މެންބަރުންގެ ޚިޔާލު: ހަމަހުސް ސިޔާސީ ބޮއްކުރައެވެ!!!

ފުނަމާ

siyaasee-bokkura-450-x-299

މިއަދުގެ ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާލާއިރު މިފެންނަމުންދާ އެކިއެކި ކަންކަމާ މެދު ފުންކޮށް ވިސްނާލަމާތޯއެވެ. ސިޔާސީގޮތުން ފުންނާބުއުސް ކަމުގައި ބުނެއުޅޭ މީހުންގެ އަމަލުތަކާ ވާހަކަތަކާމެދު ވިސްނުންތެރި ކަމާއެކު ބަލާލައިފިނަމަ އެތައް ވާހަކައެއް ކިޔައިދޭނެއެވެ.
އިދިކޮޅު ބައެއް މީހުން ބުނާގޮތުންނަމަ މިއަދު ރާއްޖެދެކެފައިވާ މިމިނިވަންކަމަކީ ނަގައިގަތް ރައީސްގެ މަސައްކަތެވެ. މިބުނާ އެއްޗެއް ބަލާލަމާތޯއެވެ. އެންމެ ފުރަތަމަ ހަނދާނަށް އަންނަނީ ވެރިކަމަށް އާދެވުމުން އުޅެގަތް ގޮތެވެ. ކުރީގެ ވެރިކަމުގައި އުޅުނިއްޔާ އުޅުނު ބަޔަކު ކަރުގައި ވާޖަހައި ދެމީއެވެ. މިވާހަކައަކީ މިހާރުދެން އާވާހަކައަކަށް ނުވާތީވެ ނުދައްކަމާ ހިނގާށެވެ. ދެން ހަނދާނަށް އަންނަނީ ރާއްޖޭގައި “ސަންގު” ކިޔާ މަޖައްލާއެއް ނެރެންފެށި ދުވަސްވަރެވެ. ވެރިކަމަށް އައީސްސުރެ މީޑިޔާގެ މިނިވަން ކަމުގައި އޮބިއަޅައިގެން އުޅުނު ކަލޭގެ ކުއްލިއަކަށް މީޑިޔާއަށް މިނިވަންކަން ދިނީޔޯލައެވެ. އެކަމަކު ސަރުކާރަށް ފާޑުކިޔައި ލިޔުނު ލިޔުންތަކުގެ ދެލިނުހިކެނީސް ފުލުހުން ފޮނުވައިގެން ޗާޕުކުރި މެޝިނުތަކާއެކު އެކަންކުރިހާ ބަޔަކު ކަސްތޮޅު އަޅުވާލައި އެކަން ނިންމާލީއެވެ. ކުރިކަމަކީ ސިޔާސީ ގޮތުން އޭނާއާއި އިދިކޮޅު މީހުން ހޯދީއެވެ. އިސާހިތަކު ވެރިކަމާ ތޮޅެފާނެ ކަމުގައި ހީވުމުން ޅިޔަނުވެސް ސައިޒަށް ކަނޑާލިއެވެ. ސިޔާސީގޮތުން ތިމާއަށް ހުރަސްއަޅާފާނެހެން ހީވާނަމަ މުސްކުޅިއަކަސް ދޫކޮށްނުލައި ކުޑަގޮޅިތަކުގައި ހައްޔަރު ކުރީއެވެ. މިއީއެބުނާ ރިފޯމު އެދުރުގެ ހާލެވެ. ނިޔަތުގައި ދުވަނީ ކުނި ކަރުގޮހޮރު ވަހެވެ.
