މަޝްހޫރު ބައެއް ފަންނާނުން އެމްޑީޕީއަށް ސޮއިކޮށްފި

އިބްރާހީމް ރާމިޒް

ރާއްޖޭގެ މަޝްހޫރު ބައެއް ފިލްމީ ފަންނާނުންނާއި ލަވަކިއުންތެރިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ރޭ ސޮއިކޮށްފިއެވެ.
އެމްޑީޕީން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޚާއްސަ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރެއްވި ބައެއް ފަންނާނުންގެ ތެރޭގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ކުރީގެ ފިލްމީ ތަރި އަދި މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކަށްފަހު ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާރު ރަސްކަން ކުރަމުންދާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި، އޭނާގެ އަންހެނުން ފާތުމަތު ފަރީލާ އާއި، ފިލްމީ ތަރި ޒިޔާ އާއި، ފައިސަލް އާއި ، ކުރީގެ މަޝްހޫރު ތަރި އަދި މިހާރު އަނެއްކާ ވެސް ފިލްމުތަކުން ފެންނަ ދަރާ ރަޝީދުއާއި، ފިލްމީ ތަރި އަދި ލަވަކިއުންތެރިޔާ މުޙައްމަދު ސޮބާހް އާއި، މަޝްހޫރު ލަވަކިޔުންތެރިޔާ ސަމީއުގެ އިތުރުން މަޝްހޫރު މިއުޒިޝަން އައްޔުމަން ޝަރީފް އާއި، މަޝްހޫރު ޑައިރެކްޓަރުން ކަމުގައިވާ އަހުމަދު ނިމާލް އާއި، އަލީ ޝިފާއު ހިމެނެއެވެ.
އެމްޑީޕީގެ އިސް ސަފުގައި ގިނަ އަދަދެއްގެ ފަންނާނުން މިހާރު ވެސް ޙަރަކާތްތެރި ވަމުން ގެންދަވައެވެ. އެގޮތުން ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކާއި، މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ ލުފްޝާން ޝަކީބް (ލޫއްޕެ) ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އެމްޑީޕީގެ މައި ސެކްރެޓޭރިއަޓް ގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމް އަދާކުރަމުން އަންނަ ފާތުމަތު ޝިއުނާ އަކީ ވެސް ކުރީގެ ފިލްމީ ތަރިއެކެވެ.
ރޭ އެމްޑީޕީއަށް ސޮއިކުރެއްވި ފަންނާނުންގެ ފަރާތުން ވާހަކަދެއްކެވި ޔޫސުފް ޝަފީއު ވިދާޅުވީ އެމްޑީޕީއާ ގުޅުމަށް ނިންމީ މިހާރުގެ ސަރުކާރަކީ އޯގާތެރި ސަރުކާރަކަށް ވާތީ ކަމަށާއި، އެ ފަންނާނުން ވެސް ބޭނުންވަނީ މި ގައުމަށްޓަކައި މަސައްކަތްކުރާ، އަދި ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ގެނެސްދިނުމަށް މަސައްކަތް ކުރާ ބަޔަކާއި އެކީ އެގޮތަށް މަސައްކަތްކޮށް އަމަލީ ގޮތުން އެ މަސައްކަތްތަކުގައި ބައިވެރިވުމަށް ކަމަށެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގައި ފަންނާނުންގެ ގޮތްޕެއް އުފެއްދުމަށްޓަކައި ފަންނާނޫންގެ ފަރާތުން ވަނީ އެމްޑީޕީއަށް ސޮއިކޮށްފައިވާ އިތުރު 50 މީހުންގެ ފޯމު އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާ ހަވާލުކޮށްފައެވެ.