މެންބަރުންގެ ޚިޔާލު: ހިތާމަޔަކީ…!

ފުނަމާ

މިސަރުކާރު ނުވަތަ އެމްޑީޕީން މިކުރާ މަސައްކަތަކީ ރާއްޖޭގައި ހެޔޮވެރިކަމެއް ގާއިމްކޮށް ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމުގެ ނިޔަތުގައި ކުރަމުން ގެންދާ މަސައްކަތް ތަކެކެވެ. އެެކަން ހާސިލް ކުރުމައްޓަކައި އެންމެ ފުރަތަމަ މިސަރުކާރަށް ކުރާންޖެހޭ ގިނަގުނަ މަސައްކަތްތަކެއް އެބަހުއްޓެވެ. ރާއްޖޭގައި ބޯހިޔާވަހިކަން ނުލިބިވާ އެތަކެއްހާސް އާއިލާތަކަކަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި ބޭސްސިޓީއަށް ސަލާންޖެހުން ހުއްޓުވުމާ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމާ މުދަލުގެ އަގުތައް އަތޮފޯރާ ފަށަށް ގެނައުމާއި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުން މިކަންކަމަކީ ރާއްޖޭގެ ރައްޔިތުން އުފާފާގަތި ދިރިއުޅުމަކަށް ގެންދިއުމަށް ކުރާންޖެހިފައިވާ ނުހަނު އަސާސީ ކަންކަމެވެ. އެތަކެއް ގަރުނު މިގައުމުގެ ވެރިކަމުގެ ތާރީޚުގައި ގުނިގެން ގޮސްފައިވާއިރު އަދި އަބަދުވެސް ވެރިކަމުގައި ހުންނަމީހަކު ހިތުހުރިގޮތަކަށް ކަންކުރާން ލިބިފައި އޮތްއިރު މިކަންކަން ނުކުރެވި އޮތްކަމީ މިއަދު އަލުން ބަލުން މިކަންކަން ކުރާންޖެހޭ ސަބަބު ކަމުގައި ބުނުމަކީ ދޮގަކަށް ވެދާނެބާވައެވެ؟
މިފަދަ އެންމެ އަސާސީ ކަންކަމުން ފަށައިގަންނާން ޖެހިފައިވާ ސަރުކާރަކަށް މިކަންކަން ކުރުމަށް ފުރުސަތު ލިބިދީފައި ޤާނޫނީ ގޮތުން އޮތް މުއްދަތުގެ ތެރޭގައި މިމިންވަރު ހާސިލް ކުރުމަށްވެސް އެތަކެއް ގޮންޖެހުންތައް ހުރިއިރު ކަންކުރެވެން އޮތް ގޮތްތައް ހޯދައި އެކަންކަން ކުރެވޭތޯ މަސައްކަތް މެދުނުކެނޑި މިސަރުކާރުން ކުރައްވަމުން ގެންދަވާކަމީ އަޅުގަނޑުވެސް އަދި ކިތަންމެ ދިވެހިރައްޔިތުންނެއް އުންމީދާ އުފާވެރިކަމާއެކު ބަލައިގަންނާނެ ކަމެކެވެ.
