެޔޮނިޔަތުގައި ނަމަވެސް ބުނެއުޅެއެވެ. ރައްޔިތުންގެ ކިބައިން އެތަކެއް ގަރުނުވަންދެން ނިގުޅައި ގަނެވިފައިވާ ހައްގު ތަކެއް ލިބިދޭނެ ކަމުގެ ވައުދު ވަމުން ވެރިކަމަށް އައި މިސަރުކާރުން މިހާޅަފަތުގައި ރައްޔިތުން އޮބިއަޅައި ކަންކަން ބަދަލުކުރުމަކީ ނުވަތަ ރައްޔިތުން ލިބިގަންނަމުން ގެންދާ މިނިވަންކަން ހަނިކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކި ހިކްމަތްތެރި ކަމާއެކު ކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަނީ ހަރުކަށިކަން އިސްނުކޮށް ކަމުގައި ވުމުން ކުރީން ދެންނެވި ގޮތައް ނުބައި ނިޔަތުގައި ކަންކަން ކުރަމުން ގެންދާ ފަރާތްތަކުގެ ސަބަބުން އާންމުކޮށް އެންމެހާ ރައްޔިތުންނަށް އުނދަގޫ ފޯރަމުން ދާތީވެ އަދި މަދުބަޔަކު ނަމަވެސް ކުރާއަމަލު ތަކެއްގެ ސަބަބުން މުޅިގައުމު ނާމާންވަމުން ދާކަމުގެ ބިރުހީވަމުން ދާދިއުމަކީ މިސަރުކާރުން މާބޮޑަށް ދޫދީފައިއޮތް އޮތުމުގެ ސަބަބުން ވަމުންދާ ގޮތެއްކަމުގައި ދަނީ ބުނަމުންނެވެ. ގާނޫނީ ހުދޫދުން ބޭރުވެ ކަންކަން އަތްނުފޯރާ ފަށަށް ދިއުމުގެ ކުރީން މިކަންކަމުގައި އަޅާންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރަށް ވާޖިބުވާނެ ކަމެއްކަން ގަބޫލުކުރާން ޖެހޭނެއެވެ.
ބުރާސްފަތި ދުވަހުގެރޭ އެބޭއްވި ބައްދަލުވުމުގައި ކުރީގެ ވެރިކަންކުރި މީހާ ކަންކަމުން ސަލާމަތް ކުރުމަށް ވަކާލާތު ކޮށްދިނުމަށް ކުއްޔައް ހިފައިގެންއުޅޭ މީހަކު އަރައި އެބައްދަލުވުމަށް އައިސްތިބި މީހުންގެ އަދަދު އަންގާލުމަށް ބުނެފައިވަނީ އެބައްދަލުވުމުގައި ދިހަހާސް މީހުންނަށް ވުރެ ގިނަމީހުން އެބަތިބިކަމުގައެވެ. އޭގެފަހުން ފަތާމީހާ އަރައި ފުރަތަމަ ބުނީ އެބައްދަލުވުމުގައި ދެހާސްމީހުން ތިބިކަމުގައެވެ. ހަމައިރުކޮޅަކުން ތިންހާހޭ ބުނުމުން އެދެމީހުންނަށްވެސް ގުނަން ނޭނގެނީ ކަމުގައި ވެދާނެއެވެ. ނޫންނަމަ ކުރީގެ ވެރިކަން ކުރި މީހެއްގެ ކުއްތައް ފޮރުވަން ވެގެން ދޮގުހަދަމުން ހަދަމުން ގޮސް ދައްކާ ކޮންމެ ވާހަކައެއްގައިވެސް ދޮގުހެދުމަކީ ކަށީގައި ހިފާފައިވާ ކަމަކަށްވާތީވެ ދޮގެއް ހަދާލީ ކަމުގައި ވެދާނެއެވެ. ބައްދަލު ވުމުގައި ހިނގަމުން ދިޔަ އެއްކަމަކީ ފަންޑު ފޮއްޓެއް ގެންގުޅުމެވެ. އެފޮށީގައި ” ކެލާވޯޓު ފަންޑުފޮށި” މިހެން ޖަހާފައި އޮތެވެ. އޭގެ އެއްދުވަސް ފަހުން ކެލާގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ފަންޑުފޮއްޓެއް ބަހައްޓައިގެން ފައިސާ ޖަމާކުރާން އެއުޅެނީ ކީއްކުރަން ބާވައެވެ؟ ވޯޓުގެ ކަންކަން ހިންގާން ކުރާންޖެހޭ އެންމެހާ ޚަރަދުތައް ކުރާނީ އެލެކްޝަންސް އިންކަމުގައި ވާއިރު މިއެއްކުރާ ފައިސާއަކީ އެއިންތިޚާބަށް ފައިސާދީގެން ނުފޫޒު ފޯރުވާން އެއްކުރާ ފައިސާއެއް ކަމުގައި ވުމަކީވެސް ދުރުކަމެއް ނޫން ކަމަށް ބަޔަކު ބުނެފާނެއެވެ.
މިކަމަކީވެސް ކަމާބެހޭ އެންމެހާ ފަރާތްތަކުން ސީރިއަސްކޮށް ވިސްނާން ޖެހޭނެ ކަމެކެވެ. މީޑިއާއިން ފޮނުވި ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖްލިސްއަށް ނިސްބަތްކޮށް މާދަށުދަރަޖައަކުން ވާހަކަ ދެއްކިއަތީވެ ބޮޑުކަމަކަށް ވެގެން އުޅުނުއިރު ކާމިނީ ޕާޓީގެ ލީޑަރު އަރާ އެބައްދަލުވުމުގައި ރައްޔިތުންގެ މަޖްލީހަކީ ހައިވާނު ބަގީޗާއެއް ކަމުގައި ބުނުމުން އެކަމަކީ އޭނާވެސް އަޑީގައި ފިލާހުރެގެން ހިންގާ ޕްރޮޕެގެންޑާއެއްކަން ހާމަނުވޭ ބާވައޭ ހިތައްއަރައެވެ. އަދި އޭނާގެ ވާހަކައިގައި ކުރީގެ ތިރީސް އަހަރުގެ ވެރިކަމުގައި ހިންގި އެންމެހައި ކަންކަމުގައި ބައިވެރިވެ ފައިދާ ނަގައިގެން އުޅޭ މުނާފިގުން ތިބިކަން އިއުލާނު ކުރުމުން ކުރީގެ އަނިޔާވެރި ވެރިކަމާމެދު ކުރެވެމުންދާ ޝައްކުތައް ޔަގީނަށް ބަދަލުވެގެން އެބަދެއެވެ. އެހާވަރުގެ މުނާފިގުންނާއި އެކު ވެރިކަންކުރި މީހެއްގެ މުނާފިގުކަމާ އިޔަހޫދިކަން ކިހާހިސާބެއްގައި އޮވެދާނެ ބާވައެވެ؟ އަދިއެކަން ރަނގަޅަށް އެނގިހުރެ ބައިވެރިވެހުރެ އެވާހަކަ އެބުނި މީހަކީ ކިހާވަރެއްގެ ގުންޑާއެއް ބާވައޭވެސް ހިތަށް އަރައެވެ.
މިހުރިހާ ކަމަކަށްވުރެ ވިސަނާލަން ޖެހެނީ ހުސެންމަނިކެއްގެ ދަރި ދެއްކި ވާހަކައަށެވެ. މިސަރުކާރު ވައްޓާލަން ކުރާނެ ނުކުރާނެ ކަމެއްނޭނގި ރޭވިހާ ރޭވުމެއް އަތަށް ގޮވުމުން ދެންއޮތީ ހަމައެކަނި ވިޔަސް ނުވިޔަސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުން ކަމުގައި ބުނެ އާދޭސްކޮށް އެކަމަށް ގޮވާލައި ހެދިއިރު އޭނާގެ ނުކުޅެދުންތެރިކަން ވަރަށް ރަނގަޅަށް ފާޅުކޮއްދީފިއެވެ. އެއަށްވުރެ މިހާރު ދެން މިގައުމުގެ ރައީސްއަކީ ތިމަންނާމެންގެ އެއްބަޔަކު އަނެއްބަޔެއްގެ ކަރުގައި ހިފަމުން މިގެންދާ ބައިގަނޑުން ގަބޫލުކުރާ މީހެއްނޫނޭ ބުނެފައި ފެންފޮދެއް ބޯލައިގެން މެޔަށް ފުމެލުން މާރަނގަޅުވާނެއެވެ. އޭރުން ބޭރުގައުމުތަކުގެ މީހުންވެސް އޭނާއަކީ ހޭނުޖެހޭ މޮޔައެއް ކަމުގައި ގަބޫލުކޮށް ފާނެތާއެވެ. ހަމައެއާއެކު ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ހިންގުމާ ގާނޫނީ ގޮތުން މިހާރު ހަވާލުވެ އެތިބަ މީހުން ފަހާލައި ވައިގެ ބަނދަރު އަތުލުމަށް އެރުމަށް އޭނާއަށް ތާއީދު ކުރާ އެންމެންނަށް ތައްޔާރުގައި ތިބުމަށް ގޮވާލައި ވަރަށް އަވަހަށް އެކަން ކުރާނެ ކަމަށާ އަދި ލަސްވެގެން އުޅެނީ އެކަމަށް ބޭނުންކުރާން ހުރި ހަތިޔާރުތައް ތޫނުކޮއްލާން