މެންބަރުންގެ ޚިޔާލު: އިލްތިމާސްއެއް

ފުނަމާ

ފަށައި ގަންނަމުންވެސް ދަންނަވަން އޮތީ ޑީއާރުޕީން ކިތަންމެ ވަރަކަށް ބުނިނަމަވެސް އެމްޑީޕީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ނުވަތަ ވަކިމީހެއްގެ އަމިއްލަ ފިކުރައް އެކަނި ބިނާވެފައި އޮންނަ ޕާޓީއެއް ނޫނެވެ. ފަހަރެއްގައި ޑީއާރުޕީ ނުވަތަ އެބުނާ އުފައްދަން އެއުޅޭ ކަމަށް ބުނާ ޕާޓީއެއްގެ ފިކުރު އެގޮތައް އޮތީމާ އެކަހަލަ ކުށްހީއެއް ކުރެވި ނުވަތަ މިޕާޓީގައި އިލްޒާމް އެއް އަޅުވަނީ ކަމުގައި ވެދާނެއެވެ.
އެމްޑީޕީއަކީ ވަކިފިކުރެކެވެ. މިޕާޓީގެ ބާނީ ވިޔަސް ރައީސް، ނުވަތަ ޗެއަރ ޕާސަން ތަފާތު ކުރުމެއްނެތި އެންމެހާ އާންމު މެންބަރުން ވިޔަސް ތަބާވާނީ އެމްޑީޕީގެ ފިކުރަށެވެ. އެމްޑީޕީގެ ފިކުރަކީ އެންމެހާ މެންބަރުންގެ ވިސްނުން އެމައްޗަށް އެއްބަސްވާ ނުވަތަ މެޖޯރިޓީ އާއި އެއްގޮތަށް އެކުލަވާލެވިފައިވާ މިޕާޓީގެ އުސޫލުތަކެވެ. މިނޫން އުސޫލެއް މިޕާޓީގައި ނޯންނާނެއެވެ.
މިކަން އެންމެ ރަނގަޅަށް ފެނިގެން އެދަނީ ރައްޔިތުންގެ މަޖްލީހުން ފާސްކުރެވޭ ބިލްތަކުގެ ތެރެއިން އެމްޑީޕީ މެންބަރުންގެ އެއްބާރުލުން ލިބިގެން ފާސްވާ ބައެއް ބިލްތައް ރައީސުލް ޖުމްހޫރިއްޔާ އަލުން ވިސްނެވުމަށް މަޖްލީހަށް ފޮނުއްވަމުން ގެންދަވާކަަމެވެ. މީގޭން އެނގެނީ މަހުލޫފުމެންގެ މުޅިއޮޑީގައި ހަސަނު ދެފައި އޮތަސް މިޕާޓީގައި އެކަން ނެއްކަމެވެ. މިޕާޓީއިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުން ރައީސްނަޝީދު ނެރެ މިޕާޓީގެ މެނިފެސްޓޯއާއި އެއްގޮތަށް ޤާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި ކަންކަން ކުރެއްވުމުގެ ފުރުސަތު އެވަނީ މިޕާޓީގެ ލީޑަރަށް ލިބިދީފައެވެ. އަދި ވެރިކަން ހިންގެވުމުގައި ރައީސް ނަޝީދު އެދިވަޑައި ގަންނަވާ ކަންކަމުގައި މިޕާޓީގެ ލީޑަރޝިޕުންނާއި މެންބަރުންގެ ފަރާތުން އެމަނިކުފާނަށް އިޚްލާސްތެރި ކަމާއެކު އެއްބާރުލުން ދޭނެއެވެ. އެހެންނަމަވެސް މިޕާޓީއިން ވަކިކަމެއް ނިންމަންވާ ގޮތެއް ނުވަތަ ކުރާންވީގޮތަކީ ސީދާ ރައީސް ނަޝީދު ނުވަތަ އެހެންވެސް ލީޑަރޝިޕުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވުމުން ނިންމާ ނުވަތަ ކުރާކަމަކަށް ވާންޖެހޭނެ އުސޫލެއް މިޕާޓީ އަކު ނޯންނާނެއެވެ. އަދި ޕާޓީގެ ކޮންގްރެސް ތަކުގައިވެސް ވަކިބޭފުޅަކު އަތްޕުޅު ހިއްލާލެއްވިހާ ގޮތަކަށް ވޯޓުދޭކަށްވެސް ނުޖެހޭނެއެވެ. މެންބަރުންނާއި ޕާޓީގެ އެންމެހާ ގުނަންތަކުން ކަންކުރަމުން ގެންދާނީ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތައް އެމެންބަރެއްގެ ވިސްނުމާ އެއްގޮތަށެވެ. އެހެންކަމުން މަހުލޫފުމެން ކަހަލަ މިޕާޓީއާއި ބީރައްޓެހި މީހުންނައް މިޕާޓީގެ ކަންކަން ހިނގާ ގޮތެއް އަމުދުން ނޭގި އެކަހަލަ މަރުގޯސް ގޮވުމަކީ ހައިރާން ވާންޖެހެނެ ކަމެއް ނޫނެވެ.
މިހިސާބުން އަޅުގަނޑުގެ މިލިޔުމުގެ އަސްލު މައުޟޫއަށް އެނބުރިލާނަމެވެ. މިހާރު މިޕާޓީއިން މިގެންދަނީ ޕާޓީގެ އެތެރޭގެ މުހިންމު އިންތިޚާބުތަކަކާ ކުރިމަތިލަމުން ކަމުގައިވާއިރު އެންމެހާ މެންބަރުންގެ ވިސްނުން މިވަގުތު މިވަނީ މިއިންތިޚާބަށް އަމާޒުކުރެވިފައެވެ. ކޮންމެ މެންބަރަކުވެސް މިހާރު އަނެއް މެންބަރަކާ ބައްދަލުވުމުން އެންމެ ފުރަތަމަވެސް ކޮށްލެވޭ ސުވާލަކީ ރައީސްއަކަށް ކޮންބޭފުޅެއްތޯ ނުވަތަ ކޮންމެސް އެހެން މަގާމަކަށް ކޮން ބޭފުޅެއް ތޯއެވެ؟
ޕާޓީގެ ރައީސްކަމުގެ މަޤާމަކީ މިފަހަރު އިންތިޚާބު ކުރެވޭނެ އެންމެ މުހިންމު މަޤާމު ކަމުގައި ވެފައި މިމަޤާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަށް ބަލާލާއިރު ގާތްގަނޑަކަށް އެންމެހާ މެންބަރުން މިތިބީ ބަސްހުއްޓިފައެވެ. އެއްބޭފުޅަކީ މިހާރުގެ ވަގުތީ ރައީސް އިބްރާހީމް ހުސެން ޒަކީއެވެ. ޕާޓީގެ އެންމެ ފުރަތަމަ ޚިޔާލާއެކު މިއަދާ ހަމަޔަށްވެސް އެމަނިކުފާނުން މިޕާޓީއަށް ކޮށްދެއްވާފައިވާ ގިނަގުން ޚިދުމަތްތަކާއި ވެވަޑައި ގަންނަވާފައިވާ ގުރުބާނީ ތަކަކީ އެކަމާމެދު އެއްވެސް މެންބަރަކު ދެބަސްނުވާނޭ ކަމެކެވެ. އެމަނިކުފާނުން ކުރެއްވި ހިއްވަރުގަދަ މަސައްކަތްޕުޅާ ގުޅިގެން އިދިކޮޅު މީހުން ނުކުމެ އެމަނިކުފާނުންގެ ލޮބުވެތި ދަރިކަލަކުވެސް ނެތިކޮށްލުމަށް ކަޓަރު އަޅާލާ އެމަނިކުފާނަށް ޖެއްސި ހާލު މިއަދުވެސް އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އެހެން ނަމަވެސް ފަސްޖެހިވަޑައި ނުގެން ޒަކީ މިޕާޓީގެ ހައްޤުގައި ކޮށްދެއްވި ހޭދައާއި މަސައްކަތްޕުޅު ތަކަކީ މިޕާޓީ ދެމިއޮތްހާ ދުވަހަކު އެމަނިކުފާނަށް ދަރަނިވެރިވާން ޖެހޭނޭ ކަމެއްކަން ޔަޤީނެވެ. ފަހަރެއްގައިވެސް މިޕާޓީއަށްޓަކައި އެހެންބޭފުޅުން ވެވަޑައިގެންނެވި ގުރުބާނީތަކުގެ ހަނދާން ނެތީކީ ނޫނެވެ. މިޕާޓީއަކީ މެންބަރުންގެ ލާމަސީލު އަގުނުކުރެވޭ އެތަކެއް މިންނެތް މަސައްކަތުގެ ސަބަބުން މިއަދު މިމަޤާމަށް އައިސްފައިވާ ޕާޓީއެކެވެ.
