މެންބަރުންގެ ޚިޔާލު: ވެދިޔަތަނުން ޢިބްރަތް ލިބިގަންނާށެވެ.(2 ވަނަ ބައި)

ފުނަމާ

mdp-muraidhoo2

މީގެކުރީން ރަށްހިންގާން ތިބިބައެއްގެ މަސްލަހަތު އޮންނަ ބަޔަކަށް މުސާރަދީގެން ރައްޔަތުންގެ އިންޖީނުގޭގައި ގެންގުޅޭ ވެލްޑިން ޕްލާންޓުން ރައްޔިތުންގެ ކަރަންޓު ޚަރަދު ކޮށްގެން މަސައްކަތް ކޮއްގެން ލިބޭފައިސާ އަކީ ވެސް އެމީހުންގެ އަމިއްލަ ޖީބަށް ވަންނައެއްޗެއް ކަމުގައި އޮވެ ރައްޔިތުންނަށް ހިންދަމާނުލެވޭ ވަރުގެ އަގެއް ނަގައި ލިބޭފައިސާއަށް ވާގޮތެއް ނޭނގި އިންޖީނެއް ހަލާކުވިޔަސް ސަރުކާރުން އެހީހޯދަމުން ގެންދާ ނިޒާމެއް އެކުލެވިގެންވާ އިންޖީނުގެ ތަކުގެ ތެރެއިން ޔުޓިލިޓީސް ކުންފުނި ތަކާއި ހަވާލުވި އިންޖީނުގެ ތަކަކީ މިހާރު ރައްޔިތުންނަށް ތަކުލީފެއް އުފުލަން ނެޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި އަގުހެޔޮ ޚިދުމަތެއް ފޯރުކޮށްދޭ ތަންތަން ކަމުގައި ގިނަބަޔަކު ގަބޫލު ކުރެއެވެ. އަދި މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އެތަންތަނުގެ ޚިދުމަތް އިހުނާޚިލާފަށް ކުރިއަރައި ސަބްމެރީން ކޭބަލުން ރަށްރަށުގެ ހަކަތައިގެ ވިއުގަ ގުޅާލުމާއި ވިންޑްފާމްތައް އުފެދިގެން އަތުވެދާނެ ކަމުގެ ހުވަފެންތައްވެސް މިއަދު ރައްޔިތުން މިދަނީ ދެކެމުންނެވެ. ހަމައެއާއެކު އިންތިޚާބުވި ބައެއް ކައުންސިލަރުން ބޮޑުމުޅޯ ހިފައިގެން މިފަދަ އިންޖީނުގެ ތަކުގެ ދޮރުފަޅާލައި ވަދެ އިންޖީނުގެތައް ހިސާރު ކުރަމުން ގަރާރުތަކުން އެތަންތަން އަތުލަމުން ” ކުރީގެ ދެވުނިއްޔާ ދެވުނު ، ނުދެވުނިއްޔާ ނެދެވުނު ” ނިޒާމަށް އެޚިދުމަތްވެސް އަލުން އަނބުރާ އިއާދަ ކުރުމަށް އެގެންދަނީ މަސައްކަތް ކުރަމުންނެވެ. ކައުންސިލްގެ ގަރާރުފާސްކުރުމުގެ އާސަގާފަތެއް އުފެދި މާދަމާ ފާސްކުރާ އެފަދަ ގަރާރަކުން ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިނުކުރިއްޔާވާ ނަސީބޭ ހިތައްއަރައެވެ.
ޖަޕާނަށް އައި ބިންހެލުމާ ގުޅިގެން އެހިތާމައިގައި ބައިވެރިވުމަށް ރާއްޖޭގެ އޮފީސްތަކުގެ ދިދަބައިދަނޑިއަށް ތިރިކުރުމަށް ހަމަޖެއްސި ދުވަހު ބައެއް ރަށުކައުންސިލްތަކުގެ އަމުރަށް އެކަން ނުކޮށްހުރި ރަށްރަށްވެސް ހުއްޓެވެ. އަދި އާތުއަވަރ ފާހަގަ ކުރުމަށް ބޭނުންނުކުރާ ދިއްލުންތައް ނިއްވާލުމަށް ސަރުކާރުން ކުރެއްވި އިލްތިމާސްއަށް ގޮންޖަހައި މިސްކިތް ތަކުގައިވެސް ހުރިއްޔާހުރި އެއްޗެެއް ދިއްލާފައި ބެހެއްޓުމަށް ބައެއް ކައުންސިލްތަކުން އަމުރު ކޮށްފައިވެއެވެ. އަދި ދެކޮޅު ނުޖެހި އެހެންނަމަވެސް ޔުޓިލިޓީސްއާއި އިންޖީނުގެ ހަވާލު ނުކުރާން ގަދަފައި ވިއްދާ ބައެއް ރަށު ކައުންސިލްތަކުން އެރަށްރަށުގެ މިސްކިތްތަކުގެ ކަރަންޓު ބިލްއާއި ރަށުއޮފީހުގެ ކަރަންޓު ބިލް ބޮޑުކޮށް އިންޖީނުގެއަށް ފައިސާ އިތުރު ކުރުމުގެ ގޮތުން ހުރިހާ ދިއްލުންތަކެއް ދިއްލާފައި ބަހައްޓާން ނިންމާފައި އެބަވެއެވެ.
