އެތައް ގަރުނެއް ވަންދެން ދިވެހިންގެ ސިކުނޑި ވަނީ ތަޅުލެވިފައި – ޒަކީ

މި 5 އަހަރު ނިމުމުން މާޒީ، މާޒީއާއެކުވެގެންދާނެ ކަމަށާއި ރައީސަކަށް ހޮވިވަޑައިގެންފިނަމަ ނައިބު ރައީސަކަށް ހޮވޭ ބޭފުޅަކު ސިޔާސީ ގޮތުން ތަމްރީން ކުރައްވާނޭ ކަމުގައި ޒަކީ ވިދާޅުވި


އިބްރާހީމް ރާމިޒް

އިންތިޤާލީ އިންސާފު ނުގެނެސް ގައުމު ހަމަ މަގަށް ނޭޅުވޭނޭ ކަމަށާއި، މިހާރު ހިނގަމުން މިދަނީ ރައްޖޭގެ ޑިމޮކްރަސީގެ އިންތިޤާލީ މަރުހަލާގެ 5 އަހަރު ކަމަށާއި މި 5 އަހަރު މާޒީއާއެކު އުޅެން ޖެހުނު ނަމަވެސް މި ދައުރު ނިމުމުން މާޒީ، މާޒިއާ އެކުވެގެންދާނޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ޒަކީ ބޭއްވެވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަފުޅު ދައްކަވަމުން ވޭތުވެދިޔަ އެތައް ގަރުނެއް ވަންދެން ދިވެހި ރައްޔިތުންގެ ސިކުނޑީގައި ވަނީ ތަޅުއެޅުވިފައި ކަމަށް ވިދާޅުވަމުން އެމްޑީޕީން ރާއްޖެއަށް ތައާރަފްކުރި ޑިމޮކްރަސީގެ ސަބަބުން އެންމެ ފުޅާ ދާއިރާއެއްގައި ލިބިފައިވާ އެއް ހައްގަކީ މި ކަސްތޮޅުން ނެއްޓި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުން ކަމުގައި ޒަކީ ވިދާޅުވިއެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކިތަންމެ ފުޅާ ދާއިރާއަކަށް ލިބިފައިވީ ނަމަވެސް ޕާޓީއަށް ގެއްލުންވާ ގޮތަށް ކެމްޕެއިން ކުރިޔަށް ނުގެންދިއުމަށް ޒަކީ އިލްތިމާސް ކުރެއްވިއެވެ.
ޒަކީ ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް އެމަނިކުފާނު ކުރިމަތިލެއްވީ ރާއްޖޭގެ ޑިމޮކްރަސީގެ ޅަފަތުގެ ދައުރުގައި، އެ ޑިމޮކްރަސީ ފައްކާކުރުމުގެ މަސައްކަތް އެމްޑީޕީން ކުރަމުންދާ މިނާޒުކު ދަނޑިވަޅުގައި އެމަނިކުފާނު ޕާޓީ ދޫކުރައްވައި ވަޑައިނުގަތުމަށް ވަރަށް ގިނަ ފަރާތްތަކުން އެދިވަޑައިގަންނަވަމުން ދާތީ ކަމަށެވެ. އަދި އެމަނިކުފާނަކީ ސިޔާސީ އިސް މަގާމުތަކުގެ ބޭނުންފުޅުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބަކީ އެންމެ ފުރަތަމަ ގައުމު، ދެން އެމްޑީޕީ އެއަށްފަހު އަމިއްލަ މަސްލަހަތު ކަމަށް ޒަކީ ތަކުރާރުކޮށް ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑަރޝިޕް ހަރުދަނާ ނޫން ކަމަށް މި ކެމްޕެއިން ތެރޭގައި ދައްކަމުންދާ ވާހަކައަށް އިޝާރާތްކުރައްވައި ޒަކީ ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕް ވަރަށް ވަރުގަދަ ކަމަށާއި ޕާޓީގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށްވާ މެންބަރުން ވެސް އަދި ޕާޓީގެ އެހެން ގުނަންތައް ވެސް ވަރަށް ވަރުގަދަ ކަމަށެވެ.،
މިފަހަރުގެ އިންތިޚާބަށް ވަރަށް ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާތީ އެކަމާ އުފާކުރައްވާ ކަމަށާއި، އެކަމުން ރަމްޒުކޮށްދެނީ ޑިމޮކްރަސީއަށް ގިނަބަޔަކު ތަސައްރަފް ފުދެމުންދިއުން ކަމަށް ޒަކީ ވިދާޅުވިއެވެ، އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނަށް މި އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަމުގެ ވަރަށް ބޮޑަށް ޔަގީން ކަން ލިބިވަޑައިގެންފައިވާ ކަމަށާއި، މިއިންތިޚާބު ކާމިޔާބު ވުމަށްފަހު ސަރުކާރު ހިންގުމުގައި އެމްޑީޕީގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމުގެ އިތުރުން ނައިބު ރައީސަކަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް ސިޔާސީ ގޮތުން ތަމްރީން ދެއްވާނޭ ކަމަށް ޒަކީ ވިދާޅުވިއެވެ.