މެންބަރުންގެ ޚިޔާލު: ގޯސް ނުގޮވާށެވެ!!!

ފުނަމާ

ފުރަތަމަވެސް ދަންނަވާލަން ޖެހެނީ ރައްޔިތުންގެ މަޖްލިސްގެ އޮއިވަރު މިހާރު ބަދަލުވަމުންދާ ވާހަކައެވެ. ހިތަށް އައިހާ އެއްޗެއް އެއް މެންބަރަކު އަނެއް މެންބެރަކަށް ގޮވާލައި މަދު ބައެއް މެންބަރުން އެފަދަ މަޖްލިހެއްގައި ހިންގައިގެން ނުވާފަދަ ހަޑިހުތުރު ޢަމަލުތައް ހިންގުމުގެ ސަބަބުން ރައްޔިތުންގެ ގިނަބައެއްގެ ކުރިމަތީގައި ދިވެހި ދައުލަތުގެ އެންމެ ކަރާމާތްތެރި މިމުއައްސަސާގެ އަގު ވެއްޓި މީޑިޔާއާއި އެހެނިހެން ފަރާތްތަކުންވެސް މަޖްލީހަށް ފާޑުކިއުން އިތުރުވެފައިވާ މިދުވަސް ވަރު މަޖްލީހުގެ ކުރީގެ ހޫނުގަދަ ވެށި މިހާރު މަޑުމަޑުން ފިނިވެ ރަނގަޅު އަމާޒަކާ ދިމާލަށް ދާންފަށައިފި ކަމުގެ މަންޒަރުތައް މިހާރު މަޖްލީހުގެ ތެރެއިން ފެންނާން ފަށައިފިކަމުގައި ދަންނަވަން ޖެހެނީ އުފާވެރި އިހްސާސްތަކަކާއި އެކުގައެވެ. މީޑިޔާއާއި ރައްޔިތުންގެ ފަރާތުން ތަފާތު ގޮތްގޮތައް އިވެމުންދިޔަ އަޑުތަކާ ހެދި ނުވަތަ ސިޔާސީގޮތުން އުފެދުނު މައްސަލަ ތަކަކާއި ގުޅިގެން މަޖްލީހުގެ މެޖޯރިޓީއަށް ކުރި އަސަރަކުން ނަމަވެސް މިއަންނާންފެށި ބަދަލުތަކަކީ މިގޮތުގައި ދެމެހެއްޓިއްޖެނަމަ އެމެންބަރުންނާމެދު ރައްޔިތުންގެ ހިތުގައި ގަދަރާއި އިހްތިރާމް އުފެއްދޭނޭ ކަމެއްކަމުގައި ދަންނަވަން ޖެހެއެވެ.
ކަންމިހެން އޮތްނަމަވެސް މަޖްލީހުގައި ދެކެވެމުންދާ ބައެއް ވާހަކަތަކަކީ ނޫންނަމަ ކޮންމެ ވާހަކައަކީ މުޅިގައުމު އެކަމަށް ސަމާލުކަން ދޭނެކަންކަމެވެ. އެގޮތުން ރައްޔިތުންގެ މަޖްލީހަކީ ރާއްޖޭގެ ގާނޫނުތަކަށް ބަދަލު ގެނައުމާއި އާގާނޫނުތައް ހެދުމުގެ ބާރުވެސް ލިބިދީފައިވާ އެންމެ ބާރުގަދަ އެއްމުއައްސަސާ ކަމުގައިވާތީވެ އެމަޖްލިހުގައި ހިނގާ ކޮންމެ ބަހުސަކީ ރައްޔިތުންނަށް އެކަމުން ތަފާތު އަސަރުތަކެއް ކުރާނެ ކަންކަމެވެ.
ރައްޔިތުންގެ މަޖްލިސްގެ މެންބަރުންނަށް މިހާރު ލިބެމުންދާ މުސާރައިގެ އިތުރުން އެލަވަންސެއްގެ ގޮތުގައި ވިހިހާސް ރުފިޔާ ދިނުމަށް ނިންމުމާއި ގުޅިގެން އެމައްސަލައަކީ މިފަހަކަށް އައިސް އެންމެ ހޫނުކޮށް އާންމުންގެ މެދުގައި ބަހުސް ކުރެވެމުންދިޔަ އެއްމައްސަލައެވެ. ތަފާތު މުޒާހަރާތައް ކުރެވި މެންބަރުންގެ އިއްޒަތާ ކަރާމާތައް ކަނޑައެޅިގެން ނުރަނގަޅު އަސަރުތަކެއް ކުރާމިންވަރަށް ބައެއް ފަރާތްތަކުން ހޫނު ބަސްތައް ރައްދުކޮށްފައި ވާކަންވެސް ފާހަގަކުރަމެވެ. އަދި މަޖްލީހުގެ މެންބަރުންގެ މެދުގައިވެސް މިމައްސަލައިގައި ޚިޔާލުތަފާތުވުން ތަކެއް ހުރިކަން އެމެންބަރުންގެ ވާހަކަފުޅުތަކުންވެސް އެނގެއެވެ.
