ނޫސްބަޔާން: ށ.ބިލެތްފަހީ ހިނދޫ ގޮފީގެ ނޫސް ބަޔާން

އެމް.ޑީ.ޕީ ބިލެތްފަހީ ހިނދޫ ގޮފި
ށ.ބިލެތްފަހީ / ދިވެހިރާއްޖެ

ނޫސް ބަޔާން

މިހާރަކަށް އައިސް މިރަށުގައި ސިލްސިލާ ކޮށް އަލިފާނުގެ ހާދިސާ ތަކެއް ހިނގަމުން ދާ މި ދަނޑިވަޅުގައި އެކަމުގެ ސަބަބުން އަމިއްލަ މީހުންގެ މުދަލަ ށާއި އަދި މިރަށުގައި ކަރަންޓްގެ ހިދުމަތްދޭ ބިލެތްފަހީ ޒުވާނުންގެ ޖަމްއިއްޔާގެ ޑިސްޓްރިބިއުޝަން ފޮށި ތަކަކާއި އަދި ބައެއް ސިޔާސީ ޕާޓީ ތަކުގެ ތަކެއްޗައް ލިބެމުންދާ ބޮޑެތި ގެއްލުންތައް ހިތާމަ އާއި އެކު ފާހަގަ ކުރަމެވެ. އަދި މިފަދަ ޖަރީމާ ތައް ހިންގާ ފަރާތްތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި އެފަދަ ކުށްކުރާ އެންމެހާ ފަރާތްތައް ހޯދާ ތަހުގީގް ކުރުމަށް ކުރެވޭ އެންމެހާ މަސައްކަތް ތަކުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ. އަދި މިކަމާއި ގުޅިގެން ހިންގޭ ތަހުޤީގަކީ މިނިވަން އިންސާފްވެރި ތަހުގީގަކަށްހެދުމަށް ކަމާ ބެހޭ އެންމެހާ މުވައްސަސާތަކަށް އިލްތިމާސް ކުރަމެވެ. އަދި މީގެ އިތުރުން މިފަދަ ދުވަސް ވަރެއްގައި އެންމެހާ ފަރާތްތަކުންވެސް މިފަދަ ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމުގައި ސާބިތު ހެކިތަކެއް ނެތި ވަކި ބަޔަކަށް އަމާޒުވާ ގޮތައް ވާހަކަ ނުދެއްކުމަށް މި ދަނޑިވަޅުގައި އިލްތިމާސް ކުރާ ހިނދު، މި ފަދަ އަމަލުކުރާ ފަރާތްތަކުން އެކަންތައްތައް މިހާރުން މިހާރާށް ހުއްޓާލުމަށް އަޅުގަނޑުމެން ގޮވާލަމެވެ. އަދި މި ފަދަ ކަންކަމުގެ ސަބަބުން ހިދުމަތް މެދު ކެޑިގެން ދާ ވަގުތު މިހާރަށް ވުރެ ކުޑަ ކުރެވޭނެ ގޮތަކަށް ކަންކުރުމަށް ހިދުމަތްދޭ ފަރާތައްވެސް މި ފުރުސަތުގައި ގޮވާލަން. އަދި މީގެ އިތުރުން ރަށު ކައުންސިލްގެ އިދާރާއިން ކަމާ ގުޅޭ މައުލޫމާތު އެކި ފަރާތްތަކަށް ދިނުމުގައި މިހާރަށް ވުރެ ޒިންމާދާރު ކަމާއި އެކު ދިނުމަށް ވެސް ގޮވާލަމެވެ. އަދި ހަމަ އެހެންމެ ޤާނޫނީ ގޮތުން މިފަދަ ކަންކަން ހުއްޓުވުމާއި އަދި މި ހިދުމަތް ރައްޔިތުން ނަށް ފޯރުކޮށްދިނުމުގައި ކައުންސިލަށް ލިބިގެންވާ އެންމެހާ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ކައުންސިލްގެ އެންމެހާ މެމްބަރުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ގޮވާލަމެވެ.

15 މާރޗް 2011

އަބްދުﷲ ޝަހީމް
(ރައީސް)