އިބްރާހީމް ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ރައީސް ކަމަށް އެ ގްރޫޕްގެ މިހާރުގެ ވެސް ރައީސް މާލެ ސިޓީގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ ކުރިމަތިލައްވައިފިއެވެ.
މި މާރޗް މަހުގެ 28 ވާ ހޯމަ ދުވަހު އޮންނަ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި ނައިބު ރައީސް ކަމަށް 4 ބޭފުޅަކު ވާދަކުރައްވާނެއެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އާއި، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު އާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އެވެ.
މި ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މިހާރުގެ ވެސް ސެކްރެޓަރީ ޖެނެރަލް މާލެ ސިޓީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޤަފޫރު ކުރިމަތިލައްވާފައިވާއިރު، ސެކްރެޓަރީ ޖެނެރަލްގެ ނައިބުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް އެވެ. އަދި ވިޕުންގެ މަގާމަށް މިހާރުވެސް އެމަގާމް ފުރުއްވަމުން ގެންދަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒްގެ އިތުރުން އައްޑޫ ސިޓީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މަގާމްތަކަށް މެންބަރުން އައްޔަންކުރާނީ އެ ގްރޫޕްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.