މެންބަރުންގެ ޚިޔާލު: މިއަދުގެ ސިޔާސީ ޙަޤީގަތް.

ފުނަމާ

ދިވެހީންގެ އެތަކެއް އުންމީދު ތަކާއެކު ޒަމާނީ ޑިމޮކްރަސީއަކަށް ވާސިލް ވުމުގެ ބޭނުމުގައި އެކަށައެޅި މަލްޓިޕާޓީ ނިޒާމްގެ ދަށުން ވެރިކަންފެށި ވެރިކަމުގެ ދައުރު ދެބައިވަމުން ދަނީއެވެ. ސުވާލަކީ ދިވެހީން އެދުނު ނުވަތަ އުންމީދުކުޅަ ކަން ހާސިލް ކުރެވެމުން އެބަދޭ ހެއްޔެވެ؟
ނޫނެކޭ ދެންނެވުމަކީ މިޕާޓީއަށް ނިސްބަތްވާ ގިނަބޭފުޅުން ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާނޭ ކަމެއް ނޫންނަމަވެސް ދަންނަވަން ޖެހެނީ މިބަދަލައް އުންމީދު ކުރި ފަރާތްތަކުގެ އުންމީދުތައް ހަޤީގަތަކަށް ވަމުން ނުދާކަމެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިވެރިކަމާއެކު އެމްޑީޕީއަށް ވާރުތައިން ލިބުނު އެކައްޗަކީ އޭގައި އެތައް އޮޅުން ބޮޅުންތަކެއްއޮތް ގާނޫނު އަސާސީއެއްގެ އިންތިގާލީ މަރުހަލާ އެކެވެ. މިސަރުކާރުގެ ދައުރުގެ ވިހިމަސްދުވަހު ނުނެއްޓިގެން އުޅެން ޖެހުނީ މިދެންނެވި އިންތިގާލީ އޮޅުން ބޮޅުން ގަނޑުގެ ތެރޭގައެވެ. ސަރުކާރު ހިންގައި ގަތުމަށް ބޭނުންވާ މުހިންމު ޤާނޫނުތައް އެގާނޫނު އަސާސީގައި ބުނެފައިވާ ގޮތައް މިއަދާ ހަމަޔައްވެސް ހެދިފައި ނެތުމާ ހެދި ގާނޫނެއްވެސް ހަދާފައިވަނީ ސަރުކާރަށް ހިންދަމާ ނުލެވޭނެހާ ގޮތްގޮތައް ރޭވިގެން ކަމުގައި ވުމަކީ ކަންކަން ކުރިއަށް ގެންދިއުމަށް މިސަރުކާރަށް އޮތް ހުރަހަކަށް މިވަނީ ވެފައެވެ. މީގެ އިތުރުން ޤައުމުގެ އިގްތިސާދު ހަމައިން ނެއްޓި އިނދަޖެހިފައި އޮތްކަމީވެސް ލިޔެވި ފެންނާންއޮތް ހަޤީގަތެކެވެ.
މިކަންކަމާއެކު މިސަރުކާރުން ގެންގުޅުނު ބައެއް ވިސްނުން ތަކަކީވެސް ރާއްޖެއާ އެންމެ ނުގުޅޭ ބައެއް ވިސްނުން ކަމުގައި ވެގެންދިއުމަކީވެސް މިހާރު މިކުރިމަތިވެފައިވާ ގޮންޖެހުން ތަކުގެ އަސްލުކަމުގައި ހިތާމަޔާއެކު ގަބޫލު ކުރާން ޖެހެއެވެ. އެގޮތުން އެތަކެއް ޒަމާން ތަކަކަށް އަނިޔާވެރި ވެރިކަމެއް ހިންގަމުން ގެންދިޔަ އަދި އެމީހުންނާމެދު ބޮޑެތި ޚިޔާނާތްތަކަކާއި އެތަކެއް ރައްޔިތުންގެ މަރުގެ ތުހުމަތު އެޅިފައިވާ ބަޔަކު މިނިވަން ކަމާއެކު އަޅާނުލައި ދޫކޮށްލާފައި ބޭތިއްބުމުގެ ސިޔާސަތަކީ މިސަރުކާރުން އެޅި އެންމެ ގޯސް އެއްފިޔަވަޅު ކަމުގައި ގިންބަޔަކު ގަބޫލު ކުރެއެވެ. މިކަމުގެ ސަބަބުން ކުރީގެ ސަރުކާރުގައި ބޮޑެތި ޚިޔާނާތްތައް ވެފައިވާ މީހުން އެމީހުން ނުޙައްގު ގޮތުގައި ހޯދައިފައިވާ ތަނަވަސްކަމުގެ ނުފޫޒުގައި ދައުލަތުގެ މުސްތަގިއްލު މުއައްސަސާތައް ހިސާރުކުރުމުގެ ފުރުސަތު ހޯދައި އެކަމުގެ ސަބަބުން ސަރުކާރު ނޭވާ ހޮޅިއަށް އަޅުވާލުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އިތުރު ކޮށްދީފައިވާކަމުގައި ބައެއްފަރާތްތަކުން އެބުނާ ބުނުންތަކަކީ ހަޤީގަތަކަށް ވެދާނެއެވެ. މީގެއިތުރުން ސިވިލް ސާވިސް އަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތައް ސަރުކާރަށް އެއްބާރުލާންޖެހޭ މުއައްސަސާއަކަށްވުރެ ބޮޑަށް އެމުއައްސަސާގެ ނިންމުންތަކަށް ސަރުކާރުން ތަބާވާންޖެހޭ ތަނެއްކަމުގައި ގާނޫނުތަކަށް އިސްލާހު ގެނެސްގެންނާއި އެގޮތް މިގޮތުން ހަދާފައި ވުމުގެ ސަބަބުން ސަރުކާރު ހިންގުމުގެ މައި އިންޖީނު ކަމުގައި ބެލެވޭ ސިވިލް ސާވިސްގެ ކޮންޓްރޯލް ވަނީ އިދިކޮޅު ފަރާތްތަކުގެ އަތުގައި ކަމުގައި ހީވަމިންވަރަށް މިއަދު އެކަން އޮތްކަމުގައި ދަންނަވަން ޖެހެއެވެ.
ވެރުކަން ގެއްލުމުން ކުރީގެ ސަރުކާރުން ބޮޑެތި އިނާޔަތްތައް ނަހައްގުން ހޯދައިގެން ރާއްޖޭގެ ތަނަވަސްކަން ހޯދައިފައިވާ މީހުންގެ ބާރުގެ ދަށަށް ގާނޫނުހަދާ މަޖްލިސް ގޮސް މިކަމުގެ ސަބަބުން އެމަޖްލިހަކީ ސަރުކާރު ވައްޓާލުން ފިޔަވައި އެހެން އެއްވެސް އެޖެންޑާއެއް ނެއްބައެއް ކަމުގައި ހީވާހާ މިންވަރަށް އެމަޖްލީހުގެ މަންޒަރުވަނީ ބަދަލުވެފައެވެ. މަޖްލީހުގެ މެންބަރުންގެ ހޫނުގަދަ ބަހުސްތައް ފާލުންނެއްޓި އަރާރުމާ ތަޅާފޮޅުމަށް ބަދަލުވެފައިވާކަމީ ހަޤީގަތެކެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ފައިސާއިން ބޮޑުމުސާރަޔާއި އެތަކެއް އިނާޔަތްތައް ނަންގަވައިގެން އިއްޒަތްތެރި މެންބަރުންގެ ސިއްކަ އަމިއްލަޔައް ޖައްސަވައިގެން ތިއްބެވި މެންބަރުންގެ މަޖްލީހަށް މިއަދު ރައްޔިތުންގެ މަޖްލީހޭ ކިއުމުގެ ބަދަލުގައި އެކިމީހުން ކިޔަނީ އެކިނަމުންނެވެ. މެޖޯރިޓީ އޮތީ އިދިކޮޅު ސިޔާސީ މީހުންގެ އަތުގައެވެ. ރިޔާސަތުވެސް އޮތީ އިދިކޮޅު މެންބަރުންގެ އަތުގައެވެ.