މިފަދަ ނޭއްގާނި ކަންކަމުގެ ތެރެއިން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާފައިވާ މުހިންމު ޚިދުމަތްތަކަށް ބުރޫއަރައި ރައްޔިތުން ކުރަމުން ގެންދާ އުންމީދުތައް ގެއްލި ހުރިހާ ނިކަމެތިކަމެއް އާޚިރުގައި ރައްޔިތުންނަށް ލިބެމުންދާއިރު މިކަންކަމުންވެސް ނުކުންނަ ކޮންމެ ކަމެއްގެ ޒިންމާ އިދިކޮޅު ފަރާތްތަކާއި މިފަދަ ކައުންސިލްތަކުން އަޅުވާނީ ސަރުކާރުގެ ބޮލުގައެވެ. ތިމާމެންނަށް ލިބޭނެ ބޮޑުމުސާރައާއި ސަރުކާރަށް ދަތިކޮށް ރައްޔިތުންނަށް ދެމުންގެންދާ އެންމެ އަސާސީ ޚިދުމަތްތައް ހުއްޓުވާ ލައިގެން ބޮޑުއަންބާ އެއްހެން ވައުދު ނުފުއްދެޔޭ އަތްނުފޯރާ ފަށޭ ގޮވަމުން ސަރުކާރު ވައްޓާލަން މިހާއަވަހަށް ކައުންސިލް ތަކުންވެސް އެތިބީ ފޫގަޅައިގެން ނެވެ.
ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މިސަރުކާރުން އުންކާރުދީ ގެން ވޭތުވެ ދިޔަ އެތަކެއް އަހަރުން ނުހެދުނު އަދަދަށް ރަށްރަށުގެ ބަނދަރު ހަދައިދީ ނަރުދަމާ ގާއިމް ކޮށްދީ ބިންހިއްކާން މިކުރާހާ މަސައްކަތަކީ ރައްޔިތުން ދަރުވާލުމަށް ކުރާކަންކަން ކަމުގައި މިއަދު ގޮވަމުން ދާއިރު މިސަރުކާރަށް ދެތިންމަސް ނުވަނީސް މިކަންކަން ނުކުރެވިގެން ގޮވިގޮވެލިތައްވެސް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ސަރުކާރުން ކޮއްދޭ ކޮންމެކަމަކީ ގާނޫނު އަސާސީގައި އެކަން ކުރުން ލާޒިމް ކަމަކަށް ވާތީވެ ކޮށްދޭންޖެހޭ ކަންކަމޭ ނުކުރެވި އޮތްކަމެއްވިއްޔާ އެއީ ސަރުކާރު ފެއިލް ވެފައިވާތީވެ ނުކުރެވޭ ކަންކަން ކަމުގައި ގޮވަމުން ސަރުކާރާ ރައްޔިތުންނާ ދެމެދު ފަންއަޅައިގެން މަގުމަތީގައި ކަންކަން ކުރިޔަނުދޭން ކުރީން ތަންމަތި އަޅައިގެން ތިބި އިދިކޮޅު ސިޔާސީ ޕާޓީތަކާއި ބައިވެރިވެގެން ގާނޫނެއް ގަވާއިދެއްނެތި މިއަދު ބައެއް ކައުންސިލް ތަކުންވެސް އެތިބީ ނުކުމެއެވެ. ސޮނާމީގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ގެދޮރުއަޅާން ގެންނަ ސާމާނުވެސް ރަށްރަށަށް ބޭލުމުގައި އެގެންދަނީ ދަތިކުރަމުންނެވެ. ސަރުކާރުން ކުރާ ކޮންމެކަމަކީ ގާނޫނާ ޚިލާފު ކަމެއްކަމުގައި ނިންމައިދޭނެ އެތަކެއް މުއައްސަސާތައް އެބަހުރި ކަމުން އިތުރު ޖޯޝާ ފޯރިއާއެކު އެގެންދަނީ ކަންކަން ކުރަމުންނެވެ.
މިހާތަނުން ސަރުކާރުން މިކަންކަން ކުރުމުގައި ކުރީންގެންގުޅުނު ސިޔާސަތުތައް އިތުރަށް މުރާޖަޢާ ކުރާން އެބަޖެހެއެވެ. ރައްޔިތުންނަށް އިތުރު ޚިދުމަތްތައް ފަހިކޮށް ދިނުމަށާ ފަށާފައިވާ ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށް އިތުރު ވިސްނުންތަކެއް މިހާރުން މިހާރަށް ވިސްނާން އެބަޖެހެއެވެ. ރައްޔިތުންނަށް ޚާއްސަކޮށް ރާއްޖެތެރޭގެ ރައްޔިތުންނަށް މިދެމުންދާ ޚިދުމަތްތައް ނުހުއްޓުވި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ގާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި ހޯދައި އަމަލުކުރާން އެބަޖެހެއެވެ. ގައުމީ އިދާރާތަކާއި އެހެނިހެން ސަރުކާރުގެ މުއައްސަސާތައް ގާއިމްކޮށްގެން ނަމަވެސް ރައްޔިތުން ނަށް އެންމެ އެދެވޭ ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދޭން ވިސްނާންވެއްޖެއެވެ. މިހާތަނަށްވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރަމުން ގެންދިޔަ ދުއްތުރާތަކާ ތަކުގެ ސަބަބުން އޮމާންކަމާއެކު ކަންކަން ކުރުމަށް ސަރުކާރަށް ދަތިވެފައިވާ ދަތިވުން އިތުރުވިޔަނުދީ އެކަންކަމުން އިބްރަތް ލިބިގަނެގެން ކުރިއަށް ދާންއެބަޖެހެއެވެ. ރައްޔިތުންގެ ޙައްޤުގައެވެ.