އިޖްތިމާއީ މައްސަލަތައް އިންތިހާއަށް ގިނަވެފައިވާ މިމުޖުތަމައުގެ މިއަދުގެ ހާލަތަކީ މިސަރުކާރުގެ އިހްމާލުކަމުގައި ހަރުއަޑުން ބުނެއުޅޭ ބަޔަކު އެބައުޅެއެވެ. މަގުމަތީގެ ފޭރުމާއި މާރާމާރީ ، މީހުންމެރުމާއި ވައްކަން ކުރުން އަދި މިނޫނަސް މުޖްތަމައުގައި ހައްދުފަހަނަ އަޅާފައިމިވާ ކުށްތަކަށް އެތަކެއް މީހުން އަހުލުވެރި ވެފައިމިވަނީ މިވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުން ކަމުގައި ބުނާބަޔަކުވެސް އެބައުޅެއެވެ. ހަޤީގަތަކީ މިއީބާވައެވެ؟ މިއަދު މިސަރުކާރަށް އަމަލުކުރާން ލިބިފައިވާ ގާނޫނީ އިމުގެ ތެރެއިން މީހަކު މެރުމުގެ ކުށުގައި ފުލުހުން ތަހުގީގަށް ބަންދުކުރާ މީހަކުވެސް ކޯޓުން ބޭނުން ވާއިރަށް ދޫކޮށްލާން ޖެހޭކަން ގަބޫލު ކުރަން ދޮގެއްތޯއެވެ. ތަފާތު ކޯޓުތަކުން އެއްކަމެއްގައި ތަފާތު ގޮތްގޮތައް ކުރާ ހުކުމްތައް އަޑުއިވޭކަން ގަބޫލު ކުރަން ދޮގެއްތޯއެވެ. 21 ވަނަ ގަރުނުގެ ތަހުޒީބީ ގައުމުތައް ނަމޫނާއެއް ކަމުގައި ބަލައިގެން ހަދާފައިވާ ގާނޫނު އަސާސީއަކަށް އަމަލުކުރާން ފަށާފައިވާއިރު ފޮރިންސިކް އެވިޑެންސް ޝަރީއަތުން ގަބޫލުކުރުމަށް ބޭނުންވާ އާންމު ގާނޫނުތައް ހެދިފައި ނުވާކަން ގަބޫލުކުރަން ދޮގެއްތޯއެވެ. ބޭނުން މީހަކަށް ބޭނުން އެއްޗެއް ކިޔައި ބޭނުންގޮތަކަށް އުޅުމުގެ ޙައްޤު ގާނޫނު އަސާސީއިން ލިބިދޭ ކަމުގައި ބަޔަކު މާނަކޮށް ހިތުހުރި ގޮތަކަށް އުޅުމަށް ގޮވާލެވޭ އަޑުތައް ގިނަވެފައި ވާއިރު ލޯއެންޑް އޯޑަރ ގާއިމްކުރުމަށް އެކަންކުރާން އޮތް މުއައްސަސާއިން ކުރާކޮންމެ ކަމަކީ ގާނޫނާޚިލާފު ކަމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ މުއައްސަސާ ތަކާއި މީހުން މަދެއް ނޫނެވެ. މާލޭގެ އަވަށެއް ކަމުގައި ބުނާ ހުޅުމާލެއިން ބިންވިއްކުމަކީ ގާނޫނުން ހުއްދަ ކަމެއް ކަމުގައި ބުނާއިރު ހަމައެމާލެއިން ސަރުކާރަށް ބިންވިއްކުވަކީ މަނާކަމެއް ކަމުގައިވެސް ނިންމާނެ ޖާގައެބައޮތެވެ. އާންމު ރައްޔިތުން ގަބޫލުކުރާނީ ކޮންގޮތެއްކަން ނޭނގި އޮޅުން ބޮޅުން މިވަނީ ބޮޑުވެފައެވެ. މިކަހަލަ ކިތަންމެ ކަމެއް ކިޔާން އެބަހުއްޓެވެ.
މިއަދު މިގައުމުގެ އެންމެން މިތިބީ ސިޔާސީ ވެގެންގޮސް ސިޔާސަވެފައެވެ. ސިޔާސީގޮތުން ކޮންމެވެސް އެއްޗެއް ބުނެނުލާ މީހަކީ މީހަކަށް ނުވާތީވެ ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަގޮތަކަށް ބުނާން ބޭނުން އެއްޗެއް މިދަނީ ބުންމުންވެވެ. އެމީހަކު އެބުނާއެއްޗެއް އެމީހަކަށާ އެމީހެއްގެ ވިސްނުމަށް ތާއީދުކުރާ ބަޔަކަށް ރަނގަޅެވެ. އަނެއްބަޔަކަށް އެކަން ރަނގަޅެއް ނުވެއެވެ. ވީމާ ހަގީގަތަކީ ކޮބައިކަން ނިންމާން އުނދަގޫ ބަޔަކުވެސް އުޅޭނެތާއެވެ.
ރައީސް ނަޝީދުއަށް ވެރިކަން ހަވާލުކުރީ އެމްޑީޕީގެ މެނިފެސްޓޯ ރައްޔިތުން ބަލައިގަނެގެންނެވެ. ނަމަވެސް އެކަން ކުރިޔަ ނުދޭން އެއުޅޭ މީހުންނަކީ ރައްޔިތުންނަށް އެންމެ “ހެޔޮއެދޭ މީހުންނެވެ. ތިރީސް އަހަރު ވެރިކަން ކުރިއިރު ނުކޮށްދެވުނު ކިތަންމެ ކަމެއް މިވީ ދެއަހަރުގެ ތެރޭގައި ކުރެވުނު އިރު އެކަންކަމަކީ އަލުން ހަމަ ކުރީގެ ސަރުކާރު ހިންގި މީހުން މާމޮޅަށް ކުރާނެ ކަންކަން ކަމުގައި އެބަބުނެއެވެ. މުޅިގައުމުގެ މުއްސަނދިކަން މަދުބަޔެއްގެ މިލްކަކަށް ވެފައި އޮއްވައި މިސަރުކާރުން އެހެންމީހުންނަށް ފުރުސަތު ހޯދައިދޭން އުޅުމުން އެވަރުގެ ނުބައި ކަމެއް އަމުދުން ނެތެވެ. މެދުފަންތީގެ ޓުވަރިޒަމް ރާއްޖޭގައި ތައާރަފު ކުރުމަކީ ޓުއަރިޒަމުން ބަނޑުގައި ސަރުބީ ޖަހާފައި ތިބި މީހުންނަށް ހަޖަމު ކުރެވޭ ކަމަކަށް ނުވެއެވެ. ތިމާމެން ނޫން ބަޔަކަށް ވެރިކަންވެސް މުއްސަނދި ކަންވެސް ލިބިގެން ވާކަށް ނެތެވެ.
މަލްޓިޕާޓީ ޑިމޮކޮރަސީ އެއްގައި ގައުމަށް އެންމެބޮޑަށް ބޭނުންވާ ކަމުގައި ބުނެއުޅެނީ ޒިންމާދާރު އިދިކޮޅު ޕާޓީއެކޭ ބުނާމީހުން މަދެއް ނޫނެވެ. ސަރުކާރު ޒިންމާކޮށް ހަމަމަގުގައި ކުރިއަށް ގެންދިއުމުގެ ޒިންމާ އުފުލާބަޔަކީ އަބަދުވެސް ގައުމުގައި އޮންނަ އެންމެބޮޑު އިދިކޮޅު ޕާޓީ ކަމުގައި ވާނަމަ މިރާއްޖޭގައި މިވާޖިބު ހަވާލުވެފައިވާ ބަޔަކީ ޑީއާރުޕީއެވެ. ނަމަވެސް އަމިއްލަ ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ މެންބަރުން އެކަކު އަނެކެއްގެ ލެޔައް ދަހިވެތިވާ ހިސާބަށް ކަންކަން މިއަދު މިވަނީ ގޮސްފައެވެ. އެޕާޓީއިން ކޮންޓްރޯލް ކުރަމުން ގެންދިޔަ ކަމަށްބުނާ ވެރިކަން ވެއްޓުނު ދުވަހުން ފެށިގެން ގާނޫނީ ގޮތުން އުފެދިގެން މިއަދު ހިނގަމުން މިދާ ސަރުކާރު ވައްޓާލުމަށް ފެށިމަސައްކަތަކީ މިކަމުގެ އަސްލު ކަމުގައި ބައެއް ފަރާތްތަކުން ބުނެއުޅެއެވެ. ސަރުކާރު ޒިންމާދާރު ކުރުމުގެ މެންޑޭޓް އަކީ ހަމައެކަނި ކޮންމެވެސް ގޮތަކުން ސަރުކާރު ވައްޓާލުން ނުވަތަ ސަރުކާރަކީ ހަމައެކަނި ކަރުދާހުގެ ރަމްޒީ ސްޓޭމްޕް އަކަށް ހަދާލަން އުޅުމުން މަންޒަރު ބަދަލުވެ ހާވިޔާ ރޭވުންތަކަކަށް މިކަންވެ ޕާޓީގެ މެންބަރުންގެ ވިސްނުން ކަފިކަފިވެ ހުޅުފަޅައި އަވަދިވަނީއެވެ. މިއަދު އިދިކޮޅު އެންމެ ބޮޑުޕާޓީގެ ރިމޯޓު އޮންނަތަން މިފެންނަނީ ތިންހާސް މީހުން ހަމަނުވާ ކުދިކުދި ޖަމާއަތް ތަކުގެ ކޮންޓްރޯލްގައެވެ. މިއީ އެޕާޓީގެ ގިނަ މެންބަރުންނަށް ހަޖަމުކުރެވޭނެ ކަމެއް ނޫންތާއެވެ.
