– ވޯޓުލާ ރަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެޕްރީލް 10 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެމްޑީޕީން އިލްތިމާސް ކުރޭ
އިބްރާހީމް ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިންތިޚާބު 2011 ގައި އެމީހަކު ވޯޓުލާ ރަށާއި، އެމްޑީޕީގެ މެންބަރެއްތޯ މިހާރު އެސްއެމްއެސް މެދުވެރިކޮށް ބެލޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޕާޓީން މިއަދު ބުނީ މިއަދުން ފެށިގެން އެމްޑީޕީގެ މެންބަރެއްތީ އާއި، އެ މެންބަރަކު ވޯޓުލާ ރަށް ޗެކްކުރުމަށް
MEM (space) [national ID number] ޖެއްސެވުމަށްފަހު 637 އަށް ފޮނުއްވުމުން އެމީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާ ފޮށި ބެލޭނޭ ކަމަށެވެ. އެމްޑީޕީން ދިރާގާއި، ވަތަނިއްޔާގެ އެހީތެރިކަމާއެކު މި ޚިދުމަތް ތަޢާރަފް ކުރުމުގެ ބޭނުމަކީ އެމްޑީޕީގެ މެންބަރުންނަށް ވޯޓުލުމުގައި ލުއިފަސޭހަ ގޮތްތައް ތަޢާރަފްކޮށް މި ވޯޓުގައި އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުން ބައިވެރިކުރުން ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި އަދި ލިބިގެންދާނީ ދިރާގުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
މި އެޕްރީލްމަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އިންތިޚާބުގައި، ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމީހަކު ވޯޓުލީތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުން ވާނަމަ މިމަހުގެ 10 ވާ އާދީއްތަ ދުވަހުގެ ކުރިން އައިޑީ ކާރޑްގެ ކޮޕީއާއެކު ލިޔުމަކުން އެމްޑީޕީގެ މައި އޮފީހުގައި ރަޖިސްޓްރިވާން ޖެހެއެވެ. އެހެން ކަމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެމްޑީޕީ ސެކްރެޓޭރިއަޓުން އިލްތިމާސް ކުރެއެވެ.
އެމްޑީޕީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ހަމައެކަނި މީހުން ދިރިއުޅޭ ރަށްރަށުގައެވެ. އެހެން ކަމުން ރިސޯޓްތަކާއި، ސިނާއީ ރަށްރަށާއި، ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް އެމްޑީޕީ އިންތިޚާބާއި ބެހޭ ކޮމިޓީން މައުލޫމާތު ދެއެވެ.