މެންބަރުންގެ ޚިޔާލު: ބޮމެއް ޑިފިއުޒް ކޮށްލައިފި!!!!!

ފުނަމާ

majlis

ވޭތުވެ ދިޔަ ހޯމަދުވަހަކީ ރާއްޖޭގެ މަޖްލިހުގައި އިތުރު ފިޔަވަޅެއް ކުރިއަށް އެޅި ދުވަހެކެވެ. މިހާރަކަށް އައިސް ރައްޔިތުންގެ މަޖްލީހަކީ ގިނަ ރެކޯޑްތަކެއް ގާއިމްކޮށް އާކަންތައްތަކެއް ތަޢާރަފް ކުރަމުން ގެންދަވާ މެންބަރުން އެކުލެވިގެންވާ މަޖްލިހެކެވެ.
ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފިލްމުތައް އުފައްދާއިރުވެސް އަބަދުވެސް ކުރީން ނިކުމެފައި ހުންނަ ފިލްމުތަކާއި ވާދަކޮށް ހިޓަކަށް ހަދާލުމަށް އާގޮތްތައް ތަޢާރަފު ކުރުމަކީ ކުރަމުން ގެންދާ ކަމަކަށް ވެފައި ރައްޔިތުންގެ މަޖްލިސް އަކީވެސް ވަގުތުން ލައިވްކޮށް ބަލާލެވޭ އަދި ހަފްތާއަކު ތިންދުވަހު ކަމެއްނެތިފައި ތިބޭ އަޅުގަނޑުމެން ކަހަލަ މީހުންނަށް ވަގުތު ކަނޑާލަން އޮންނަ މުނިފޫހި ފިލުވާލާ ޝޯއެއް ކަމުގައި ހެދޭތޯ ބައެއް އިއްޒަތްތެރި އާޓިސްޓުން އެމަޖްލީހުގައި އެކުރައްވަމުން ގެންދަވާ ފަންނުވެރި މަސައްކަތްތަކަށް ޝުކުރުވެރިވަމެވެ. ނަމަވެސް 30 އަހަރުން މަތީގެ ސިޔާސީ އެކްޓިވިސްޓުންނަށް ނޫނަސް ބެލޭނެ މިންވަރަކަށް އެޕިސޯޑުތައް ތައްޔާރު ކޮށްދެއްވުމަކީ އަޅުގަނޑުގެވެސް އެދުމެކެވެ.
އެންމެފަހުން ހިޓްވި އެޕިސޯޑުން ފެނިގެން ދިޔައީ ތިމާބޭނުންވި ގޮތަކަށް ވޯޓުދޭން އުޒުރުވެރިވެ މަޖްލިހުގައި ވޯޓުނެގިއިރު ހާޟިރު ނުވި މެންބަރުން ގަދަފައި ވިއްދައި ރިޔާސަތުން ބޭރުކުރި ތަނެވެ. މީގެކުރީން ފެނިފައިވަނީ ބައެއް އިއްޒަތްތެރީން ސިޔާސަވެ ލާނެތްކަން ދައްކަވަން ފެއްޓެވުމުން ރިޔާސަތުން ރަތްކާޑު ދައްކަވާ އެމެންބަރަކު ނުވަތަ މެންބަރުން މާލަމުން ބޭރަށް ފޮނުއްވާލަން އުޅުއްވާތަނެވެ. އެޕިސޯޑުތަކުގެ ސްކްރިޕްޓް ތަކުން މިހާތަނަށް ޑެލިވަރ ކޮއްދީފައިވާ ޑައިލޯގް ތަކަށް ބަލާއިރު ހެކިދެނީ އެގޮތަށެވެ. ނަމަވެސް 28 ވަނަދުވަހު ފެނިގެން މިދިޔައީ އެހެން މަންޒަރެކެވެ.
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވޯލްޑްކަޕް އިން އެންމެ ހިޓްވި ” ވައްކާ ވައްކާ ” ރައްޔިތުންގެ މަޖްލީހުގެ ކޮމެޓީ ކޮޓަރިއެއްގައި ރިލީސް ކުރެއްވުމުގެ ގޮތުން އެލަވަ އޭގެ އަސްލު ނުގެއްލޭ ގޮތައް މޮޑިފައި ކުރައްވައިގެން އަދި އަމިއްލަ ފުޅަށް ބެރުވެސް ޖައްސަވާ ޝަކީރާ އެގެންގުޅޭފަދަ ބަނިޔާދަން އެހާމެ ލޫޅާފަތި ނެށުން ފަނޑުކޮއްލެވޭ މިންވަރަށް ނެއްޓެވި މެންބަރު ހޮލީވުޑްގެ އޯނޯލްޑް ފަދަ ހިއްވަރުގަދަ ފަހުލަވާނެއްގެ ރޯލްކުޅުއްވައި ރިޔާސަތުގައި އިންނެވި ބޭފުޅަކަށް ކުރީން އެޖެންޑާ ކުރުމަކާ ނުލައި ކާޑުދައްކަވާ ފޮނުއްވާ ލެއްވި މަންޒަރެވެ. ކަންދިމާކުރި ގޮތުން އެސީންގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ އެޕިސޯޑްގެ ޑައިރެކްޓަރގެ ބަދަލުގައި އިންނެވި ބޭފުޅެކެވެ. އެސީން ނިމިގެން ދެންޖެހުނު ސީންގައި ފެނިގެން ދިޔައީ އަސްލު އެޕިސޯޑުގެ ޑައިރެކްޓަރ ރިޔާސަތުގައި އިށީންނެވުމުން ” އާނދޮގޭ ތިހެނެއް ނުހެދޭނެޔޭ ” ވިދާޅުވެ އެހެން އެކްޓަރަކު ތެދުވެ ޑައިރެކްޓަރ އަށް ހުރަސްއަޅުއްވައި އެޕިސޯޑް ނިންމާލިތަނެވެ.
މިފެށުނީ އަނެއް ކުޅިވަރުތާއެވެ. ތިމާނޭދޭ މީހަކު ރިޔާސަތުގައި އިށީނދެއްޖެނަމަ ކުރިއަށް އޮތްތަނުގައި ކަންކުރާންވީގޮތް ރައްޔިތުންގެ މަޖްލިސްގެ ބެސްޓް ޕްރެކްޓިސް އަކަށްވެ ގަވާއިދަކަށް ވެގެން ދިޔައީތާއެވެ. ހާދަހާވާ ފުރިހަމަވެފައި އިންސާފުވެރި ދޮގެއްތޯއެވެ؟ އަމިއްލަ ނުކުޅެދުން ތެރިކަމުގެ ސަބަބުން ސިޔާސީ ” ވައި ކުޅަނދުރަށް ” ވަމުންދާ ބައެއްގެ ނުކުޅެދުން ތެރިކަން މިހާރު މިދަނީ ރާއްޖޭގެ ރައްޔިތުންގެ އިއްޒަތްތެރި މަޖްލިހުން ފެންނަމުން އޭގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އެމުއައްސަސާގެ އަގު ކުރިއަށް ވުރެވެސް ބޮޑައް ވެއްޓެމުންކަން އެތިބަ ފާޓުފުޅާ އިއްޒަތްތެރީންނަށް އެނގި ވަޑައި ނުގަންނަވާ ކަމީ ހިތާމަ ހުރިކަމެކެވެ. އަދި ކަންބޮޑުވާ ކަމަކީ މިކަންކަމާ ގުޅިގެން އަޅުގަނޑުމެން ކަހަލަ ” ލަޓޯ ފަޓޯއިން ” ދޫދިގުވެ އެއްޗެއް ބުނެލާއިރަށް އިމްތިޔާޒު ފުޅުގައި ދަބަރު ޖަހާފާނެތީވެ ނުރައްކާ ކޮމެޓީއަކަށް ހާޒިރުކޮށް ފާނެތީއެވެ.
