އެމްޑީޕީއަކީ އެހެން ޕާޓީތަކަށް ޑިމޮކްރަސީގެ ނަމުނާ ދައްކާ މުދައްރިސް ކަމަށް ހަމްޒާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކޮށް ދިނުމަށް ފަހު މިއަދު އެހެން ޕާޓީތަކަށް ޑިމޮކްރަސީގެ ނަމޫނާ ދައްކާ ޕާޓީ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙުމަދު ހަމްޒާ ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ހަމްޒާ ވަނީ ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މެދުގައި އުފެދޭ ވާދަވެރިކަން އަދާވާތްތެރިކަމަށް ބަދަލުނުކޮށް، ޑިމޮކްރަސީގެ ރީތި އުސޫލުތަކާ އެއްގޮތަށް މި އިންތިޚާބުގެ މަގާމްތަކަށް ވާދަކުރުމަށް ކެންޑިޑޭޓުންނަށް ގޮވާލާފައެވެ.
މި އަންނަ މަހު ބާއްވާ އިންތިޚާބު ކިތަންމެ ވާދަވެރި ނަމަވެސް މި އިންތިޚާބު ނިމުމަށްފަހު އެންމެން ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަހަތްޕުޅުގައި ރުކުރުވާލައިގެން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެމިތިއްބެވުމަށް އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ހަމްޒާ އިލްތިމާސް ކުރެއްވިއެވެ.
އިދިކޮޅު ސިޔާސީ ޕާޓީތައް ދޫކުރައްވައި ބައެއް ފަރާތްތަކުން އެމްޑީޕީއަށް ސޮއިކުރުން ވެސް ބޭއްވި ރޭގެ ޖަލްސާގައި އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާއި ނައިބު ރައީސް ކަމަށް ވާދަކުރައްވާ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފައިނޭންސް އަސްލަމް މުޙައްމަދު ޝާކިރު ވެސް ވާހަކަދެއްކެވިއެވެ.
ޑރ.ޑީޑީގެ ވާހަކަފުޅުގައި ޕާޓީން އޮޕޮޒިޝަންގެ ގޮތުގައި އޮތް އިރު މާބޮޑަށް ހަރަކާތްތެރިކަމަށް ވިދާޅުވެ 2013 ގެ ބޮޑު މަންޒަރަށް ތައްޔާރުވުމަށް ޕާޓީގެ ހަރަކާތްތައް އިތުރު ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި ނަމަވެސް އަސްލަމް އަދި މޫސަ ވެސް ވަނީ ޕާޓީގެ ގޮފިތަކާއި ދާއިރާތައް މިހާރުވެސް ވަރަށް ބޮޑަށް ހަރަކާތްތެރިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ގައި އެމްޑީޕީގެ ލީޑަރޝިޕާއި، އެމްޑީޕީގެ މެންބަރުން ވެފައިވާ ގުރުބާނީ މޫސަ ފާހަގަކުރެއްވިއެވެ.