އެމްޑީޕީ ކެލާ ދާއިރާއަށް އެޕާޓީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

mari-225-x-316mdp-logo2

އިއްޔެ ކެލާގައި ބޭއްވި ކައުންސިލް އިންތިޚާބުގެ ކެލާ ރަށުކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދުމާ ގުޅިގެން، އެމްޑީޕީ ކެލާ ދާއިރާއަށް އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މަރުހަބާ ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން އެމްޑީޕީ ކެލާ ދާއިރާގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަންޑަރ ސެކްރެޓަރީ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަށް ޗެއަރޕާސަން ފޮނުއްވި މަރުހަބާގެ މެސެޖްގައި އެމްޑީޕީ ކެލާ ދާއިރާއިން އެހޯދީ ވަރަށް ބޮޑު ކާމިޔާބީއެއް ކަން ފާހަގަކުރައްވައި، އެކާމިޔާބީއަށް ޓަކައި، އެމްޑީޕީ ކެލާ ދާއިރާއަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ.
” އެމްޑީޕީ ކެލާ ދާއިރާއިން ކެލާ ކައުންސިލްގައި ތިޔަ ހޯއްދެވި ކާމިޔާބީއަށް ވަރަށް މަރުހަބާ ދަންނަވަން. މާތް ﷲ ކެލާ އާއި އަޅުގަނޑުމެންނަށް، ރައީސް ނަޝީދުގެ ޒަޢާމަތުގައި އަދަށްވުރެ ފަހި މާދަމާއެއް ދައްކަވާނދޭވެ.” މާރިޔާގެ މެސެޖްގައި ވެއެވެ.
ކެލާ ކައުންސިލް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް ވެސް އެމްޑީޕީ އާއި އެކަމަނާގެ އަމިއްލަ ނަންފުޅުގައި މަރުހަބާ ވިދާޅުވެފައިވާ މި މެސެޖްގައި ކައުންސިލަރ ކަމަށް އިންތިޚާބު ނުވި ކެލާ ދާއިރާގެ އެމްޑީޕީގެ 2 ކެންޑިޑޭޓުންނާއި، ކެލާ ރަށު ކައުންސިލަށް އިންތިޚާބު ނުވި ކެންޑިޑޭޓަށް ރައީސް ނަޝީދުގެ ޙިކުމަތްތެރި ނަސޭޙަތްޕުޅު ކަމަށްވާ ” ކާމިޔާބީގައި ހިތްތިރިކޮށް، ނާކާމިޔާބީގައި ހިތްވަރުގަދަ ކުރުމަށް” މާރިޔާގެ މެސެޖްގައި ނަސޭޙަތްތެރިވެވަޑައިގެންފައިވެއެވެ.
މީގެއިތުރުން ވެސް އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށްޓަކައި ކުރާ ހެޔޮ މަސައްކަތް ބަލައިގަތުމަށް ދިވެހިރައްޔިތުންނަށް މާރިޔާ އިލްތިމާސްކުރެއްވިއެވެ.
ކެލާ ރަށު ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވައި އަނެއް 4 ގޮނޑި ހޯދާފައިވަނީ އެމްޑީޕީން ނެވެ.