އެމްޑީޕީގެ ބަޖެޓްގެ އައްޑިހަ ޕަސެންޓް ދައިރާތަކަށް ޚަރަދުކުރަން ނިންމައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބަޖެޓްގެ 80 ޕަސެންޓް އެޕާޓީގެ ދާއިރާތަކަށް ދޭން ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޚަޒާންދާރު އަދި ރައީސް އޮފީހުގެ ފައިނޭންސް ސެކްރެޓަރީ އަޙުމަދު މައުސުމް ވިދާޅުވީ “ކުރިޔަށް އޮތް ތާނގައި ޕާޓީގެ ދާއިރާތައް ލާމަރުކަޒްކޮށް ހިންގުމަށް ދައުލަތުން ޕާޓީއަށް ދެއްވާ ފައިސާގެ 80 އިންސައްތަ މިހާރު އޮތީ ދާއިރާތަކަށް ދޭ ގޮތަށް ނިންމާފަ”. ކަމަށެވެ. އެގޮތުން ދާއިރާތަކުގެ އޮފީސްތަކުން އިދާރީ މަސައްކަތްތައް ނިންމައި ޕާޓީގެ މައި އޮފީހަށް އެންގުމުން އެ ދާއިރާއަކަށް ކަނޑައެޅިފައިވާ ފައިސާ އެ ދައިރާއަކާ ހަވަލުކުރައްވާނޭ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި މައުސޫމް އިތުރަށް ވިދާޅުވީ ދާއިރާތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުން ވެސް ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން މެންބަރުންގެ ނިސްބަތުންނެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީއަށް ވާދަކުރައްވާ މައުސޫމް ވިދާޅުވީ މިއަހަރު އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ލިބިފައިވާ 3.5 މިލިއަންގެ 80 އިންސައްތަ ކަމަށްވާ 2.8 މިލިއަން ދާއިރާތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ނިސްބަތުން ފައިސާދޭ ނަމަ މިހާރުގެ މެންބަރޝިޕަށް ބަލާއިރު އެންމެ ގިނަ ފައިސާ ލިބޭނީ ވިލިގިޅި ދާއިރާއަށެވެ. އަދި އެންމެ މަދުން ފައިސާ ލިބޭނީ ނިލަންދޫ ދާއިރާއަށެވެ.
އެމްޑީޕީގެ ޚަޒާންދާރުގެ ހައިސިއްޔްތުން އެންމެ އުފާވަނީ ޕާޓީ ދަރަނިވެރި ނުވެ ހިނގަމުންދާތީ ކަމަށާއި، އެމްޑީޕީއަށް އެކި ފަރާތްތަކުން ވަރަށް ދީލަތި އެހިތަކެއް ވެދެއްވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރޭގައި އެއްވެސް ބެރުގެ ފަރާތެއް ނުހިމެނޭ ކަމަށް މައުސޫމް ވިދާޅުވިއެވެ. މިގޮތުން ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުންނާއި، ބައެއް އާންމު މެންބަރުން ވެސް ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް އެމްޑީޕީގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރަމުންދާ ކަމަށް މައުސޫމް ވިދާޅުވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ފަންދް ރައއިސިންގ ކޮމިޓީގެ ޗެއަރޕާސަން އިސްމާއީލް ޝަފީއު (ސްޓެޓިކް އިއްސެ) އާއި، އެ ކޮމިޓީގެ މެންބަރު އަދި އެމްޑީޕީ އިންތިޚާބުގެ ޗެއަރޕަސަން ނައިބުގެ އިދާރީ ކަމަށް ވާދަކުރައްވާ އާދަމް އަބްދުލް ޤަފޫރު (ތުއްތުބެ) ވެސް ބައިވެރިވެލެއްވިއެވެ،