އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބު މިއަދު ހަވީރު އޮންނާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބު މިއަދު ހަވީރު 4 ޖަހާއިރު އެޕާޓީގެ ސެކްރެޓޭރިއަޓް ގައި އޮންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު މި ބޭއްވޭ އިންތިޚާބުގައި، އެ ގްރޫޕްގެ ރައީސް އާއި، 2 ނައިބު ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ ނައިބަކާއި 3 ވިޕުން، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިޚާބު ކުރާނެއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އެ ގްރޫޕްގެ މިހާރުގެ ވެސް ރައީސް، މާލެ ސިޓީގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ އެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރުގެ ވެސް އެއް ނައިބު ރައީސް އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއާއި، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު އާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާ އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އެވެ. ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މާލެ ސިޓީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޤަފޫރު އެކަންޏެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް ވެސް ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެކެވެ. އެއީ ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމްއެވެ.
3 ވިޕުންގެ މަގާމަށް ވެސް ވާދަކުރައްވަނީ މިހާރުވެސް ވިޕުންގެ ގޮތުގައި ތިއްބަވާ 3 ބޭފުޅުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާޢަބްދުﷲ އާއި، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، އައްޑޫ ސިޓީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.