އެހެންނަމަވެސް އިދިކޮޅު ޕާޓީގެ ފިޔަތަކުން އަދިވެސް އެމީހުން އެމީހުންނަށް ރުޅިބާލާލަން ބާއްވާ އެއްވުން ތަކުގައި ސަރުކާރަށް ވަރުބާލާލުމަށް ބޭކާރު މަސައްކަތްތަކެއް ކުރަން އުޅޭކަން ފާހަގަކުރެވެއެވެ. އެމީހުންނަށް ރައްދުވާ މަލާމާތްތައް ސަރުކާރު ހިންގާ ޕާޓީގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުން ގެންދާތަން އެބަފެނެއެވެ. ތިމާމެން އަމިއްލައަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށްވަދެ އެއިން ސަލާމަތް ނުވެގެން އުޅޭބަޔަކަށް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްކަން ބުނެދެވޭކަށް ނެތެވެ. ނަމަވެސް އެނގޭކަމަކީ މިއަދު މިގައުމުގައި މިއުފެދެމުންދާ ހުރިހާ ހަމަނުޖެހުން ތަކުގެ އަސްލަކީ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ރާވައިގެން މިނިވަން ބައެއް މުއައްސަސާތަކުގެވެސް ވާގިވެރިކަމާ އެކު ހިންގާ ހަމަނުޖެހުން ތަކޭ ބުނެއުޅޭ މީހުންވެސް މަދެއްނޫނެވެ. މިގޮތައް ބުނާބަޔަކު އެހެންބުނާ ސަބަބުތަކެއްވެސް ހުރެއެވެ. މިސާލަކަށް ޝަރުއީ ކޯޓަކަށް އާންމު ރައްޔިތަކު ހާޒިރު ކުރުމަށް ބޭނުން ވުމުން ދަމާބަނދެގެންވެސް ގެންދާއިރު ބައެއް މީހުންނަކީ އިސްތިސްނާ ކުރެވިފައިތިބި ބައެއްގެ ގޮތުގައި އެބަތިއްބެވެ. މިފަދަ ކިތަންމެ ކަމަކުން ރައްޔިތުންގެ އިތުބާރު މިއަދު ގައުމީ މުއައްސަސާތަކާއިމެދު މިވަނީ ގެއްލިފައެވެ. އެކިދިމަދިމާލިން އެކިގޮތްގޮތައް ދެކެވޭ ވާހަކަތަކުގެ ދޮގާއި ތެދު މިވަނީ ވަކިކުރާން ނޭނގިފައެވެ. ހިތާމަޔަކީ މިކަންކަމުގެ ސަބަބުން ހުރިހާގެއްލުމެއް އުފުލާން މިޖެހެނީ އާންމު ރައްޔިތުންކަން އެފަރާތްތަކަށް ނުވިސްނޭކަމެވެ.