ރައީސުލްޖުމްހޫރިއްޔާ، ސާކްގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

dhiyana

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސާކްގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދާ، މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކާބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި، ރައީސުލްޖުމްހޫރިއްޔާއާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކްގެ ޤައުމުތަކުގެ މެދުގައި، ދަތުރުފަތުރުގެ ގުޅުމެއް ޤާއިމު ކުރެއްވުމަށް އެމަނިކުފާނު އިސްނަންގަވައިގެން ހުށަހަޅުއްވާފައިވާ ހުށަހެޅުން ޙަޤީޤަތަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގައި ބާއްވާ ސާކް ސަމިޓްގައި މިކަމާބެހޭ ހަރުދަނާ އެއްބަސްވުމަކަށް އާދެވި، މިކަމުގެ ޢަމަލީ މަސައްކަތް ފަށައިގަތުމަށް ކުރަންޖެހޭ މަސައްކަތް ބާރަށް ގެންގޮސްދެއްވުމަށް ސާކް ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސާކް ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ޤައުމުތަކުގެ މެދުގައި، ކާގޯ ފެރީގެ ނިޒާމެއް ޤާއިމު ކުރުމަށް ކުރަންޖެހޭ ެ މަސައްކަތްތައް ކުރުމަކީ، އެކަމަނާވެސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ މަޝްވަރާތައް މިހާރު ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

މީގެއިތުރުން، ސާކާއި، ސާކްގެ ސެކްރެޓޭރިއަޓްގެ މަސައްކަތް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މަޢުލޫމާތުވެސް އެކަމަނާ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދަކީ، ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ.