ގަމު ތުނޑީ އަވަށުގައި ރޭ އެމްޑީޕީ ޖަލްސާއެއް ބާއްވައިފި

ލ.ފޮނަދޫން އަޙުމަދު ރަޝީދު

އެމްޑީޕީ ގަމު ދާއިރާއިން އިންތިޒާމުކޮށްގެން ރޭ ގަމު ތުނޑީ ޕްރީސްކޫލްގައި ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ. ގަންފޮނަދޫއަށް ނިސްބަތްވާ އެމްޑީޕީ މެންބަރުންނާއި ސަޕޯރޓަރުންނަށް ހުޅުވާލައިގެން ރޭ ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އެމްޑީޕީ ޕާރލިމެންޓަރީ ގްރޫޕްގެ ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކެވެ.
ރޭގެ ޖަލްސާގައި މެދުދެކުނު ސަރަޙައްދީ އޮފީހުގެ ޑިރެކްޓަރ ޢަބްދުލް ވައްޙާބާއި މެދުދެކުނު ސަރަޙައްދުގެ ހެލްތު ބޯޑްގެ ޗެއަރމަން ޙުސައިން ޝާހިދާއި ހެލްތު ބޯޑުގެ މެންބަރު އަދި ހިއުމަން ރިސޯސް އެންޑް އެޑްމިންގެ ޑިރެކްޓަރ ޢަލީ ފައިސަލްއާއި އެމްޑީޕީ ޕާރލިމެންޓަރީ ގްރޫޕްގެ ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރީކޯ މޫސާމަނިކު ވާހަކަފުޅު ދައްކަވާފައިވެއެވެ.
ޢަބްދުލް ވައްޙާބްގެ ވާހަކަފުޅުގައި ގަމުގައި އެމްޑީޕީގެ ޙަރަކާތްތައް މިހާރަށްވުރެން ބޮޑަށް ދިރުވާ އާލާކުރުމަށްޓަކައި ކުރަން ޤަސްދުކޮށްފައިވާ ބައެއް ކަންކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެގޮތުން ގަމުގެ ތިން އަވަށުގައި އެމްޑީޕީގެ ހަރުގެތަކެއް ހަދައި އެ ހަރުގެ ތަކުގައި ސިލްސިލާގޮތެއްގައި ޖަލްސާތައް ބާއްވާ ޒުވާނުންނަށް ޝުޢޫރު ފާޅުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގަމުގެ ރައްޔިތުންނަށް މިއަދު އެންމެ ދަތިވެފައިވާ އެއް މައްސަލަ ކަމުގައިވާ ނަރުދަމާގެ މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް އެމްޑީޕީ ޕާރލިމެންޓަރީ ގްރޫޕްގެ ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރީކޯ މޫސާމަނިކުގެ އަރިހުން އެދިލެއްވިއެވެ.
ހެލްތު ބޯޑުން ވާހަކަފުޅުދެއްކެވި ދެބޭފުޅުންވެސް މައިގަނޑުގޮތެއްގައި އަލިއަޅުވާލެއްވީ ދާދިފަހުން ގަމު ރީޖަނަލް ހޮސްޕިޓަލުން މާލެގެންދިޔަ “ބެކް ބޯން” ނުވަތަ މައިބަދައިގެ މައްސަލައެއް ހުރި ކުއްޖަކު މާލެގެންދިޔަގޮތާއި ބެހޭގޮތުން ވިލިމާފަންނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ހެލްތު ބޯޑުގެ މެންބަރު އަދި ހިއުމަން ރިސޯސް އެންޑް އެޑްމިންގެ ޑިރެކްޓަރ ޢަލީ ފައިސަލް ވިދާޅުވީ އެފަދަ ޙާލަތެއް މެދުވެރިވެފައިވާ ކުދިން އުފުލުމުގައި އެގޮތަށް ފުޅިމަދު ފޮށްޓަކަށް ލައިގެން އުފުލުމަކީ ކުރަމުން އަންނަ ކަމެއްކަމުގައެވެ.
ޖަލްސާ ޝަރަފްވެރިކޮށްދެއްވަމުން ރީކޯ މޫސާމަނިކު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ފޮރުވައި ސަރުކާރުން ކުރަމުން އަންނަ ރަނގަޅު ކަންކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ހަމަ އެހެންމެ ޔާމިން ޢަބްދުލް ޤައްޔޫމާއި މަޢުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. މީގެ އިތުރުން މި ސަރުކާރުގެ ޕޮލިސީތަކާއި ބެހޭ ބައެއް މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ގަމުގެ ނަރުދަމާ ނިޒާމުގެ ކަންކަން ހަމަޖައްސައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ އަދުގެ ސަރުކާރުން ގަންފޮނަދޫގެ މަގުތައް ހެދުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.