އެންމެފަހުން ތަފާތު ސަބަބުތަކާ ހުރެ އެނިންމުން ބާތިލް ކުރުމަށް މިހާރު މަޖްލީހަށް ގަރާރެއް ހުށައެޅި އެދަނީ ބަހުސް ކުރެވެމުންނެވެ. މިބަހުސްގެ ތެރެއިން އިވެމުންދާ ބައެއް އަޑުތަކަށް ބަލާލާއިރު މަޖްލިސްގެ މެންބަރުންނަށް މިއެލަވަންސް ލިބެން ޖެހޭނެ ކަމުގައި ވާހަކަ ދައްކަވާ ބައެއް މެންބަރުން ހުއްޖަތެއްގެ ގޮތުގައި ދައްކަވާ އެއްވާހަކައަކީ އެބޭފުޅުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް އެބޭފުޅުންގެ އަތްޕުޅުން ބޮޑެތި ޚަރަދުތައް ކުރައްވާން ޖެހޭ ވާހަކައާއި އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން މާލޭގައި ތިއްބަވާއިރު އަމިއްލަ ގެދޮރު މާލޭގައި ނެތް މެންބަރުން ބޮޑުކުލި ދެއްވައިގެން އުޅުއްވާން ޖެހޭކަމުގެ ވާހަކައެވެ. މެންބަރަކު އޭނާއަށް މިހާރު ލިބޭ ފަސްދޮޅަސް ދެހާސް ފައްސަތޭކަ ރުފިޔާއިން ކޮންމެ މަހަކު މަދުވެގެން ފަންސާސް މީހުންނަށް ކޮންމެ މީހަކަށް އެއްހާސްރުފިޔާ ދެއްވާ ކަމުގައި ވިދާޅުވެފައި ވާއިރު އަނެއް މެންބަރަކު ޖީބުން ދެޕާސްޕޯޓު ނަންގަވައި މިއަދުވެސް ދެމީހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް އެއަރ ޓިކެޓް ގަނެދެއްވަން ޖެހޭކަމުގައި ވިދާޅުވެފައި ވެއެވެ.
ސުވާލަކީ ރައްޔިތުންގެ މަޖްލީހަށް ކުރިމަތި ލެއްވިއިރު މިހިރަކަންމަމަށް އެބޭފުޅުން ވިސްނާ ވަޑައިގެންނެވި ބާވައެވެ. ރައްޔިތުންގެ ވޯޓު ހޯއްދެވުމަށް ދެއްކެވި ކުލަހުވަފެންތައް ހަނދުމަފުޅުގައި އެބަހުރިބާވައެވެ. މާލޭގައި އިއްޒަތްތެރި ދިރިއުޅުމެއް އުޅުއްވުމަކީ ކިހާވަރެއްގެ އަގުބޮޑުކަމެއްކަން ކުރީން އިހުސާސް ކުރެއްވުނު ބާވައެވެ. އަދި ބައެއްބޭފުޅުން ހޮވައި ދެއްވައިފިނަމަ އުޑުގައިހުރި ތަރި ބާލައިދެއްވަންވީ ވަޢުދުތައް މިއަދު ހަނދުމަފުޅުގައި އެބަހުރިތޯއެވެ؟
ދާއިރާގެ ރައްޔިތުން ބަލިވެގެން ބޭސްފަރުވާ އަށް އެދި މެންބަރުން އަރިހަށް އައުމުން މަދަނައިގެ ދަށުން އެފަރާތްތަކަށް ބޭސްފަރުވާ ކުރެވޭނެގޮތް އަންގަވައި މަދަނަ ޕްލަސްގެ ބޭނުން ތެރިކަން އޮޅުން ފިލުއްވައި ދެއްވާނަމަ ހާދަހާ މެންބަރުންނަށް ލުއިވީސް ދޮގެއްތޯއެވެ؟ ނަމަވެސް ބައެއް މެންބަރުންނަކީ މިސަރުކާރުން ހިންގަވާ މިފަދަ ޕްރޮގްރާމް ތަކުގައި ތިމާގެ ބަސްހިނގާ މީހުން ބައިވެރިވުމާ ދެކޮޅު ހައްދަވައި އަދި މިފަދަ ކަންކަމުގެ ބޭނުމެއް ނެތްކަން ރައްޔިތުންނަށް އަންގަވައި ދެއްވުމަށް މަޖްލީހުގެ ތަޅުމުގައިވެސް ވާހަކަ ދައްކަވާ މެންބަރުން ކަމުގައި ވެފައި ތިމާ ނުރުހޭ ބަޔަކު ވެރިކަމުގައި ތިބޭތީވެ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގެއްނެތްކަން ތިމާގެ ދާއިރާއަށްވުރެ ބޮޑަށް ތަމްސީލް ކުރައްވާ ބޭފުޅުންކަމުން މިކަން މިމަގުންވެސް ނުގެންދެވެނީ ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
އަނެއް ވާހަކައަކަށް މިދައްކަވަނީ މަޖްލީހުގެ މެންބަރުންނާއި ފަނޑިޔާރުން ނުވަތަ މިނޫންވެސް ވަކި މަޤާމުތަކެއްގައި ތިއްބެވި ބަޔަކަށް މާބޮޑު މުސާރައެއް ދެއްވަން ޖެހޭނެ ކަމުގައި ވިދާޅުވެ ދައްކަވާ ވާހަކަތަކެކެވެ. މަޖްލިސް މެންބަރުންނަށް ބޮޑުމުސާރަ ދެއްވަން ޖެހެނީ ދާއިރާގެ ރައްޔިތުންގެ މުހުތާދުތައް ފުއްދައި ދިނުމަށޯލައެވެ. ފަނޑިޔާރުންފަދަ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ބޮޑުމުސާރަ ދެއްވަން ޖެހެނީ އަބުރުވެރި ޝަރަފުވެރި ދިރިއުޅުމެއް އެބޭފުޅުން އުޅުއްވުމަށް މަގުފަހި ކޮށްދިނުމާ އަނެކުންނަށް މުހުތާދުނުވެ ރިޝްވަތު ނުހިއްޕަވާ ނުދަރައި އުޅުއްވޭނެ މަގު ތަނަވަސް ކޮށްދިނުމަށޯލައެވެ. އެހެންނޫނީ މުއްސަނދީންގެ ޖީބުތަކަށް ފަނޑިޔާރުންފަދަ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެރިވިކިދާނެތީ ކަމުގައި ވިދާޅުވެއެވެ. ސުވާލަކީ އެގޮތައް ވިކޭބަޔަކު އުޅޭނަމަ ނުވިކި އުޅެވޭނީ ކިހާވަރެއް ދިނިއްޔާ ބާވައެވެ؟ ދައުލަތުގެ އާމްދަނީ ދައުލަތުން މުސާރަދޭ އެންމެންނަށް އެކަނި ބަހާލާފައި ދިނުމުން ބާވައެވެ؟
ކޮންމެ މީހަކަށްވެސް އެމީހަކު ކުރާމަސައްކަތަކާ އެއްވަރުގެ މުސާރައެއް ކަނޑައެޅި އެއްބަސްވެވޭ ގޮތަކަށް ދޭންޖެހޭނެއެވެ. އަދި އަދާކުރާ ވަޒީފާއަކާގުޅިގެން ދޭންޖެހޭ އިނާޔަތެއް ދޭންޖެހޭނެއެވެ. އެހެނެއް ކަމަކު ދުވާލަކު ދެލައްކަ ރުފިޔާ ބަލައި ގަންނަންޖެހޭ ކައުންޓަރެއްގައި މަސައްކަތްކުރާ ކޭޝިއަރަކަށް އޭނާ އެބަލައިގަންނަ ފައިސާއިން ކޮންމެދުވަހަކު އެއްހާސް ރުފިޔާ އޮޅުވާލައިގެން ގެއައް ގެންގޮސްފާނެތީވެ އެކަން ނުކުރުވުމަށޭ ކިޔާފައި މަހަކު ތިރީސްހާސްރުފިޔާ ދޭންޖެހޭނެ ކަމުގައި ބުނުމަކީ ހެއްވާ ކަމެކެވެ. ނަމަވެސް މިއީ މިމުޖުތަމައުގައި ކަންކަން ނިންމަވަން ތިއްބެވި ފަރާތްތަކަށް ގަބޫލު ކުރެއްވޭ ކަމެއް ކަމުގައި ވާނަމަ އަވަހަށް ރައްޔިތުންގެ މަޖްލީހަށް ބިލެއް ހުށައަޅުއްވައިގެން ރާއްޖޭގެ ވަޒީފާއެއްނެތް ކޮންމެ ދިވެހި ރައްޔިތަކަށް މަދުވެގެން ވިހިހާސް ރުފިޔާ ދައުލަތުން ދެއްވާ ގޮތައް ފާސްކޮއްލަ ދެއްވާށެވެ. އެއިރުން މިހާރު މިފެންނަހެން މަގުމަތީގައި ގުންޑާ ގުރޫޕު ހަދައިގެން މާރާމާރީ ހިންގާ މީހުންނާއި ވައްކަމާ ފޭރުމުގައި އުޅޭ މީހުން މުޅީން މިގައުމުން ހުސްކޮށް ކޮރަޕްޝަންގެ ނަންވެސް މިގައުމުން ފޮހެލެވިދާނެއެވެ. އޭރުން ދައުލަތުގެ މަގާމުތަކުގައި އުޅޭ އެންމެންވެސް ފުދި އިތުރުވެ އަނެއްކާ ފުލުހުންގެ މުއައްސަސާ ކުޑަކޮށް ފަނޑިޔާރު ގެތައްވެސް މަދުކޮށް ލެވި ދައުލަތުގެ ޚަރަދުތައްވެސް ކުޑަ ކުރެވޭނެއެވެ. އެއްވެސް މީހަކު އަތްމަތި ދަތިވެގެން ވައްކަން ކުރާކަށް ސިޔާސީ ބޭފުޅުންނަށް ގުންޑާކޮށް ދޭކަށް ނުޖެހޭނެއެވެ. މިހާރު ކަމެއްނެތިފައި ތިބި ބައެއް ޒުވާނުންނާއި އަށާރައަހަރުން ދަށުގެ ކުޑަކުދީންނާއި މިނޫންވެސް އުމުރުތަކުގެމީހުން މިގައުމުގައި ތަފާތު ކުށްތަކަށް ފައިސާގެ ބޭނުމުގައި އަރައިގަންނަ ރޭޓު ސުމަކަށް ޖައްސާލުމަކީ މިހެން ހަދާލައިފިނަމަ ފެންބޮއެފައި ވައިލުންހާ ފަސޭހަ ކަމެއްކަމުގައި ވެގެންދާނެ ދޮގެއްތޯއެވެ. އޭރުން އިއްޔެ ވިހޭ ތުއްތު ދަރިފުޅާއެކު ދެމަފިރިން އެކަނި އުޅޭ އާއިލާއަކަށްވެސް މަހަކު ފަސްދޮޅަސްހާސް ރުފިޔާއެވެ. ކިހާ ހިތްގައިމު ވާނެތޯއެވެ. ރާއްޖޭގެ ނަންވެސް ރިޕަބްލިކް އޮފް އީޒީ ލައިފް ކަމުގައި ހަމަޖައްސާލެވިދާނެއެވެ. ޒިންމާދާރު ވަޒީފާތަކުގައި އެތިއްބެވި ބޭފުޅުންނަށް ލައްކަ ލައްކައިން ލިބުމުންވެސް ދެކޮޅު ނުޖެހި ނާޖާއިޒު ގޮތުގައި ފައިސާ ހޯއްދަވަން ޖެހިދާނެކަމަށް ބިރުފުޅުގެން ވަޑައިގެން ތިގޮތައް ބައެއް ބޭފުޅުން ވާހަކަ ދައްކަވާނަމަ އެމުސާރަދޭ ލާރީގެ ހިއްސާދާރުން ކަމުގައި މިތިބަ ވަޒީފާއެއްނެތް އެއްޗެއް ދިއްކޮށްލާނެ މީހަކުނެތް އެތަކެއްހާސް މީހުންނަށް މިފަދަ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް ތިޔައިއްޒަތްތެރި މެންބަރުން އުޅުއްވާނެނަމަ ހާދަހާވާ ރަނގަޅޭ ހިތައް އަރައެވެ. އެހެންނޫނީ މަރުގޯސް ނުގޮވައި ތިއްބެވުން ރަނގަޅުވާނެއެވެ.