ކޮންމެ ޑޮލަރަކަށް ފުލުހަކު ބަހައްޓައިގެން ނަމަވެސް ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ރައީސް ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި ޑޮލަރު އެބަހުރި ކަމަށް ރައީސް ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރުކުރައްވައި، ކޮންމެ ޑޮލަރަކަށް ފުލުހަކު ބަހައްޓައިގެން ނަމަވެސް ޑޮލަރުގެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތްކުރައްވައި ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގައި ބެހެއްޓުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމްކުރައްވައި އެއުސޫލުތައް ދަމަހައްޓަވާނޭ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާވަރަށް ރާއްޖޭގައި ޑޮލަރުހުރި ހުރި ޑޮލަރު ލިބުމުގައި ތާށިވާން ޖެހޭ ސަބަބެއް އޮވެގެން ނުވާނޭ ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ މައިގަނޑު ފަސް ވައުދުގެ ތެރެއިން “އަތްނުލެވި” ވާ ވައުދަކީ ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުން ކަމަށެވެ. އެހެން ނަމަވެސް އެ ރޮނގުން ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެގޮތުން މުދަލާއި ތަކެތީގެ އަގު އުފުލެމުން ދިޔަ ނިސްބަތް 12 ޕަސެންޓުން މިހާރު 5 ފަސެންޓަށް މިހާރު ދަށް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި، އެ ގްރޫޕްގެ އެއް ނައިބު ރައީސް ކަމަށް އިއްޔެ ހޮވިވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ އާއި، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ މަރިޔަމް ޒުލްފާ ވެސް ވާހަކަފުޅު ދެއްކެވިއެވެ. މޫސަގެ ވާހަކަފުޅުގައި ޑީއާރުޕީގެ ޒައީމް މައުމޫން އަށާއި އެޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މައުމޫން އާއި އޭނާގެ ކޮއްކޮއާ މެދު ކުރެވިފައިވާ 800 މިލިޔަން ޑޮލަރުގެ ޚިޔާނާތުގެ ތުހުމަތު ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.