ރާއްޖޭގައި އޮތޮ އެންމެބޮޑު އިދިކޮޅު ޕާޓީއަކީ ބުނެވޭގޮތުން ކުރީގެ ވެރިކަންކުރި ނުފޫޒުގަދަ ގިނަބަޔަކު ހިމެނޭ ޑީއާރުޕީއެވެ. ނަމަވެސް ޕާޓީގެ ތެރެއިން ބައިބަޔަށް ބެހި މިހާރު ފެންނަގޮތުން މިކަންއޮތީ ސުވާލުމާކެއްގެ ތެރޭގައެވެ. ޕާޓީއިން ވެރިކަން ގެއްލި ލީޑަރޝިޕަށް ގެނެވުނު ބަދަލާއެކު ހިންދަމާ ނުލެވޭފަދަ ދަރަންޏަކާއެކު ޕާޓީއޮތްއިރު ޕާޓީގެ ކަންކަން ނާއިބާ ހަވާލުކޮށްފީމޭ ބުނެ ލޮބުވެތި އަނބި، ދަރީންނާއިއެކު އުމުރުގައި ބާކީއޮތް ދުވަސްތައް ސިޔާސީ ހަލަބޮލި ކަމުން ދުރުވެހުރެ ނިންމާލުމަށް ވައުދުވި ޒައީމު މިއަދު ފެންނަނީ ބާކީއޮތް އުމުރުގައިވެސް ސިޔާސަވެގެން މަޤާމާހެދި މަރުދަން ޖެހޭތަނެވެ. އާއިލީ ވެރިކަމެއް 30 އަހަރު ވާންދެން ކުރިކުރުން ކަށީގައި ހިފާފައި ވުމުން އެއިން ނުނެއްޓި ވެރިކަމުގެ ޝާނާއި ޝައުކަތައްޓަކައި މަރުދެނީ ކަމުގައިވެސް ހަމައެޕާޓީގެ ބައެއް މެންބަރުން ގޮވާއަޑު އެބައިވެއެވެ. އެކްސެސް ބަގެޖް އެއް ކަމުގައި ބުނެ އެޕާޓީއިން ބޭރުކުރުމަށް ހަމައެޕާޓީގެ އިސް ބައެއް މެންބަރުން ގޮވާނަގާއިރު އިއްޔެ އެވަރެއް ނެތިގެން ޕާޓީގެ ލީޑަރޝިޕް ހަވާލުކުރި ޕާޓީގެ ލީޑަރަކީ މުޅީން ދަރަނިވެރިވެ ބޯހިކެންނެތް މީހެއް ކަމަށާ ދީނީ އަގީދާ ބަލިކަށި ދުނިޔެ ނުދެކޭފަދަ ޚުދުމުޚުތާރު މީހެއް ކަމުގައި އެބުނަނީވެސް ހަމަ އެޕާޓީގެ ވަހުދަތު ހިފަހައްޓާންތިބި މެންބަރުންނޯލައެވެ. އިއްޔެ ގިރާވަރު ސިއްރަކަށް ވިޔަސް މިއަދު މުޅިގައުމުގައި ކުކުޅުހާވެސް ގޮވަނީ މިވާހަކައެވެ. އަމިއްލަ ޕާޓީއިން ވެރިކަމަށް ކުރިމަތިލާން އިންތިޚާބަކުން ޓިކެޓު ދީފައި ހުރިމީހާ ވެރިކަމަށް ތަސައްރަފު ނުފުދޭކަމަށް މިއަދު އެޕާޓީގެ ޒައީމުގެ ލަގަބު ކަރުގައި އަޅައިގެންހުރެ މައުމޫނުވެސް ދަނީ ގޮވަމުންނެވެ. މިހުރިހާ ކަމަކީ ގާނޫނުގެ ބޭރުން ރިޔާސީ ގަނޑުވަރުގެ ފާރުމަތީން އަރައިގެން ވިޔަސް މިސަރުކާރު ވައްޓާލުމަށް ތަސްމީނު ނުކުޅެދިފައި ވާތީވެ ޖެހިގެން އުޅޭ ރޯގާއެއް ކަމުގައި މަސްރަހު އެނގިތިބި ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ބުނެ އުޅެނީ މިކަމަކީ ޑީއާރުޕީ ދަރާއޮތް ބޮޑުދަރަނި ތަސްމީނުގެ ބޮލުގައި އަޅުވައި މައުމޫނު އެކަމުން މުއްތިވުމަށް ހެދި ޑީލެއްކަމުގައެވެ. މިހާރު ހުރިހާ ދަރަންޏަކާ ޒިންމާވާން ޖެހެނީވެސް ލީޑަރެވެ. ވެރިކަމަށް ކުފޫހަމަ ނުވަނީވެސް ލީޑަރެވެ. ޒައީމާ ޒައީމުގެ އޮޅީގެ އެންމެން އަތްދޮވުނު ފެންބާލިދީ ލީޑަރުގެ ބޮލަށެވެ. މިއީ ރާއްޖޭގެ އެންމެ ފުންނާބުއުސް އެންމެ ޢިލްމުވެރި ބޭފުޅުން އުޅުއްވާ ކަމުގައި އެބުނާ ބޮޑު ޕާޓީގެ ފަތިފުށް އޮތްގޮތެވެ.
