ޖަޕާންގެ ރައްޔިތުންނަށް އެމްޑީޕީގެ ވަގުތީ ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، އެ ބިންހެލުމާއި ގުޅިގެން އުފެދު ނުރައްކާތެރި ސުނާމީގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމާއި ގުޅިގެން އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، މރ.ކުނިއޯ ޓަކަހަޝީއަށް މިއަދު ފޮނުއްވި ސިޓީ އެއްގައި ވިދާޅުވެފައިވަނީ ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި އެ ބިންހެލުމާއި ގުޅިގެން އުފެދުނު ނުރައްކާތެރި ސުނާމީގެ ހިތާމަވެރި ހާދިސާގެޚަބަރު ފުރަތަމަ އެމަނިކުފާނު އެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މޮރިޝަސްއަށް ވަޑައިގެން އުޅުއްވަމުން ކަމަށާއި، އެކަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ވަރަށް ފުން ހިތާމައާއެކު ކަމަށެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ޖަޕާން ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް، ޚާއްސަކޮށް މި ހިތާމެވރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ޢާއިލާތަކަށް، އެމްޑީޕީއާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ވިދާޅުވާ ކަމަށް ޒަކީގެ ސިޓީފުޅުގައި ވެއެވެ. އަދި ހަމަ އެއާއކު ޖަޕާނަށް ލިބުނު ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަނެވޭނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.