މުއްދަތެއް ނަގާތީކަމުގައި އެބުނި ބުނުމަކީ ކިހާވަރެއްގެ ކަމެއް ބާވައޭ ހިތައް އަރައެވެ. ދިވެހީން އާންމުކޮށް ތޫނުކޮށް އުޅެނީ ވަޅިފަދަ ތަކެއްޗެވެ. މިފަހަކަށް އައިސް މީހުންނަށް ހަމަލާ ދިނުމަށް ކަނޑިފަދަ ތަކެތިވެސް ގެންގުޅޭއިރު އެތޫނުކުރަނީ އެފަދަ އެއްޗެތި ނޫންކަމެއްވެސް ނޭނގެއެވެ. ކަތިވަޅިއާއި ދަނގަނޑު ބުރިތަކެއްވެސް ތޫނުކޮށްފާނެ ތާއެވެ. އަދި މިފަހަކުން މިފެނުނު ބޯވ ގަން ފަދަ އާލާތްތަކުގައި ބޭނުންކުރުމަށް އެކަށީގެންވާ ދުނިފަދަ ތަކެތި ހަދައި ތޫނުކުރަނީ ކަމުގައިވެސް ވެދާނެއެވެ. ގައިމުވެސް އެނގޭ ކަމަކީ ބޭރުގައުމު ތަކުގައި ބާޣީން މިގޮތައް ތަންތަން ހިފަން އަރާއިރު ކުރިމަތިލާ ބަޔަކަށް ހަމަލާދީ މަރާލުމަށް ތަފާތު ހަތިޔާރު ބޭނުން ކުރާކަމެވެ. އެހެން ކަމުން ނިހާނު އެއިޝާރާތް ކުރަނީ މިފަދަ ކަމަކަށް ނޫންބާވައެވެ. އެހެންނަމަ އެބައްދަލުވުމުގައި ބައިވެރިވި މީހުންނާއި އެމަންޒަރާ އަޑު ދުރުން އަހަމުން ގެންދިޔަ އެންމެންގެ ކުރިމަތީގައި އޭނާ އެއިއުލާނުކުރީ ގަތުލު އާންމެއް ހިނގާން ރާވަމުންދާ ކަންނޫން ދެންއެހެން ކޮންކަމެއް ބާވައެވެ؟ މިހާރުވެސް މިގައުމުގައި މިހިންގަމުން ގެންދާ ގުރޫޕު މާރާމާރީ ތަކާއި މީހުން މެރުމުގެ ހާދިސާތަކުގެ ފަހަތުގައި ތިބީ އިދިކޮޅު ސިޔާސީ މީހުންކަމުގައި ބައެއްމީހުން ބުނާއިރު މިހާ ފާޅުކަން ބޮޑުގޮތެއްގައި މިފަދަ އިއުލާނެއް ކުރުމުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މިކަމުގައި ފިޔަވަޅެއް ނާޅައި ތިބުމަކީ ކިހާވަރެއްގެ ނުރައްކަލަކަށް މިގައުމުގެ ރައްޔިތުން ހުށައެޅިދާނެ ކަމެއް ބާވައެވެ؟ މަޖްލިހެއްގެ މެންބަރަކު މިފަދަ ގޮތަކަށް ބަސްމަގު ބެހެއްޓުމުން މާދަމާ އާންމު އެހެން މީހުން ތަންތަނަށް އަރައި ތިމަންނާ މިއުޅެނީ އެވެނި މިވެނި މީހުން ކަތިލާށޭ ބުނިނަމަވެސް ބަލާން ތިބޭން ޖެހޭ ހިސާބަށް މިގައުމުގެ ކަންކަން ދިއުމަކީ މިގައުމަށް ހެޔޮއެދޭ އެކަކުވެސް އެދޭނެ ކަމެއް ނޫނެވެ. މަށް ދިވެހި ބަހުން ” ބަޔަކު މީހުންނާ ދިމާކުރާން ވައިގެ ބަނދަރުފަދަ މުހިންމު ތަނަކަށް އަރާން ހަތިޔާރު ތޫނުކުރަމުން ގެންދާކަން ” އިއުލާނު ކުރުމުން އެއުޅެނީ ހުޅުލެއަށް އަރައި ބޭރު ގައުމެއްގެ ކުންފުނަޏަކަށް ނިސްބަތްވާ އެންމެންނާއި މިކަމަށް ހުރަސް އަޅާ އެންމެހާ ދިވެހީން ކަތިލައި ގަތުލު އާންމެއް ހިންގާން ނޫންކަމުގައި މާނަކުރާނެ ތަނެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.