މެންބަރުންގެ ޚިޔާލު: އަހަރެމެންނަކީ މިގައުމުގައި އުޅޭ ރެފިއުޖީން ހެއްޔެވެ؟

ފުނަމާ

ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން - އެމްޑީޕީގެ މެންބަރުންނާ މެދު ބައެއް މުވައްސަސާތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށް އެ މެންބަރުން ގެންދަނީ ބުނަމުން
ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން - އެމްޑީޕީގެ މެންބަރުންނާ މެދު ބައެއް މުވައްސަސާތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށް އެ މެންބަރުން ގެންދަނީ ބުނަމުން

މިއަދު ރާއްޖޭގައި އުފެދިފައިވާ މަލްޓިޕާޓީ ސިސްޓަމްގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުންގިނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. ރާއްޖޭގައި ވެރިކަން ކުރަމުން މިވަގުތު މިގެންދާ ރޫލިންގ ޕާޓީއަކީވެސް އެމްޑީޕީއެވެ. މިކަމާ ބަޔަކު ކިތަންމެ އަސަރު ކުރިއަސް މިހަޤީގަތް މިއަދު ބަދަލު ކުރެވޭކަށް ނެތެވެ. ދެހާސް ތޭރަވަނަ އަހަރުގެ ނޮވެމްބަރ އެގާރަވަނަ ދުވަހާއި ހަމަޔަށް މިގައުމުގެ ވަލީއުލް އަމުރުގެ މަޤާމުގައި ﷲގެ ރަހްމަތް ފުޅާއެކު ދެމިހުންނަވާނީ އެމްޑީޕީގެ ލީޑަރ ފަޚާމަތުއް ރައީސް މުޙަންމަދު ނަޝީދުއެވެ.
ކަންމިހެން އޮތްނަމަވެސް މިސަރުކާރާ އިދިކޮޅު ޚިޔާލުތަކުގެ މީހުންގެ ވާހަކަތައް މުޅީން ތަފާތެވެ. ކުރީން ދިވެހީން ބުނެއުޅެމުން ގެންދިޔައީ ވެރިކަމަކީ ﷲ ތަޢާލާ މިންވަރު ކުރައްވާ ފަރާތަކަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް ދެއްވާ މަޤާމެކެވެ. ނަމަވެސް އެހެން އެބުނެ އުޅުނު ބައެއް ފަރާތްތަކުން މިއަދު ދައްކަނީ އެހެން ވާހަކައެކެވެ. އެމްޑީޕީ ވެރިކަމަށް އައީ މަގުމަތީގައި މުޒާހަރާކޮށް ކުރީގެ ސަރުކާރުގެ ވެރިމީހާއަށް ޖެއްސުންކޮށް ވެރިކަމުން ބާލައިގެން ގަދަކަމުން ނުވަތަ ރާއްޖޭގައިތިބި ބައެއް މަހުޖަނުންނާއި ރައްޔިތުންގެ މާބޮޑު ތާއީދެއް އޮތްބަޔަކު ތަބަކަކަށްލާފައި ވެރިކަން ދިނުމުން ކަމުގައެވެ. އެބުނާ މަހުޖަނުންނާއި ތާއީދު ބޮޑުބޭފުޅުން އަޅެފަހެ ވެރިކަމަށް ކުރިމަތިލައިގެން ކިހާހިސާބެއްގައި އުޅުއްވިކަން ހަނދާން އެބަހުރިބާވައެވެ؟
އިދިކޮޅު ފަރާތްތަކުން ބުނާގޮތުންނަމަ ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާ ކެބިނެޓުގައި ތިއްބަވަން ޖެހޭނީ އިދިކޮޅު މީހުންނެވެ. އެމްޑީޕީގެ މެންބަރަކު ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާ މީހަކު ކެބިނެޓުގައި އިށީނދެގެން ނުވާނެއެވެ. ސްޕްރީމް ކޯޓުން ކޮންމެ އެއްޗެއް ބުންޏަސް އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮންނަ މަޖްލީހުން ރުހޭބަސް ނުދެނީސް ކެބިނެޓަށް ރައީސް އައްޔަން ކުރައްވާ ވަޒީރެއްގެ ބަސް ވިކިގެން ނުވެޔޯލައެވެ. ބޮޑުބޭކަލުންނަށްވުރެ ކުދިބޭކަލުންގެ ބާރު މާގަދައެވެ. ރައީސުލް ޖުމްހޫރިއްޔާ ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވުމުން އަމިއްލަ ޒާތީ ތައައްސަބާހުރެ އިދިކޮޅު ފަރާތްރަކުން ކޮންޓްރޯލް ކުރާ މަޖްލީހުން ރުހުން ނުދީ ބޭރުކޮށްލާ ވަޒީރުންނަށް ދައުލަތުގެ މަގާމެއް ދިނުމަކީވެސް ނުދިންނަވާވަރުގެ ފާފައެއް ކަމުގައި ގެންދަނީ ބުނަމުންނެވެ.
ރައްޔިތުންގެ ތެރެއިން ސިވިލް ސާވިސްގެ ވަޒީފާއަކަށް އެމްޑީޕީގެ މެންބަރަކު ވައްދައިގެން ވާކަށް ނެތެވެ. ސިވިލް ސާވިސްގެ ވަޒީފާއެއްގައި ހުރިމީހަކު އެމްޑީޕީއަށް ސޮއެކޮށްގެން ވާކަށް ނެތެވެ. ސިޔާސީ މަގާމެއް މިޕާޓީގެ މެންބަރަކަށް ދީގެން ނުވާނެއެވެ. ރާއްޖޭގައި ހިންގާ އެއްވެސް ކުންފުންޏެއްވެސް ރަޖިސްޓަރީ ކުރާއިރު ހިއްސާދާރުންނަކީ އެމްޑީޕީގެ މެންބަރުންނަށް ވެގެން ނުވާނެއެވެ. އަދި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އެމްޑީޕީގެ މެންބަރަކަށް ވަޒީފާދީގެންވެސް ނުވާނެއެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުންނަމަ އެމްޑީޕީގެ އެއްވެސް މެންބަރަކަށް މިގައުމުގެ ދައުލަތުގެ ވަޒީފާއެއް ދިނުމަކީ ނުދިންނަވާ ވަރުގެ ބޮޑުފާފައެއް ކަހަލައެވެ.
މީގެކުރީން ސަރުކާރުން ރަށްރަށުގައި ކައުންސިލަރުން އައްޔަން ކުރައްވާފައި ތިބިދުވަސްވަރު އިދިކޮޅު ފަރާތްތަކުން ގޮވާނަގަނީ އެކައުންސިލަރުންނަކީ ބޮޑެތި ވަގުން ކަމުގައެވެ. ތަނެއް ދޮރެއް ނުދަންނަ ޖާހިލުން ކަމުގައެވެ. އެހެނީ އެކައުންސިލަރުން ނިސްބަތްވަނީ އެމްޑީޕީއަށް ކަމުގައި ވާތީއެވެ. އެމްޑީޕީއަށް ނިސްބަތްވާނަމަ މުޅީންވެސް ތިބެނީ މަސްތުވާ އެއްޗެތީގެ އަޅުންނަށް ވެފައިވާ ތަނެއް ދޮރެއް ނޭނގޭ ޖާހިލު ބައެއް ކަމުގައި އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި ގޮވަމުން އެގެންދަނީއެވެ.
ސިވިލް ސާވިސްގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްނުވާ މުއައްޒަފަކު ކިތަންމެބޮޑު ކުށެއް ކުރިކަމުގައިވިޔަސް އެމީހަކާމެދު ފިޔަވަޅެއް އަޅާން އުޅުވަކީ ސިވިލް ސާވިސް އިން ވެސް އެކަން ކުއްވެރިކުރާނެ ކަމެކެވެ. އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރީން އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތި ވެރިކަން ހިންގަނީ ތިމަންމެންގެ ޕާޓީންނޭބުނެ ސިވިލްސާރވިސްގައި ތިބިއްޔާ ތިބި އެޕާޓީގެ މެންބަރުން ފިޔަވައި އެހެންމީހުން ވަޒީފާތަކުން ވަކިކޮށް ޕާޓީގައި ރެޖިސްޓަރީ ނުކުރާމީހުން އޮބިއަޅައިގެން ނަމަވެސް ޑީއާރުޕީއަށް ވައްދަމުން ގެންގޮސް ސިވިލްސާވިސްގެ ބޮޑު ޕަސެންޓެއް އޮތީ ޑީއާރުޕީއިން ކޮންޓްރޯލް ކޮށްފައެވެ. ޚާއްސަކޮށް ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޮޑުކަތީބުންނާއި ތިންހަތަރު ކަތީބުންގެ އިތުރުން ފަސްހަ ކުޑަކަތީބުން ލުމާއި އަތޮޅުއޮފީސްތަކަށް އަތޮޅުވެރީންގެ އިތުރުން މުއާވިނުންނާއި އިސްއެހީތެރީން ޚާއްސަ އެހީތެރީން ނުވިތާކަށް އެހީތެރީންގެ އެހީތެރީންނޭ ކިޔާ މަޤާމުތައް އުފައްދައިގެން އެއިން ކޮންމެމީހަކު ލައްވައި ޑީއާރުޕީ ޕްރޮމޯޓު ކުރަމުން ގެންދިޔަ ދުވަސް އަދި ދިވެހީން ހަނދާނެއް ނުނެތޭނެއެވެ.