ދެންތިބި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ބަލާލާއިރު ނަންމަޝްހޫރު ހުރިހާ ފަރާތްތަކަކީވެސް ކުރީގެ ސަރުކާރުގެ މައުމޫނިޒަމްގެ އަނިޔާވެރި ކަމުގެ ހުކޫމަތުގައި ދިވެހި ރައްޔިތުންނަށް އަނިޔާ ކުރުމުގައި ފޫގަޅައިގެން ކުރިޔައް ނުކުމެ ތިބި މީހުންނެވެ. އޭގެ ތެރޭގައި ހައްގަކާނުލައި ސާޅީސްހާހައްވުރެ ގިނަމީހުންނަށް ބޮޑެތި އަނިޔާތައްދީ ދައުވާ ކުރިކަމުގައި އަމިއްލައަށް އެތައްހާސް ބައެއްގެ ކުރިމަތީގައި އިއުތިރާފުވި މީހަކާއި ރާއްޖެއިން ޑިމޮކްރަސީ ނައްތާލުމަށް އެމްޑީޕީގެ ހަރުގެ ފުނޑާލުމަށް އޯޑަރުދިން ދޮން ސޮރާއި، އާއިލީ ގުޅުންތަކެއް އޮންނާތީ ހަމައެކަނި މުޅި ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނުގެ މަގާމަށް އާދެވުނު މީހާއަކީ ފާހަގަ ކޮއްލެވޭ މީހުންނެވެ. މިމީހުންގެ ފަތްފުށް ތަކަށް ބަލާލާއިރު ތިންމީހުންނަކީވެސް އަނިޔާވެރި 30 އަހަރުގެ ވެރިކަމުގައި މެކި ހަފުސްވެ އެސަރުކާރުން ވަރިވެ އެވަރުގެ ނުބައި ނުލަފާ މީހެއް ނެތްކަމުގައި ކުރީގެ ވެރިޔާ ހަދައި އެ ވެރިކަން ވެއްޓެނީ ކަމުގައި ޔަގީންވުމުން ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންގެ ތާއީދު ހޯދުމަށް ރިފޯމިސްޓުންގެ ތެރެއަށް ބޯގިނަކޮށް ވެރިކަމުގެ ބޭނުމުގައި އެކަމަށް ކުރިމަތިލައި ރައްޔިތުން ނޫނެކޭ ބުނުމުން ފެއިލްވީ މީހުން ކަން ފާހަގަކުރާން ޖެހެއެވެ. މީގެތެރެއިން އެކަކު ބޮޑާހާކާފައި ނުކުތީ އެމްޑީޕީގެ ޕްރައިމަރީއިން ފެއިލްވުމުން ކަމުގައި ފާހަގަކުރަމެވެ. އަދި މިސަރުކާރަށް ވެރިކަން ލިބޭނެކަން އެނގުމުން މިމީހުންގެ ތެރެއިން ދެ މީހަކު މިޕާޓީއާ ބައިވެރިވެ ވެރިކަން ލިބުމުން ހިތުހުރި ގޮތަކަށް މިޕާޓީއާއި ނުކުޅެވޭނެކަން އެނގި އަދި މިޕާޓީ މިހާރު ޑީއާރުޕީ އެއޮތްގޮތައް ބައިބައި ކޮށްނުލެވޭނެކަން ޔަޤީން ވުމުން ވަރިބަސްބުނެ ފޫޑުފައި ދައްކާފައި ނުކުމެ މިހާރު އުޅެނީ ވެރިކަން ވައްޓާނުލެވިގެން އިށީންނަން އޮށޯންނަންވެސް ނުލިބިގެން ނެވެ.
މިއީ މިއަދު މިސަރުކާރަށް މިގައުމައިގެން ކުރިޔައްދާން ބަލާއިރު އެޅިފައިވާ ހުރަސްތަކެވެ. ސަރުކާރު ހިންދަމާލައި ރައްޔިތުންނާއިގެން ކުރިޔައްދާން އޮތް ހުރިހާ މަގުތަކެއް އިދިކޮޅު ފަރާތްތަކުން ބެއްދުމަށް ބޮޑެތި ރޭވުންތައް ރާވަމުންދާއިރު އިވެމުންދާ އަޑުތަކަށް ބަލާއިރު މިކަންކަން މިގޮތައް މިހިނގައި ރާއްޖޭގެ ސިޔާސީ ވެށި މިވަރަށް ކިލަނބުވެ މިދަނީ މިގައުމަށް ޚިޔާނާތްތެރިވެ ރައްޔިތުންނަށް އަނިޔާދީފައިވާ ކަމުގައި ބުނެވޭ ބޮޑެތި މުޖުރިމުންތަކެއް ހިތުހުރިހާ ގޮތަކަށް ދޫކުރެވިފައި ތިބުންކަމުގައި ގިނަބަޔަކު މިއަދު އެއްބަސްވެއެވެ. އަދި މިއަދުގެ ބަނަވެފައިވާ މިގައުމުގެ ސިޔާސީ މަސްރަހުގެ އެންމެބޮޑު ހަޤީގަތަކީ މިއީ ކަމުގައި ދަންނަވާން ޖެހެއެވެ.