ރާއްޖޭގައި ވެރިކަމުގެ ޚުދުމުޚުތާރުކަން ބޮޑުވެ ޖަލުތަކުގައި އެތަކެއް މީހުން މަރަމުން އޭރުގެ ކަތީބާއި އޭނާގެ އައުވާނުން ޖެހިލުމެއްނެތި ގެންދަމުން އައިސް އެންމެފަހުން ކެތްނުވާ ހިސާބަށް ދިއުމުން ދިވެހި ރައްޔިތުން މިސަރުކާރާ އިދިކޮޅަށް އެންމެފަހުން ތެދުވެ ހިންދަމާލުމުން މިއުޅެނީ ގާނޫނުއަސާސީ އިސްލާހުކޮށް އިސްލާހު ގެންނާށޭ ގޮވާ މަކަރުވެރި ރޭވުންތަކެއް ރާވަންފެށިއެވެ. ކުރީގެ ގާނޫނުއަސާސީ ހެދިހެން ދިގުދަންމާލައި ހިންގާފައިވާ އަނިޔާވެރިކަން ފަސްއަޅާ ފޮރުވާލައި ރައްޔިތުންގެ ތެރެއިން އިސްލާހަށް މަސައްކަތް ކުރާމީހަކުވިއްޔާ ހިފައި ހައްޔަރު ކުރުމަށް ވަގުތުގެ ބޭނުން ހިފާން މަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖޭގެ ހަގީގީ ރިފޯމިސްޓުން ކަމުގައިވާ އެމްޑީޕީގެ ބާރު އެއްދުވަހުން އަނެއްދުވަހަށް ގަދަވަމުން ދިއުމާއިއެކު ހިތުހުރިހައިގޮތެއް ހަދައި ނުލެވުމުން ޝައިތޯނީ އިތުރު ރޭވުންތަކެއް އެކަލޭގެ ސިކުނޑީގައި ރާވާލިއެވެ. މިކަމުގައި އޭނާއަށް އެންމެ ބޮޑަށް ވާގިވެރިވީ އެއިރުގެ ބަންޑާރަނައިބު ދޮން ހަސަނެވެ. ފުލުހުންގެ ބާރުގައި އެމްޑީޕީ ހަރުގެ ފުނޑާލައި އެމްޑީޕީ ކަފުންކޮށް ވަޅުލާން ދޮންގޮލާ ކުރިމަސައްކަތް ފެނަށްވުމުން އިތުރު ރޭވުންތައް ރާވައި މާނުުގެ ސަރުކާރާ ދުރައްދާކަމުގައި ދައްކައި އޭނާގެ ބައިވެރީންނާއި އެކު ސަރުކާރުން އިސްތިއުފާ ދިނީއެވެ. އަދި ދުވަހުން ދުވަހަށް އެކަލޭގެއަށް ޖާސޫސު ކޮށްދޭންވެގެން އިސްލާހީ ބައިވެރީންގެ ތެރެއަށް ވަދެ ހާލިހެދީއެވެ.
އެންމެފަހުން ސަރުކާރުން ބޭރުކޮށްލުމުން ތިމަންނާ ލައްވައި ކުށެއްނެތް ސާޅީސްފަސްހާސް މީހުންނަށް އަދަބުދީފިޔޭ މާފުކުރާށޭ ގޮވަމުން އެމްޑީޕީއަށްވަދެ މިޕާޓީގެ ރައީސްކަމުގައި ހުރި މުނަންެސް އަކީ ވެސް ނެގުނު ކަތީބުުގެ ބުމަރެކެވެ. ރޭވުމެއްގެ ދަށުން އެކަލޭގެ މިޕާޓީގެ ތެރޭގައި ހަރުކުރި ބޮމެކެވެ. ދުރާލައި ރޭވިގެން މިކަންކަން ހިންގަމުން ގެންގޮސްފައިވަނީ ފިސާރި އިޔަހޫދި ކަމާއެކުގައެވެ. ރިޔާސީ ކެންޑިޑޭޓްއެއް ނެރުމަށް ޕާޓީގެ ތެރެއިން ޕްރައިމަރީއަކަށް ދާންޖެހުމުން ފިސާރި ސާބިތުކަމާއެކު އެއިރު މިޕާޓީގެ ޗެއަރޕާސަން ކަމުގައި ހުންނެވި މިހާރުގެ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވައި އާންމު މެންބަރެއްގެ ހައިސިއްޔަތުން ކުރިމަތި ލެއްވުމުން މާނުގެ މުންޑަކުން ބޮލާފޮށާ އަޅައިގެންހުރި މުނަން ހީކުޅައީ އެއްވެސް އުނދަގުލަކާ ނުލައި އޭނާއަށް ރިޔާސީ ކެންޑިޑޭޓްކަން ލިބުނީ ކަމުގައެވެ. ނަމަވެސް ރައީސް ނަޝީދު އެރޭހުގައި ފަސޭހަކަމާއެކު ކާމިޔާބު ހޯއްދެވުމުން ނެގުނު ކަތީބުުގެ ޕްރޮޕެގެންޑާއާއި އެއްގޮތަށް މިޕާޓީގެ ހުރިހާ މެންބަރުންނަކީ އިސްލާމުން ނޫންކަމުގައި މޭރުންވާގޮތަށް ވާހަކަ ދައްކަމުން މިޕާޓީއަށް ވެރިކަން ލިބުނަ ނުދޭން ފާޅުގައި މަސައްކަތް ފެށިއެވެ.
ދެހާސް އަށްވަނަ އަހަރު މާނު ވެރިކަމަށް ކުރިމަތިލައި ނުކުތީ ވަރަށްބޮޑަށް ރާވައިގެންނެވެ. އޭނާއާއި އަޑިއަޑިން ގުޅިގެން ދޮންގޮލައާއި ބުރމާކަށިވެސް ނުކުތީ އެމްޑީޕީއަށް އޮތް ތާއީދު ކުޑަކޮށް ވޯޓުތައް ބައިބައި ކޮއްލުމުގެ ނިޔަތުގައެވެ. ނަމަވެސް ފުރަތަމަ ބުރުގެ ވޯޓުން މާނުއަށް ކާމިޔާބު ނުވުމުން ދެވަނަ ބުރަށް ދާންޖެހި ޔަގީނުންވެސް އެމްޑީޕީއަށް ކާމިޔާބު ވާނެކަން އެނގުމާ އަދި ބުރުމާމެން ކަހަލަ މީހުން މާނު ގާތު އާދޭސް ކުރުމުންވެސް ބައިވެރި ނުކުރުމުން މަޖްބޫރުވެ އެމްޑީޕީއާއި އެކު އިއްތިހާދުވީ މަކަރުވެރި ރޭވުން ތަކަކާއެކުގައިކަން ސާބިތުވަނީ އެންމެ އެކާވީސް ދުވަހުގެ ތެރޭގައި ބުރުމާކަށި އިސްތިއުފާދީ ދީލައިލުމުންނެވެ. ބޭނުމަކީ ޅަފަތުގައި ސަރުކާރު ވައްޓާލައި އަނެއްކާވެސް މާނު ވެރިކަމަށް ގެނައުމެވެ. އަދި ސަރުކާރުގައި ހުރެގެން ދޮންގޮލާވެސް ގެންދިޔައީ މިސަރުކާރަށް ފުރައްސާރަކޮށް ކުރީން ރޭވިގޮތައް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ. ދޮންގޮލާގެ ރޭވުމާއެއްގޮތައް ބުއްރާސް ކުކުޅެއްހެން މިޕާޓީ ހަލާކު ކޮއްލާން މަރުދެމުން ގެންދިޔަ ބޮނޑިބަތް ސޮރު ވެސް ކުޅުނީ ހަމަ އެއްރޯލެކެވެ. ނަމަވެސް އެމްޑީޕީގެ ވިސްނުން އެއްގޮތުގައި ބަދަލުނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ފަހަރަކު މީހަކު ފެއިލްވަމުންގޮސް އެންމެފަހުން މިއަދު މިފެންނަނީ ކުރީންވެސް ފެހިކާންއެރި ގަލަށް އަރަންއުޅޭތަނެވެ.
މިހާރު ފެންނަމުން މިދަނީ ޑީއާރުޕީ ދެބަޔަކަށް ބެހިގެން ކޯޅޭ މަންޒަރެވެ. މިއީ ކިހިނެއްވާ ކަމެއްކަމާމެދުވެސް ވިސްނާލުން މުހިންމެވެ. ނެގުނުކަތީބާއި އަރާރުން އެންމެ ބޮޑުވަމުން ދިޔައިރު ކުޑަމިނާއަށް އެންމެ ހޫނުބަހުގެ ހަމަލާތައް ދެމުން ގެންދިޔައީ ތުއްތޮން އެވެ. ދެންމެ ދެންމެ ކޯލިޝަން އުވާލުމުގެ އަޑުތައްވެސް އަރުވަމުން ގެންދިޔައެވެ. މިއަޑުތަކާއެކު ފެނިގެން ދިޔައީ ދޮންގޮލާ ކުޑަމިނާއާ ބައިއަތު ހިފިތަނެވެ. މިކަމަކީވެސް އެއްބަސްވުމާ ޚިލާފު ކަމެއް ކަމުގައި ޕީއޭއިން ގޮވައިނެގިއެވެ. އަދި މާނު ވަކިޕާޓީއެއް ހަދަނީ ކަމުގައިވެސް އަޑުއެރުވިއެވެ. ނަމަވެސް މިއިން އެއްކަމެއްވެސް ވާތަނެއް ނުފެނެއެވެ. މުނަންއާ ބުރުމާކަށި މިފެންނަނީ މާނުއާ މާގާތްވެގަނެގެން އުޅޭތަނެވެ. އެއްބަޔަކު އަނެއްބަޔަކާ ފިސާރި ގުޖަޑު ވެގެން އުޅޭކަމުގައި މިދަނީ މީޑިއާއާއި މަޖްލީހުގެ ތެރެއިންވެސް ހާމަކުރަމުންނެވެ.
ކަންވަމުން ދާގޮތައް ބަލާލާއިރު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ދަންނަވަން ޖެހެނީ މިހުރިހާ ކަންކަމަކީވެސް ހަމަ ސިޔާސީ ސްޓަންޓްއެއް ކަމުގައެވެ. މާނުގެ މޮޅުރޭވުމެއްގައި އެދަނީ ޑީއާރުޕީ ދެފަޅިއަށް ބަހައިގެން މިސަރުކާރާ އިދިކޮޅު ހުރިހާމީހުން މިދެފަޅިއަށް ގެންނަމުންނެވެ. އެންމެފަހުން ދެހާސް ތޭރަވަނައަހަރު މިދުއްވާ ހުރިހާ ސިޔާސީ ބޮއްކުރާ ތަކެއް އެއް ބޯސަލެއްގައި ބަނދެލާނެއެވެ. އަދި އެމްޑީޕީ ވެރިކަމުން ބޭލުމަށް އެކުގައި ނުކުންނާނެކަން ކަށަވަރެވެ.
މިހާރު މިބައިބަޔައް ބެހިގެން އުޅޭކަމުގައި ދައްކައިގެން އުޅޭ ބައިބައިން މިޕާޓީގެ ގޮފިތަކުގެ ރައީސުންނާއި ގުޅައި ވަކިއަދަދެއްގެ މެންބަރުން ހަމަކޮށްގެން އެމީހުންނާއި ބައިވެރި ވެއްޖެނަމަ ޚާއްސަ އިނާޔަތްތަކާއި އެކު ވަޒީފާގެ ފުރުސަތުވެސް ހުށައަޅަމުން އެބަގެންދެއެވެ. މިހުރިހާ ކަމަކީވެސް މިޕާޓީ ބަލިކަށި ކޮއްލުމަށް ރޭވުންތެރި ކަމާއެކު ހިންގަމުން ގެންދާ ކަންކަމެވެ. އަދި މިވަގުތަކީ މިޕާޓީގެ މުހިންމު އިންތިޚާބު ތަކެެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމުން ފިސާރި ރޭވުންތެރި ކަމާއިއެކު މެންބަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށްވެސް މަސައްކަތް ކުރަމުން ގެންދާނެކަން ދަނެގެން ޕާޓީގެ އިސްސަފުގައި ތިއްބެވި އެންމެހާ ފަރާތްތަކުންނާއި އާންމު މެންބަރުންވެސް ފިސާރި ހޭލައި ވިސްނައިގެން މިހިންގާ ކަންކަމަށް ސަމާލުވެ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަކީ މުހިންމު ކަމެކެވެ. އަނިޔާވެރީން އެތިބީ ދެފުށަށް މޫނު އަނބުރައިގެން ކަމުގައި ދައްކައިގެން ސިޔާސީ ބޮއްކުރާ ތަކެއްގެ ގޮތުގައިކަން ވިސްނާން ވާނެއެވެ. އެއިން އެއްޗަކަށް އޮޅިގެން އެރުނަސް ފެންކައްވައި ބަންޑުން ޖަހާނެކަން ދަންނާންވާނެއެވެ.