ވެރިކަމާ ތޮޅުން ފަދަ އެއްވެސް މައްސަލައެއް އެމްޑީޕީ ތެރެއަކު ނެތް – ޑރ.ޑީޑީ

އިބްރާހީމް ރާމިޒް

ޑީއާރުޕީ ތެރޭގައި ޖެހިގެން އުޅޭ ކަހަލަ ވެރިކަމާ ތޮޅުމުގެ އެއްވެސް މައްސަލައެއް އެމްޑީޕީތެރޭގައި ނެތް ކަމަށް އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
ވޭތުވެދިޔަ ހަފްތާގައި ޑރ.ޑީޑީގެ ކެމްޕެއިން ޙަރަކާތްތައް ކުރިޔަށް ދިޔަ ގޮތާ ބެހޭ މައުލޫމާތު މީޑިއާ އާ ހިއްސާކުރެއްވުމަށް މިއަދު ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ.ޑީޑީ ވިދާޅުވީ ޑީއާރްޕީ ތެރޭގައި ހަމަނުޖެހުން އުފެދިގެން އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގެ ސަބަބުން ކަމަށާއި އޭނާއަކީ ވެރިކަމުގެ ދަހިވެތިކަމުގައި ނުކުމެވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށާއި، މި އިންތިހާބުން ބަލިވިޔަސް ޕާޓީން އިސްތިއުފާނުދެއްވާނެ ކަމަށެވެ.
ޑރ. ޑީޑީ އިތުރަށް ވިދާޅުވީ، އޭނާ ރައީސް ކަމަށް އިންތިޚާބުވުމަށް ފަހު، ޕާޓީގެ މެންބަރުންނަށް ކޮށްދޭން ޖެހޭ ޚިދުމަތަށް ބުރޫއަރާފަދަ މަގާމެއް ސަރުކާރުން ހުށަހެޅުއްވިޔަސް އެކަން ގަބޫލު ނުކުރައްވާނޭ ކަމަށާއި، ވެރިކަމަށް ހޮވިވަޑައިނުގެންނެވި ނަމަވެސް ފުރުސަތު ލިބުނު ވަރަކުން އެމްޑީޕީއަށް ޚިދުމަތްކުރުން މަތީ ދެމިހުންނަވާނޭ ކަމަށެވެ. މީގެ އިތުރުން ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައި އެރަށްރަށުގެ ރައްޔިތުން ކުރާ ޝަކުވާތަކާ ބެހޭ ރިޕޯޓެއް އިންތިޚާބުގެ ފަހުން ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އަރުއްވާނޭ ކަމަށް ވެސް ޑީޑީ ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ކެމްޕެއިން ވެސް ވަރަށް ފޯރިއާއެކު ކުރިޔަށް އެބަދެއެވެ. އެގޮތުން ޑރ.ޑީޑީ ރޭ ގ.ރެއިންބޯގައި ކެމްޕެއިން އޮފީހެއް ހުޅުވި އިރު މިރޭ އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ ނޫސްވެރިންނާއެކު މިރޭ އެމްއެންބީސީގެ ސެނެކޯ މާލަމުގައި ބާއްވާ އެއްގަޑިއިރުގެޚާއްސަ ހަރަކާތަކުން ރަސްމީކޮށް ކެމްޕެއިން ފައްޓަވާނެއެވެ.