މަޚްލޫފް އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށް އަޑުފެތުރީ ޑީއާރުޕީން – މާރިޔާ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ އާއި މަޚްލޫފް މަޖިލިސް ޖަލްސާއެއްގައި - މަޚްލޫފް އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށް ދެކެވޭ ވާހަކަ މާރިޔާ ދޮގުކުރައްވާ ..
އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ އާއި މަޚްލޫފް މަޖިލިސް ޖަލްސާއެއްގައި - މަޚްލޫފް އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށް ދެކެވޭ ވާހަކަ މާރިޔާ ދޮގުކުރައްވާ ..

ގަލޮލު ދެކުނު ދާއިރާގެ ޑީއާރުޕީ މެންބަރު އަޙުމަދު މަޚްލޫފް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިނުކުރައްވާ ކަމަށާއި، މަޚްލޫފް އެމްޑީޕީއަށް ސޮއިކުރައްވައިފިކަމަށް މިއަދު ފެތުރިގެންދިޔަ ޚަބަރަކީ ޑީއާރުޕީން މަޚްލޫފާ މެދު ހިންހަމަ ނުޖެހިގެން ފަތުރާފައިވާ ޚަބަރެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިރޭ އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ” މަޚްލޫފަކީ އަބަދުވެސް އެމްޑީޕީގެ ބައެއް ވެރިންނާ ވަރަށް ގާތް ބޭފުޅެއް. އެހެން ނަމަވެސް މިއަދު މަޚްލޫފް އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށް ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއް. މަޚްލޫފް އެމްޑީޕީއަކަށް ސޮއެއް ނުކުރައްވާ. އެއީ ޑީއާރުޕީން އެބޭފުޅާ (މަޚްލޫފް) އާ މެދު ހިން ހަމަ ނުޖެހިގެން ފަތުރާފައިވާ އެއް ވެސް އަސްލެއް ނެތް ވާހަކައެއް” ކަމަށެވެ.
ޗެއަރޕާސަން އިތުރަށް ވިދާޅުވީ މިއަދު މަޖިލީހުގައި ކުރިޔަށް ދިޔަ ބްރޯޑްކާސްޓިންގ ކޮމިޝަނަށް މަޚްލޫފްގެ ބޮޑު ދައިތައެއްގެ ނަން އެމްޑީޕީގެ ތާޢީދާއެކު ފާސްވުމުގެ ސަބަބުން ޑީއާރުޕީން އެކަމާ ހިންހަމަ ނުޖެހުން ފާޅުކޮށް، ޑީއާރުޕީގެ ތްރީލައިން ވިޕާ ޚިލާފަށް މަޚްލޫފް އަމަލުކުރެއްވި ކަމަށް ބުނެފައިވާ ކަމަށާއި، މިއަދު ފެތުރުނު ޚަބަރަކީ އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް މަޚްލޫފް މަޖިލީހުގައި އަމަލުކުރެއްވުމުގެ ސަބަބަބުން ދެކެވެމުންދާ ވާހަކަ އެއް ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ހުށަހެޅުއްވި 7 ނަމަކަށް މަޖލީހުން މިއަދު ވަނީ ރުހުން ދެއްވާފައެވެ. މަޖިލީހުން ރުހުން ދެއްވި 7 ނަމަކީ އަލްފާޟިލް ބަދުރުއްނަޞީރު، އަލްފާޟިލާ އައިޝަތު ހަނާ، އަލްފާޟިލް މުޙައްމަދު ޝަހީބް، އަލްފާޟިލާ މަރިޔަމް ޝައުޤީ، އަލްފާޟިލް އިބްރާހީމް އަޝްރަފް، އަލްފާޟިލާ މޫމިނާ އާދަމް އަދި އަލްފާޟިލް އަބްދުﷲ ޝުޖާޢު އެވެ.