ސިވިލްސަރވިސްގައި ހިމެނޭ ސަރުކާރާ އިދިކޮޅު އެއްވެސް މުއައްޒަފަކު ކިތަންމެބޮޑު ކުށެއް ކުރިކަމުގައި ވެގެން ވަކިކުރިޔަސް އެދެން އަނެއް ހަކަންތަކެވެ. ވަޒީފާޔާ ބެހޭ ގާނޫނާ ޓްރައިބިއުނަލް އޮންނާންޖެހޭނީ އެލާރޓްގައެވެ. ގާނޫނީ ހަމަތަކުގެ މަތީން ސަރުކާރުން އުނިކުރާންޖެހޭ ވަޒީފާއެއް އުނިކުރުމުގެ ފުރުސަތު ލިބުނަސް ދޭންޖެހޭ ނޯޓިސްއާއި ތިންހަތަރުމަހުގެ މުސާރައާއި އަނބިދަރީންގެ ކޮއްތުބޯފެން ނުދީގެން ލަވާހަޅޭކުން މުޅި ފަޒާ ގުގުމާލައެވެ. ސިވިލް ސާވިސްގެ މުއައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ވަކި އިމެއްގެ ތެރޭގައި ބޭއްވުމަށް ކުރީން ސިވިލްސާވިސްގެ ގާނޫނުގައި އޮތް މާއްދާ ސިވިލް ސާވިސްގެ ބޮޑުއިންސައްތައެއް ހިއްސާކުރާ ޑީއާރުޕީގެ މެންބަރުންނަށް އެޕާޓީގެ ހަރަކާތްތަކުގައި އަރުވާޖަހައިގެން ނޫޅެވޭތީވެ އުވާލާ ސަރުކާރަށް ޖެއްސުންކުރުމުގެ މެންޑޭޓު އެމީހުންނާ ހަވާލުކޮށް އެވަރުން ނުވެގެން ސިވިލް ސާވިސް ކޮމިޝަންއަށް މެންބަރުން ލުމުގެ ބާރުވެސް މަމެންގެ މަޖްލިހަށް ގުޅަކޮއްލީއެވެ. އިދިކޮޅު މީހުންގެ މެޖޯރިޓީ އޮންނަ މަޖްލީހުން ބޭނުން ވާއިރަށް ވަކިކޮށްފާނެތީވެ ކޮމިޝަނުގެ މެންބަރުން ރުއްސެވުން ހޯދާންވެގެން ދެދުވަހުން އެއްދުވަހު ސަރުކާރު ގޮވައިގެން ކޯޓައްގޮސް ނުވިތާކަށް ގަރާރު ނެރެ ނޫސްކޮންފަރެންސްތައް ބާއްވަމުން ގެންދާއިރު ހީވާންއުޅެނީ ދިވެހި ސަރުކާރަކީ ސިވިލްސާވިސް ކޮމިޝަންގެ ދަށުން ހިންގަމުން ގެންދާ ޑިވިޝަންއެއް އެއް ހެންނެވެ.
ސަރުކާރުން އައްޔަން ކުރައްވާފައިވާ ކައުންސިލަރުން ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުން ވަޒީފާއިން ވަކިވިއިރު ސިވިލް ސާވިސްގެ މުއައްޒަފުން ފެންވަރައި ތިއްތިވެގެން ރިލީޒްހޯދައިގެން އިންތިޚާބާ ކުރިމަތިލައި ފެއިލު ވުމުންވެސް އަނެއްކާ ކުރީންއުޅުނު ވަޒީފާގެ ގޮނޑިއަށެވެ. އައްޔަން ކުރައްވާފައިތިބި ކައުންސިލަރުން ނުހޮވުމުން ދާންވީ މަހަށޯލައެވެ. އެއްކަލަ ނޯޓިސްއެއް ތިންމަހުގެ މުސާރައެއް ކީއްކުރަން އަލުން ސަރުކާރުގެ ވަޒީފާ ގަނޑެއްވެސް ދީގެންވާކަށް ނެތެވެ. އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ވާތީވެއެވެ.
މަދަނަޔާ ލުއިލޯނާ މިނޫންވެސް ސަރުކާރުން ދެއްވާ އެއްވެސް ޚިދުމަތެއް އެމްޑީޕީގެ މެންބަރަކަށް ދީގެން ވާކަށް ނެތެވެ. ސައްވީސް ގަޑިއިރު އިދިކޮޅު މީހުން މީޑިއާ ތަކުގައި ގޮވައިނަގަނީ މިވާހަކައެވެ. ރަށަކުން ގޯއްޗެއް ދިނަސް ފުލެޓެއް ދިނަސް އެމްޑީޕީގެ މީހަކަށް ދީގެން ވާކަށް ނެތެވެ. އަޅެފަހެ އެމްޑީޕީގެ މެންބަރަކަށް ވުމުން މިގައުމުގެ ރައްޔިތުކަންވެސް ގެއްލި އެމީހުންނަކީ މިގައުމުގައި އުޅޭ ރެފިއުޖީންނަށް ވަނީހެއްޔެވެ؟ މިއަދު މިގައުމުގައި ތިއްބެވި އިއްޒަތްތެރި އިދިކޮޅު މެންބަރުން އެމްޑީޕީގެ މެންބަރުންނާ މުޚާތަބުކުރަނީ ރީނދޫހުން ޖެހިފައިވާ ފަނިފަކުސަތަކެއްގެ ނަމުންނެވެ.
އެމްޑީޕީގެ އިސްވެރީންނޭވެ. މިޕާޓީއަށް ނިސްބަތްވީތީވެ އަޅުގަނޑުމެންގެ އަބުރާ އިއްޒަތާ ކަރާމާތް ދުވާލަކު އެތަކެއް ސަތޭކަފަހަރު ނަގާލައި މިގައުމުގެ ރަށްވެހީންގެ ސަފުން ބޭރުކޮށް އަޅުގަނޑުމެން މިހާ ނިކަމެތި ހާލަތަކަށް ވައްޓާލަމުން ގެންދާއިރު މިގައުމުގެ ރޫލިންގ ޕާޓީއަކީ އަޅުގަނޑުމެން ނިސްބަތްވާ އަދި އަޅުގަނޑުމެން ކުރީގެ ސަރުކާރުގެ ބަޑިތަކުގެ ކުރިމަތީގައި މޭދިއްކޮށްގެން ތިބެމިހިސާބަށްގެނައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ނުވަތަ އެމްޑީޕީއެވެ. މިޕާޓީ ވެރިކަމަށް އައުމުގެ ކުރީން މިޕާޓީގައި މެންބަރުންގެ ގޮތުގައި ކެރިގެން ނުކުމެތިބި ސޯޅަވަރަކަށް ހާސް މެންބަރުންނަކީ މިއަދު ލީބިޔާގައި އެއުޅޭ ގައްޒާފީއާ އިދިކޮޅު ނިކަމެތި ރައްޔިތުންނަށް ވުރެވެސް ބިރުވެރި ހާލެއްގައި އުޅުނު ބައެކެވެ. އެހެނަސް އެދުވަސް ފާއިތުވެގޮސް މިޕާޓީގެ މެންބަރުން މިއަދު ބާރުވެރިކޮށް މިޕާޓީގެ ވަހުދަތު ހިފަހައްޓަވާން އިސްސަފުގައި މަސައްކަތް ކުރައްވާ މިޕާޓީގެ ވެރީން މިހާރަށްވުރެ ބޮޑަށް މިކަންކަމާމެދު ވިސްނަވާން އެބަޖެހެއެވެ. މިއަދު މިގައުމުގައި އަޅުގަނޑުމެން މިފަދައިން ނިކަމެތި ކޮށްލަމުން ދާއިރު މާދަމާ އެއިދިކޮޅު މީހުން ނުވަތަ އާޒިމާ ޝުކޫރުމެންފަދަ ފުންނާބު އުސް އުސްތާޒުން އަޅުގަނޑުމެންނަކީ އެމީހުންގެ ދުޝްމަނުން ކަމުގައި ފާޅުގައި ބުނަމުން ގެންދާއިރު އެމީހުންގެ އަތުގައި ބާރުވެރި ކަމެއް ޖެހޭ ދުވަހަކުން އަޅުގަނޑުމެން އުޅެންޖެހޭނެ ހާލަކާ މެދުވެސް މިޕާޓީގެ އިސްވެރީން ވިސްނައި ވަޑައިގަތުމަށް ދަންނަވަމެވެ. އަޅުގަނޑު މެންނަކީ މިގައުމުގައި އުޅޭ ރެފިއުޖީންނެއް ނޫނެވެ. އަދި އިދިކޮޅު މީހުން އެއުޅޭހެން އަމިއްލަ ޕާޓީގެ ޕޯޑިއަމްތަކަށް އަރައި އަޅުގަނޑުމެންގެ ހައްޤުގައި ކަންކުރައްވާން އިސްކޮއްފައި ތިއްބެވި ވެރީންގެ މަސްހަފައި ރޮލާކާނެ މީހުނެއްވެސް ނޫނެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުން ތަކެއްގެ އަބުރާ އިއްޒަތާ ޝަރަފު ރޯމާ ދުވާލު ކަތިލަމުން ގެންދާއިރު އެކަމާ އިދިކޮޅަށް ތެދުވާން ނުކެރި ފިނޑިވެ ރަޖާލައިގެން ތިބޭނެ ބަޔަކީމު ވެސް ނޫނީމެވެ.