އެފަދަ ދެވަނައެއް ނެތް އިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަންއޮތީ ޗުއްޓީއެއް ނަންގަވައިގެން ނަމަވެސް އެކަނި މަންޒިލެއްގައި ވަގުތުކޮޅެއް ހޭދަކޮށް ލައްވައި ތިޔަބޭފުޅުން ތިޔަ މަގާމުތަކަށް ހޮވިވަޑައި ގަތުމަށް ރައްޔަތުންގެ ކުރިމަތީގައި ވެވަޑައިގެންނެވި ވައުދުތަކުގެ މަތީން އެންމެ ފަހަރަކު ނަމަވެސް ވިސްނާލައްވަ ބައްލަވާށެވެ. ނޫންނަމަ މިސްކިތަކަށް އަރާވަޑައިގެން އިޚްލާސްތެރި ކަމާއެކު ތިޔަބޭފުޅުން ތިމަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރީން ކުރެއްވި ހުވައިގެ މަތީން ހަނދުމަފުޅު ކޮއްލައްވަ ބައްލަވާށެވެ. ތިޔަބޭފުޅުން ތިޔަ ހާކަވާ ބޮޑަޔާ، ތިޔަ ދައްކަވާ ނޭއްގާނި އެހާމެ އަޚުލާގީ ފެންވަރުދަށް އަމަލުތަކުގެ ސަބަބުން ތިޔައިއްޒަތްތެރީން ރޯލްމޮޑެލުން ކަމުގައި ބަލައިގެން އުޅޭ ގިނަބަޔަކު ތިބޭފުޅުން ތިޖައްސަވާ ސަކަރާތް ބަލައިގެން އުޅޭންފެށުމުން މުޅިގައުމު މިދަނީ ފަނާވަމުންނެވެ. އަމައެއް ލަމައެއް ވެރިއެއް ގެރިއެއް ވަކިނުވެ މުޅިގައުމު ފަސާދައިގެ އަނދަވަޅަކަށް ވެއްޓެމުން ދާއިރު މިއީ ޑިމޮކްރަސީއޭ ވިދާޅުވުމަކުން ނުފުދޭނެކަން ޔަގީނެވެ. އަދި ހަމަތިޔަ މަޖްލީހުގައި ރައްޔިތުންނަށް އިޚްލާސްތެރި ކަމާއެކު ރިވެތި ނަމޫނާ ދައްކަވާ ގިނަ މެންބަރުންގެ އަގުވެސް ތިފަދަ މެންބަރުންގެ ސަބަބުން ވެއްޓެމުން ދާކަން ގަބޫލު ކުރެއްވުން ކީއްތޯއެވެ.
ކަންމިހެން އޮތްއިރު ޖެހިގެން އައިދުވަހު މިފެނިގެން ދިޔައީ ދިވެހިގައުމު އެކީގައި ގޮވައިގެން ހިނގައި ދާވަރުގެ ބޮމެއްފަދަ އިސްލާހެއް މަޖްލީހަށް ހުށައެޅިގެން ދިޔަތަނެވެ. މަޖްލީހުގެ ގަވާއިދަށް ހުށައެޅުނު އިސްލާހަކީ އެމަޖްލީހުގައި ނެގޭ އާންމު ބައެއް ވޯޓުތައް މިހާރުހެން ހާމަގޮތެއްގައި ނެގުން ދޫކޮށްލައި ސިއްރުވޯޓަކަށް ބަދަލު ކުރުމަށް ހުށައެޅުނު އިސްލާހެވެ. ފާޅުގައި މެންބަރުން ވޯޓުދެއްވުމުން އެމެންބަރުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވެ ވަޑައިގަތުމުގެ ގޮތުން ހުށައެޅުއްވި އިސްލާހެކޯލައެވެ. ނަމަވެސް މިއިސްލާހާމެދު ފުންކޮށް ވިސްނާލުމުން މިކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް އެކުލެވިފައި ވާކަމުގައި ކަންހިނގަމުން ދާގޮތައް ބަލާލާއިރު ދަންނަވާން ޖެހެއެވެ.
