ރައްޔިތުންގެ މަޖިލިހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެ މަޖިލީހަށް ފޮނުއްވި 5 ނަންފުޅުގެ ތެރެއިން 4 ނަންފުޅަކަށް ރުހުން ލިބި މާތްﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން މިއަދު ވަޒީރުންގެ މަޖިލީހެއް ގާއިމްކުރެވުނީތީ ސަރުކަރަށާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވަމެވެ.
މި ޕާޓީން ދެކޭ ގޮތުގައި މިއިީ މިޕާޓީއާއި މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ރާއްޖެއަށް ޑިމޮކްރަސީ ގެނެސް، އެ ޑިމޮކްރަސީ ފައްކާކޮށް އާލާކުރުމަށް ލިބުނު އާ ހިތްވަރަކާއި، ނުހަނު ބޮޑު ކާމިޔާބީއެކެވެ. އެހެން ކަމުން ވަޒީރުންނަށް ރުހުން ދިނުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ނުހަނު އިޚްލާސްތެރި ޝުކުރަކާއި މުބާރިކްބާދީއެއް މި ޕާޓީގެ 45،000 މެންބަރުންނާއި، ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވާ ވާހަކަ އުފަލާއެކު ދަންނަވަމެވެ.
ވަޒީރުންނަށް ރުހުން ދިނުމުގައި، އެއްވެސް އަމިއްލަ އެޖެންޑާއެއް އަމިއްލަ އެދުމެއް ނެތި ރައްޔިތުންގެ ލާބަޔާއި މަންފާ ކުރިޔަށް ނެރުއްވައި މިއަދު މަޖިލީހުން ސަރުކާރަށް ތިޔަ ދެއްވެވި އެއްބާރުލުމުގެ ފޮނިމީރުކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިޕާޓީން އަރުވަމެވެ. އަދި ހަނި ގޮތަކަށް މަޖިލީހުގެ އަޤްލަބިއްޔަތު ލިބިވަޑައިނުގެންނެވި ނަމަވެސް ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ޑރ.އަޙުމަދު އަލީ ސަވާދު މި ގައުމަށާއި، މި ސަރުކާރަށް ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތްތަކަށް ފަށްފަށުން ޝުކުރުވެރިވަމެވެ.
މި ލޮބުވެތި ދިވެހި ގައުމަށް އަދަށް ވުރެ މާ ފާގަތި މާދަމާއަކަށް. މާ އުފާވާ ޒަމާނަކަށް އެދެމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް