އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާމެދު ޝަރީޢަތުން ނިންމަވާ ފަހުގެ ޙުކުމަކީ، މި ނިޒާމު ހިންގެވުމަށްޓަކައި ބޭނުންތެރި ޙުކުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep

ސަރުކާރުން ކަނޑައަޅުއްވާފައިވާ އަތޮޅު ކައުލްސިލްތަކުގެ އިދާރާތަކާ މެދު ޝަރީޢަތުން ނިންމަވާ ފަހުގެ ޙުކުމަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ އަތޮޅުތައް ހިންގުމުގެ ޤާނޫނާއި، މި ނިޒާމާއި، އަދި މިކަން ހިންގެވުމަށްޓަކައި ބޭނުންތެރި ޙުކުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މަރުކަޒީ ރަށަކީ ފުނަދޫކަމަށާއި، އެ އަތޮޅު ކައުންސިލްގެ އިދާރާ ޤާއިމުވެފައި ހުންނަންޖެހޭ ތަނަކީ ފުނަދޫގައި ހުރި އަތޮޅު އޮފީސް ހިންގިތަންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި އެ ކައުންސިލުން ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، އެ ކޯޓުން ބުރާސްފަތި ދުވަހު ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި، އެމަނިކުފާނު މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމަވާފައިވަނީ، އެ އަތޮޅުގެ އިދާރީ ދާއިރާގެ މަރުކަޒީ ރަށަކީ ފުނަދޫކަމަށާއި، އެ އަތޮޅު ކައުންސިލްގެ އިދާރާއަކީ 7 އޯގަސްޓު 2008 ގައި ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު ފުނަދޫގައި ހުރި އަތޮޅު އޮފީސް ކަމުގައި ބަލަމުންއައި ތަން ކަމަށް ކަނޑައަޅުއްވައެވެ.

މި ނިންމެވުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މި މައްސަލާގައި ފުނަދޫ ކޯޓުން ނިންމަވާފައިވާ ނިންމެވުން، ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ދިރާސާ ކުރެއްވުމަށްފަހު އެ ނިންމެވި ނިންމެވުން އެއީ، ދައުލަތަށް ނުރަނގަޅު ނިންމުމެއް ކަމުގައި ވަނީނަމަ އިސްތިއުނާފަށް ހައި ކޯޓަށްވެސް އަދި ސްޕްރީމް ކޯޓަށްވެސް ހުށަހެޅޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މި އެންމެހާ ކޯޓުތަކުން ސަރުކާރުން ސާފުކުރައްވަން ނުވަތަ އޮޅުން ފިލުއްވަން ބޭނުންފުޅުވަނީ، ލާމަރުކަޒީ ޤާނޫނާއި، ޤާނޫނުއަސާސީގައި ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތަކާއި، ސަރަޙައްދުތައް ހިންގުމުގައި ކަނޑައަޅާފައި މިއޮތް އުޞޫލުތަކާއި މިންގަނޑުތައް ތަންފީޒުވެގެންދާއިރު އެކިއެކި ފަރާތްތަކުގެ ބާރުވެރިކަން ހުންނަން ޖެހޭ ގޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މާލޭގައި މީހުން ދިރިއުޅުމަށް ޢިމާރާތް ކުރަން ފަށާފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުން ގެރެންޓީ ދެއްވުމަށް މިދިޔަ ހަފްތާގައި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވުމާއެކު، އެ ނިންމެވުމުގެ މައްޗަށްވެސް ބައްލަވާލައްވައި، އެކަމުގެ އިތުރު ތަފްޞީލު ދެއްވިއެވެ.

މިގޮތުން އެފަދަ ފަރާތްތަކަށް ފައިސާދޭނެ ނިޒާމެއް ކަނޑައަޅައި، މިކަން ކުރިޔަށްގެންދާނެ އުޞޫލުތައް އެކުލަވާލުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަޝްވަރާގެ އަލީގައި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި މި އުޞޫލުތައް އެކުލަވާލައްވައި ނިންމެވުމަށްފަހު، ގެދޮރު ޢިމާރާތްކޮށް ނުނިމި ހުރި ފަރާތްތަކަށް ލޯނުގެ އެހީ ފޯރުކޮށްދޭނެ ޕްރޮގްރާމް ހިންގާނެގޮތާއި ފައިސާ ދޫކުރާނެ އުޞޫލު އިޢުލާން ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މާލެއިން މީހުން ދިރިއުޅުމަށްޓަކައި 1500 ގޯތީގައި ޢިމާރާތް ކުރުމަށް ސަރުކާރުން ހުއްދަ ދެއްވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މި 1500 ގޭގެ ތެރެއިން، 47 ޕަސެންޓް ގޭގެ މަސައްކަތް އަދި ނުފެށޭ ކަމަށާއި، 20 ޕަސެންޓް ގޭގެ މަސައްކަތް ފަށައި، ނުނިމިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ފަށައި ނުނިމިވާ 20 ޕަސެންޓް ޢިމާރާތުގެ މަސައްކަތް ހުއްޓިފައިވާ މައިގަނޑު ސަބަބަކީ، އެ ޢިމާރާތްތައް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ފައިސާ ނުލިބުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގެދޮރު ޢިމާރާތްކުރުމަށްޓަކައި ފައިސާ ލިބި، މި ހުރިހާ ގޭގޭގެ މަސައްކަތް ނިމިއްޖެނަމަ، މާލޭގެ ގެދޮރުގެ ދަތިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، މިއަދު ދެއްވި 91 ވަނަ ރޭޑިއޯގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.