މެންބަރުންގެ ޚިޔާލު: ވެދިޔަތަނުން ޢިބްރަތް ލިބިގަންނާށެވެ.(1ވަނަ ބައި)

ފުނަމާ

mdp-muraidhoo

މިސަރުކާރު ފެށިގެން މިއަދާ ހަމަޔަށް އައިއިރު މިސަރުކާރުގެ އަސާސްކަމުގައިވާ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ ގޮތުން ތަފާތު ގޮންޖެހުންތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތް ތަކަކީ ބަޔަކު ކިތަންމެ ތުންފިއްތިއަސް އުންމީދީ މަސައްކަތް ތަކެކެވެ. އެއްވެސް ކަމަކީ ހަމަކުއްލިޔަކަށް ބަދަލުވެ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޮނިމީރުކަން ލިބިގެންދާނެ ކަންކަމެއްނޫނެވެ.
ސިޔާސީގޮތުން ބަލާއިރު ރާއްޖޭގައި މިއޮތް ހަލަބޮލިކަމާ އާގާނޫނުއަސާސީ އިން އަލަށް ތަޢާރަފު ކުރެވިފައިވާ އެތަކެއް އާކަންކަމަކީ މިދެންނެވި ލަނޑުދަނޑިތަކަށް ވާސިލްވުމަށް ސަރުކާރަށް ހުރި ބޮޑެތި ގޮންޖެހުންތައްކަމުގައި ދަންނަވާން ޖެހެއެވެ. މީގެކުރީން މުޅިދައުލަތުގެ އިންޖީނުގެ ހެންޑެލި އެކެއްގެ އަތުގައި އޮތްއޮތުން މިއަދު މިވަނީ ބަދަލުވެފައެވެ. މީހަކު ބަންދުކުރަންވިޔަސް ރަށެއްގައި ބަނދަރެއް ހަދަންވިޔަސް އަދި ކިއެއްތަ މީހަކަށް ރިސޯޓެއް ދިނުމުންފެށިގެން ސަރުކާރުގެ ބިމެއް ވިއްކާލުން ވިޔަސް މިކަންކަން ކުރުމަކީ އެންމެ މީހެއްގެ އަމުރު މައުރޫފުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ލިޔެވިފައިވާ ގާނޫނުއަސާސީއެއް އޮތްނަމަވެސް ދައުލަތުގެ ބައެއް ވެރީން ދުލުން ވިދާޅުވާ ބަހަކީ ގާނޫނަކަށް ނުވަތަ ގާނޫނެއް ނޫންކަމުގައި ވެފައިއޮތް ޒަމާން މިއަދު މިވަނީ މާޒީވެފައެވެ. ސަރުކާރުން ކުރި އެއްވެސް ކަމެއް އެއީ ގާނޫނާ ޚިލާފުކަމެކޭ ބުނުމަކީ ރަނގަޅަސް ނުބަޔަސް ދީނާ ޚިލާފު ކަމެއްގެ ގޮތުގައި މީގެކުރީން ބަލެވެމުން އައިނަމަވެސް މިއަދު ސަރުކާރުން ކުރާކޮންމެ ކަމަކީ ޖަރީމާއެއްކަމުގައި ސާބިތު ކުރުމަށް ބަޔަކު އެތިބެނީ އަރުވާޖަހައި އެއްނަރަށް ފޫގަޅައިގެންނެވެ. ކޮންމެ ރޭގަނޑަކީ މިފަދަމީހުން ޖަލްސާކޮށް މާދަމާ ސަރުކާރު ގޮވައިގެން ކޯޓަށް ދާންވީ ކަމެއް ހޯދުމަށް މަސައްކަތްކުރާ ރެއެކެވެ. ތިންހާސް މީހުން ހަމަވިޔަސް ނުވިޔަސް ސިޔާސީ ޕާޓީ ހަދައިގެން ސަރުކާރުން ނަގާ ފައިސާގަނޑުން އެހެން މަސައްކަތެއް ނުކޮށް ހަމައެކަނި މިކަންކުރާން ތިބެވޭން މިއޮތީ މަގުފަހިވެފައެވެ. އަދި ސަރުކާރާ އިދިކޮޅަށް ކަންކަން ކުރުމުން ” މަޅިދަށުވާ ” މީހުންނާއި ގައުމުގައި ތިބި ބޮޑެތި މުޖުރިމުން ސަލާމަތް ކުރުމަށް ހޯދާފައިވާ ކޮންޓްރެކްޓް ތަކުން ލިބޭ ގިނައަދަދެއްގެ ފައިސާއަކީވެސް މިކަމަށް ބޭނުންކުރެވެން އޮންނަ އިތުރު ވަސީލަތެކެވެ. ކުރީގެ ” މަށަށް ހުރިހާ ގޮދައެއް ، ފަޅުވެރިންނަށް ފަށަންމަތީގައި ހުރި މުޅައެމެއް ” ބައިއެޅި ސަރުކާރުން ބައިލިބިގެން މަތިމައްޗައް އުނގެނުމުގެ ފުރުސަތު ލިބުނު ބައެއްމީހުންނާއި ” ވޮނޑޭ ތުނޑިއަށް ” ލެއްގިހާ އެއްޗެއް އެއްކޮށްގެން ދައުލަތުގައިހުރި ކޮންމެ މުއައްސަސާއަކަށް ކުންފުންޏެއް އުފައްދައި ތިމާގެ މުއްސަނތިކަން ވިލާތަކާ ހަމަޔައް އުސްވެފައިވާ މީހުންނަކީ މިއޮޅީގެ ތެރޭގައި ތިބެގެން ” ދީލަތި އެހީތައް ” ވެދީ އަތްބާރުއަޅާދޭ މޭސްތިރީން ކަމުގައި މިވަނީ ވެފައެވެ.