ދެންއޮތް ނަންފުޅަކީ ޑރ ޑީޑީގެ ނަންފުޅެވެ. ކިޔާފައި ނުކިޔާނެ ރޮނގެއްނެތި މިޕާޓީއަށް މިނެއްނެތި ޚިދުމަތް ކޮށްދެއްވާފައިވާ ލީޑަރެކެވެ. ޕާޓީގެ އެންމެހާ މެންބަރުންގެ ލޯތްބާއި އިހުތިރީމު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަމިއްލަފުޅު ހުރިހާ އުފަލަކާ އަރާމެއް އަދި ހުރިހާ ވަގުތެއް މިޕާޓީގެ ހައްގުގައި ޑީޑީ ގުރުބާން ކުރެއްވިޔޭ ދެންނެވުމަކީ އެމަނިކުފާނުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެވޭނެ ޖުމްލައެއް ނޫން ކަމުގައި ދަންނަވަން ޖެހެއެވެ.
މިދެބޭފުޅުން ކޮށްދެއްވާފައިވާ ގިނަގުން ޚިދުމަތްތަކުގެ އަގު ވަޒަންކުރާއިރު މިޕާޓީގެ ރައީސްކަމަށް ކަނޑައަޅާނީ މީގޭން ކޮންބޭފުޅެއްކަން ނިންމުމަށް އާންމު މެންބަރުން މިވަނީ ހަތަރު އަނގޯޅިއެއްގެ މެދުގައެވެ. ނަމަވެސް ތަފާތު ޚިޔާލުތައް މެންބަރުންގެ މެދުގައި ހުރިކަން އެބައެނގެއެވެ.
މިގޮތުން އޮނަރަބަލް ޒަކީ މީގެކުރީން މީޑިޔާގައި ސިޔާސީ ހަޔާތްޕުޅު ނިންމަވާ ލައްވަން އެމަނިކުފާނުން ގަސްދުކުރައްވާކަން ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވުމާއެކު އެމަނިކުފާނުންގެ މިވިސްނުންފުޅު ބަދަލު ކުރައްވައި މިނެންގެވި ފިޔަވަޅުގެ ސަބަބުން ބައެއް މެންބަރުން ތަފާތު ސުވާލުތައް ކުރިމަތި ކުރައްވައެވެ. މިވަގުތު ޕާޓީގެ ކަންކަން ކުރިޔައް ގެންދިއުމުގައި އޮނަރަބަލް ޒަކީ އެވިދާޅުވި ވިދާޅުވުން ބަދަލު ކުރައްވައި މިމަޤާމަށް ކުރިމަތި ލެއްވުމަކީ މިވަގުތު މުހިންމު ކަމެއް ކަމުގައި ގިނަ މެންބަރުން ފާހަގަކުރައްވައި މިކަމަށް ތާއީދު ކުރައްވާ ކަންވެސް ފާހަގަކުރަމެވެ.
ހަމައެހެންމެ ޕާޓީގެ ހިންގުމުގެ ހުންގާނުގައި ޒުވާން ބޭފުޅަކު ހިއްޕަވާންވީ ވަގުތު އައިސްފައިވާ ކަމުގައި ގިނައަދަދެއްގެ ބޭފުޅުން ވިދާޅުވަމުން ގެންދަވާކަންވެސް ފާހަގަ ކޮއްލަން ޖެހެއެވެ. އެގޮތުން އޮނަރަބަލް ޑީޑީ އަކީ މިވަގުތައް ޕާޓީގެ ލީޑަރެއްގެ ގޮތުގައި އެންމެ ރަނގަޅު ބޭފުޅާ ކަމުގައި ވިދާޅުވާ މެންބަރުންވެސް މަދެއް ނޫނެވެ.