ތިމާވޯޓުދިންގޮތް ވަންހަނާކުރާން އެއުޅެނީ ކީއްކުރަންބާވައެވެ؟ ރައްޔިތުން ނަށް ވާނަމަ ތިޔަބޭފުޅުން ތިމަގާމަށް ލާފައި ތިބޭފުޅުން ވޯޓުލައްވާގޮތް ކީއްކުރަން އަވަހާރަފުޅަށް އޮށޯންނަވާ ގަޑިވެސް ބަލަން ބޭނުންވެއެވެ. ދެންއަންނަ ދައުރަކަށް ތިބޭފުޅުން އަޅުގަނޑުމެންނާ ހަމަޔަށް ވަޑައި ގަންނަވާއިރު ދޭނެޖަވާބެއް އަޅުގަނޑުމެން ކުރިޔާލައި ތައްޔާރުކުރާން އެބަޖެހެއެވެ. އަޅުގަނޑުމެން ނޭދޭ ގޮތައް އަޅުގަނޑުމެން ބޭނުން ނުވާގޮތައްވެސް ތިބޭފުޅުންނަށް ކަންކަން ނިންމެވިދާނެއެވެ. ނަމަވެސް އެގޮތައް އެކަންކަން ނިންމަވާކަން އަޅުގަނޑު މެންނަށް އެނގިފައި އޮންނާން އެބަޖެހެއެވެ. ވީމައި އަޅުގަނޑުމެންގެ ވިންދާ އިދިކޮޅަށް ބޮޑު ފައިސާ ބޮނޑިއެއް ދިއްކޮއްލާ އިރަށް ވިކިފައި ހުރެގެން ވޯޓުދެއްވުމަށް މޮޅުގޮތެއް ސިއްރުވޯޓުން ހޯއްދަވަން ނޫޅުއްވާށެވެ. މިހެން މިދެންނެވީ މިހާރު މިއޮންނަ ގޮތުންވެސް ބައެއް އިޚްލާސްތެރި މެންބަރުން ވޯޓުން ކަޓު ނަންގަވާކަމުގައި ގިނަބަޔަކު ބުނެއުޅޭތީއެވެ.
ކޮންމެއަކަސް ރައްޔިތުންގެ މަޖްލިސްގެ ގިނަމެންބަރުންނަކީ މީހުން އެކިޔާއުޅޭ ވަރަށްވުރެ މާ ގައުމަށާ ރައްޔިތުންނަށް އިޚްލާސްތެރި މެންބަރުންކަން މިއިސްލާހުގެ ސަބަބުން މިއަދު ހާމަވެއްޖެ ކަމުގައި އުފަލާއެކު ދަންނަވަން ޖެހެއެވެ. ސަބަބަކީ މިނުރައްކާތެރި ބޮން ޑިފިއުޒް ކޮއްލެއްވުމުގައި ރައްޔިތުންނަށް ޓަކައި ގިނަމެންބަރުން ތިކޮށްދެއްވި މަސައްކަތް ރައްޔިތުން ބަލައި ގަންނާނީ ނުހަނު އިހްތިރާމްއާއި އެކުގައެވެ. ހަމަ އެހެންމެ އެކަން ބަލައިގަތުމަށް ވޯޓުދެއްވި ފަރާތްތަކުގެ ” އިޚްލާސްތެރިކަން ” ވެސް ރައްޔިތުންނަށް ހާމަވެގެން ދިޔައީތީއެވެ.