މީގެކުރީން ސަރުކާރާ އެއްކޮޅަށް ޚުޝާމަދު ކުރުމަށް އެއްވުންތައް ބޭއްވުން ފިޔަވައި ސަރުކާރާ ދެކޮޅަށް އެއްވެ އެއްޗެއް ބުނެލާބަޔަކީ ގައުމުގައި ތިބި އެންމެ ފެންވަރުދަށް ގޮތެއްފޮތެއް ނެތް މީހުންކަމުގައި ބުނެއުޅުނު މީހުން މިއަދު އެކަންއެކުރަނީ މިގައުމުގައި ތިބި އެންމެ ފުންނާބުއުސް އިލްމުވެރީން ކަމުގައި ވާތީ ކަމުގައިވެސް ބުނެއެބޫޅެއެވެ. ސިޔާސީ ގޮތުން ތިމާއަށް ކުރިއެރުން ހޯދާންވެގެން ކަމުގައިބުނެ ބައިވެރީންނާއި އެކު ދަތުރުކުރި އޮޑިފައްތާލާ ބޮޑުއޮޑިއަށް އަރައި އެއޮޑިވެސް ދިޔަހިލުވާލައި ސަލާމަތް ނުވެގެން ފަޅުވެރީންކޮޅު ކަނޑުފަތާފައި ދާންވީ ދެކުނައްކަމެއް އުތުރައްކަމެއް ނޭނގިވާ ހާލުގައި ތިބެގެންވެސް ގަޅިއުކަނީ ސަރުކާރަށެވެ. ތެދެކެވެ. ނޭނގި ނަމަވެސް ” ޗަބީ ވަހީދު” އެބުނީ ރަނގަޅަަށެވެ. މީހުން ގަޅިއުކާނީ މޭވާއަޅާ ގަހަކަށްތާއެވެ. ހަޅަޖަހައި ފަތްކޮޅު ތަޅާލާފައިވާ މަލެއް ތޮޅިއެއްނެތް ހިކި ހޯލިގަނޑަކަށް މީހަކު ގަޅިއެއްވެސް ނޫކާނެއެވެ. ތިމާމެންވަރުގެ ގާބިލް މޮޅު އެއްވެސް ބަޔަކު މިވުޖޫދުގައިވެސް ލައްވާފައި ނުވާކަމުގައި ” ދޮންގޮލާ” ޕާޓީގެ ދުލުން ގޮވާ ކުފުރުވަމުން ދާއިރު ދޮންގޮލާ އުޅެނީ މުރުތައްދުވުމަށް ބާރުއަޅައި ފޮތެއްވެސް ލިޔެގެން ކަމުން އަޖާބެއް ނުވެއެވެ.
ގާނޫނު އަސާސީގެ ދެފޮޅުވަތް ދޭތެރެއިން މާނަ ނެރެގެން ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދާ ހުރިހާ ޚިދުމަތެއް ހުއްޓުވައި ގުންޑާ ގުރޫޕުތައް ލައްވައި ފައިސާދީގެން މަގުމަތި ނާމާން ކުރުވައި އެވަރުން ނުވެގެން ރާއްޖެއެށް ވަންނަހާ ޑޮލަރެއްގެ ބޮޑުބަޔަކީ ތިމާމެންގެ މުށުތެރެއަށް ވަންނަ އެއްޗެއްކަމުން އެހިފަހައްޓައި ބެންކުތަކަށް ނުދީ ކަޅުބާޒާރު އުފައްދައި މިކަމުންވެސް ސަރުކާރު ވައްޓާނުލެވިދާނެތީވެ މިހާރު ރާވައި ގޮވަމުން އެގެންދަނީ ރާއްޖޭގެ ބައިނަލް އަޤްވާމީ ވައިގެ ބަނދަރު ހިސާރުކޮށް ރާއްޖޭގެ އިޤްތިސާދު ފުނޑު ފުނޑު ކޮއްލުމަށެވެ. މިސަރުކާރު ގެނައުމަށް ވޯޓުދިނީތީވެ މިގައުމުގެ ރައްޔިތުން ނަކީ ތިމާމެންގެ ދުޝްމަނުން ކަމުގައި ބަލައި ބަދަލު ހިފުމުގެ ގޮތުން ރައްޔިތުން ބަނޑައް ޖައްސައި ނުލެވިގެން އެތިބަ ތެޅިފޮޅެނީއެވެ.