ކަންމިހެން އޮތް ނަމަވެސް މިދެބޭފުޅުންވެސް އެތިއްބެވީ ޕާޓީގެ ހައްޤުގައި ކަމަރުބަންނަވައިގެން ނުކުމެވަޑައި ގަންނަވައެވެ. އެކުވެރި ރޫޙެއްގައެވެ. ކޮންމެ ބޭފުޅަކުވެސް ތާއީދު ހޯއްދެވުމުގައި މަސައްކަތް ކުރައްވަނީ އަނެއްބޭފުޅަކަށް އިހުތިރާމު ކުރައްވައިގެން ކަމުގައި ޔަޤީން ކުރެވެއެވެ.
ކޮންމެއަކަސް މިދެބޭފުޅުންްގެ ތެރެއިން މިިމަޤާމްއަށް ކަނޑައަޅާނެ ބޭފުޅަކާމެދު މެންބަރުން ވިސްނައި ގޮތެއް ކަނޑައެޅުމުގެ ދުވަސް މިދަނީ ކައިރިވަމުންނެވެ. އެހެނިހެން މަޤާމުތައް ކަނޑައެޅުމުގައި މާބޮޑު މައްސަލަތަކެއް ނެތް ނަމަވެސް ޕާޓީގެ ރައީސްއަކު ކަނޑައެޅުމުގެ މައްސަލާގައި ވިސްނުން ތިންކަފިވެފައި ވާކަމުގައި ދަންނަވާން ޖެހެއެވެ. ބައެއް މެންބަރުން އޮނަރަބަލް ޒަކީއަށް އަދި އަނެއްބައި މެންބަރުން އޮނަރަބަލް ޑީޑީ އަށް ވިސްނުން ގެންގުޅުއްވާއިރު ގިނަމެންބަރުން ތިއްބެވީ ނިންމާނެ ވަކިގޮތެއް ނޭނގިފައެވެ. ސަބަބަކީ މިއިން ކޮންމެ ބޭފުޅަކީވެސް ޚިދުމަތުގެ ތިލަފަތުގައި އެހާމެ ބުރަ ބޭފުޅެއް ކަމުގައި ވާކަމެވެ. އެހެން ކަމާއެކު ދެބޭފުޅުންވެސް މީޑިޔާގައި އެބޭފުޅެއްގެ ސިޔާސަތު ހާމަކުރައްވައި މެންބަރުންނަށް މަގުކޮއްޓަވައި ދެއްވުމަކީ މުހިންމު ކަމެކެވެ. ނުވަތަ ކޮންމެވެސް އެއް ބޭފުޅަކު މަންޒަރުން ދުރަށް ޖެހިވަޑައި ގަތުމަކީވެސް ބައެއް މެންބަރުންގެ ޚިޔާލެއް ކަމުގައި ދަންނަވަން ޖެހެއެވެ. ކޮންމެ ގޮތަކަށް ވިޔަސް އަންނަމަސް ނިމިގެން ދާނީ މިއިންތިޚާބުތަކުގެ ނިމުން ފާހަގަ ކުރަމުންނެވެ. ޕާޓީގެ އިސްތިގްލާލްއާއި އެއްބައި ވަންތަކަން ދެމިއޮންނާނޭ ހުރިހާ ގޮތަކަށް ވިސްނަވައިގެން އެންމެހާ ކެންޑިޑޭޓުންނާއި އާންމު މެންބަރުން އަދި ޚާއްސަކޮށް ޕާޓީގެ ލީޑަރޝިޕުން މަސައްކަތް ކުރެއްވުމަކީ މިޕާޓީގެ އެންމެހާ މެންބަރުންގެ އުންމީދާގުޅިފައިވާ ކަމެއްކަމުން މިކަމުގައި އެންމެހާ ފަރާތްޕުޅުތަކުން މަސައްކަތް ކޮށްދެއްވުމަށް އިޚުލާސްތެރި ކަމާއެކު އިލްތިމާސް ކުރަމެވެ.