އެމްޑީޕީ އިންތިޚާބުގެ ތިނަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ގަސަމް ނަން އަނބުރާ ގެންދަވައިފި

އިބްރާހީމް ރާމިޒް

de8edea6de90dea6de89deb0

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީ އިންތިޚާބުގެ ތިނަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަދި މިހާރު ވެސް އެދާއިރާގެ ވަގުތީ ރައީސްކަން ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، މިއަދު ނަން އަނބުރާ ގެންދަވައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމުގެ ނައިބު ކަމަށް ދާދި ފަހުން އިންތިޚާބުވެވަޑައިގެންފައިވާ ގަސަމް ނަން އަނބުރާ ގެންދެވުމަށްފަހު، އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާ ނަން އަނބުރާ ގެންދެވީ އެދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް، އިތުރު ބޭފުޅަކު ދާއިރާގެ ލީޑަރޝިޕަށް ގެނައުމަކީ މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީއާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އޮތުމުން، ތިނަދޫ ދާއިރާގެ ރައީސްގެ މަގާމަށް އެހެން ބޭފުޅަކަށް ފުރުސަތު ލިބިދިނުމުން ގައުމީ މަޖިލީހުގައި ތިނަދޫ ދާއިރާގެ ހިއްސާވެސް އިތުރަށް ބޮޑުވެގެންދާނޭ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
މީގެ އިތުރުން ގަސަމް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެފަދަ ކަމެއް ކުރުމުގައި ދާއިރާގެ ލީޑަރޝިޕުން އިތުރު ފަރާތްތަކަކަށް ފުރުސަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ގަސަމް އަކީ އެމްޑީޕީއަށްޓަކައި ވަރަށް ވަފާތެރިކަމާއެކު މަސައްކަތްކުރައްވާ އަދި ހަމަ އެހެންމެ، އެމްޑީޕީގެ އިސް ސަފުގައި ގުނާލެވޭ ގިނަ ބޭފުޅުން ފަދައިން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމްޑީޕީން ކުރި ބުރަ އަދި އުނދަގޫ މަސައްކަތުގައި ވެސް ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގެންފައިވާ، އިސްލާޙީ ހަރަކާތުގެ ހުވަދު އަތޮޅުގެ އެންމެ އިސް، އަދި އެންމެ ޒުވާން އެއް މޭސްތިރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ވެސް ގަސަމް ވަނީ ގިނަ ދުވަސްތަކެއް ބަންދުގައި ހޭދަކުރައްވާފައެވެ.
ގަސަމް ނަން އަނބުރާ ގެންދެވުމުން ކުރިން 3 ބޭފުޅަކު ވާދަކުރެއްވި އެމަގާމަށް ދެން ވާދަކުރައްވާނީ، ގދ.ތިނަދޫ މާކޯޅިގޭ ހުސައިން ޝަރީފް އާއި، އެރަށު މޫނިމާގޭ ޢަބްދުލް މުޢީދު އަބްދުﷲ އެވެ.