މިހުރިހާ ކަންކަމުގެ ތެރެއިން މިއަދު ސަރުކާރަށް މުހިންމު ވެފައިވަނީ ކުރިއަށް ދިއުމެވެ. ރައްޔިތުން ގަބޫލުކުރާ ފެންވަރެއްގައި ތަފާތު ޚިދުމަތްތައް ތައާރަފުކޮށް ކުރިއެރުވުމުގެ އިތުރުން ހުރި ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމެވެ. މިގޮތުން މިސަރުކާރުގެ ޕްރައިވަޓައިޒޭޝަން މަޝްރޫއު ތަކަކީ ރައްޔިތުންނާއި އެންމެ ގުޅުންހުރި އަދި އެންމެ މުހިންމު މަޝްރޫޢު ތަކެވެ. މިގޮތުން ދަތުރު ފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލުމަކީ ރައްޔިތުންނަށް އެންމެ މުހިންމު އެއްކަންތަކެވެ. މިކަން ފުރިހަމަ ގޮތުގައި ހިނގައިގަނެ ޚިދުމަތްތަކާމެދު އިތުބާރު އުފެއްދުމަށް ދިގުމުއްދަތެއް ނަގާނެކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް މިހާރުވެސް ކުރީން ހާހުން ޚަރަދު ކުރާން ޖެހުނު ދަތުރު ތަކަށް އެންމެ ތިރީހަކަށް ފަންސާހަކަށް ރުފިޔާ ޚަރަދު ކުރެވެން ފެށުމުން މިކަމުގައި އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮވެއްޔެއް ގޮވިއަސް ޚިދުމަތް ލިބިގަންނަ ރައްޔިތުންގެ ތަރުޙީބު ދަނީ އިތުރުވަމުންނެވެ. ކުރީން ތިމާގެ އިންޖީނު ދޯނިން ނުވަތަ ލޯންޗުން މިރަށުން އެރަށަށް ދަތުރު ކުރުމަށް ދަތުރު ވެރިޔާ އަތުން އަތުލި ދޮޅުހާސް ނުވަތަ އެއްހާސް ރުފިޔާ ތިމާއަށް ނުލިބޭތީވެ ތުންފިއްތައިގެން ފެރީއަށް އަރާމީހުންނާދިމާލަށް ބަލާންމީހަކު ހުއްޓަސް ދަތުރުވެރީން އެކަމަކާ އަޅައެއް ނުލައެވެ. އެހެނަސް މިއަދު މިލިބިފައި އޮތް ކަންފުޅުވެސް ގެއްލިގެން ހިނގައި ދާނެތީވެ ކަންބޮޑުވުން އެބައޮތެވެ. އިދިކޮޅު ފަރާތްތަކުން އަރުވާ ޖަހާފައި ކޯޓައްގޮސް މިކަންކަން ހުއްޓުވާލުމަށް ކޯޓުއަމުރެއް ނެރޭނީ ކޮންއިރަކު ކަން ނޭނގޭއިރު ސަރުކާރާ ޚިލާފަށް މިކަމުގައި ރަށު ކައުންސިލުން ނުވަތަ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށް ނެރޭނީ ކޮންވަގުތެއްގައި ކަމެއް ނޭނގޭތީވެ ރައްޔިތުން މިއަދު މިތިބީ ހާސްކަމެއްގެ ތެރޭގައެވެ.
ހަމަ އެހެންމެ ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ކަރަންޓާއި ނަރުދަމާ އަދި ބޯފެނުގެ ޚިދުމަތް ތަކަކީ މިއަދު އެކަން ފަހިކޮއްދިނުމަށް ސަރުކާރަށް ލާޒިމްކޮއްފައިވާ ކަމެއްކަމުން ސަރުކާރުން އެވަނީ މިކަންކަން އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ ކޮންގޮތަކުންތޯ ބަލައި ރާއްޖޭގެ ހަތްސަރަހައްދެއްގައި ހަތް ޔުޓިލިޓީސް ކުންފުނި އުފައްދަވާފައެވެ. ސިޔާސީ އެތަކެއް އަރާރުން ތަކުގެ ތެރެއިން އެތަކެއް ގޮންޖެހުންތަކާއެކު ނަމަވެސް ޔުޓިލިޓީސް ކުންފުނިތަކާއި ހަވާލުކުރެވިފައިވާ އިންޖީނު ގެތަކުން ކަރަންޓްއަށް ނަގާ އެއްޗެއް އަމިއްލައަށް ރައްޔިތުން ހިންގާ އިންޖީނުގެ ތަކުން ނަގާއެއްޗަކަށްވުރެ ކިތަންމެ ތަނަކުން ކުޑަވެފައި ޚިދުމަތާމެދު އިތުބާރު ބޮޑެވެ.

ނުނިމޭ