އެމްޑީޕީ ގެ ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވުމާއި، އެ ކޮމިޓީގެ ބައްދަލުވުންތަކުގައި އިބްރާހިމް ޙުސައިން ޒަކީ ބައިވެރިވެވަޑައިގަތުން ވަގުތީގޮތުން ހުއްޓަވާލައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވުމާއި، އެ ކޮމިޓީގެ ބައްދަލުވުންތަކުގައި އަލްފާޟިލް އިބްރާހިމް ޙުސައިން ޒަކީ ބައިވެރިވެވަޑައިގަތުން، ވަގުތީގޮތުން ހުއްޓަވާލައްވައިފިއެވެ.

މިކަން ބަޔާންކުރައްވައި އެމް.ޑީ.ޕީ. ގެ ޗެއަރޕާރސަން އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ފޮނުއްވި ސިޓީފުޅުގައި ޒަކީ ވިދާޅުވެފައިވަނީ، އެމް.ޑީ.ޕީ. ގެ ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވުމާއި އެ ކޮމިޓީގެ ބައްދަލުވުންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުން ވަގުތީގޮތުން ހުއްޓަވައިލައްވަން ނިންމެވީ، އެމް.ޑީ.ޕީ. ގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ވީހާވެސް ފުޅާ ދާއިރާއެއްގައި މަގުފަހިކޮށްދިނުމަކީ ޕާޓީގެ މެންބަރުންނަށް ނުހަނު މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާތީކަމަށެވެ.

މި އިންތިޚާބު އެންމެހައި ކަމެއް ނިމެންދެންނާއި، އަދި މި އިންތިޚާބާއި ގުޅޭ ކަންކަމުގައި އަންނަ ޝަކުވާތައް ބެލުމުގައި ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ވަގުތީގޮތުން އެ ކޮމިޓީގެ މެންބަރެއްކަމުގައިވާ އަލްފާޟިލް ޙަސަން އަފީފާ ޙަވާލުކޮށްދެއްވުމަށްވެސް، އިބްރާހިމް ޙުސައިން ޒަކީގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ.

އަދި މިވާހަކަ އެމް.ޑީ.ޕީގެ ޤައުމީ މަޖްލީހުގެ މަޢުލޫމާތަށްޓަކައި އަންގަވައިދެއްވުމަށް، ޕާޓީގެ ޗެއަރޕާސަން އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް، ޒަކީ ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، އެމް.ޑީ.ޕީގެ މިވަގުތުގެ ނާއިބު ރައީސްގެ ޙައިސިއްޔަތުން އެމް.ޑީ.ޕީގެ އަސާސީ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އެމް.ޑީ.ޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާފައިވަނީ، އިބްރާހިމް ޙުސައިން ޒަކީއެވެ. އަދި މިއަދު އެމަނިކުފާނަކީ، އެމް.ޑީ.ޕީގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެކެވެ.