އިންސާފްވެރިކަމާއެކު އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހުކުމްކޮށްފިނަމަ މައުމޫނަށް މަރުގެ އަދަބު ދޭން ޖެހޭ – މޫސަ

– ހަމްޒާ ހޮވިވަޑައިގަތަސް އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްދެއްވާނޭ ކަމަށް ވެސް މޫސަ ވިދާޅުވި

އިބްރާހީމް ރާމިޒް

އިންސާފްވެރިކަމާއެކު އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހުކުމްކޮށްފިނަމަ މައުމޫނަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ޖަލުގައި އަނިޔާކޮށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަޙްގީގަށް އިސްތަފާ އިބްރާހީމް ގެންދެވީތީ އުފާކުރައްވާ ކަމަށާއި، ހަމަ އެގޮތަށް އޭރުގެ ޑިފެންސް މިނިސްޓަރ އަދި އޭރުގެ ސަރުކާރުގެ އެންމެ އިސްވެރިޔާ މައުމޫނު އަބްދުލްގައްޔޫމްގެ ތަޙްގީގު ވެސް ކުރެވި ހައްގު އަދަބު ދެވެން ޖެހޭނޭ ކަމަށެވެ.
މޫސަ ރޭ ވިދާޅުވީ އެމަނިކުފާނު ސިޔާސީ މައިދާނަށް ނިކުންނެވީ ސިޔާސީ ބޮޑެތި މަގާމްތައް އަދާކުރެއްވުމުގެ ބޭނުންފުޅުގައި ނޫން ކަމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ އެންމެން ހިފާ ހައްޔަރުކުރުމަށާއި، ކޯޓުތަކާއި ތަޙްގީގީ ބާރުތައް ޒިންމާދާރުކުރުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަމަށް މޫސަ އެދިވަޑައިގެންނެވިއެވެ.
ގިނަ ދުވަސްތަކަކަށްފަހު އެމްޑީޕީން ރޭ ބޭއްވި އާންމު ޖަލްސާގައި މޫސަ ވަނީ އެމްޑީޕީގެ މަސްލަހަތުތަކަށް ފުށުނާރާ ގޮތަށް ކެމްޕެއިން ކުރުމަށް އެޕާޓީގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި މޫސަ އާއި ވާދަކުރައްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ޙަމްޒާ އެ މަގާމަށް ހޮވިވަޑައިގެންނެވި ނަމަވެސް ހަމްޒާގެ ފަހަތްޕުޅުގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްދެއްވުން މަތީ ދެމިހުންނަވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.