އެމް.ޑީ.ޕީ އިންތިޚާބު 2011ގެ ހުސް މަގާމްތަކަށް ކުރިމަތިލުމުގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ

– ޕާލަމެންޓްރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ބަންދުވާނެ

އިބްރާހީމް ރާމިޒް

މިއަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ހުސް ދެ މަގާމް ކަމަށްވާ ށ.ކޮމަންޑޫ ދާއިރާގެ ރައީސްކަމާއި، މާލެ ސިޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
އެމްޑީޕީން ބުނީ މި ދެ މަގާމަށް އަލުން ފުރުސަތު ހުޅުވާލީ މި މާރޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 8 އާ ހަމައަށް މިއިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އެދެ ދާއިރާއަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ ކަމަށެވެ.
މި އިންތިޚާބުގައި އެމްޑީޕީއާއި ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ވާދަކުރައްވައެވެ. އެގޮތުން ޕާޓީގެ އެންމެ ޝަރަފްވެރި އެއް މަގާމް ކަމަށްވާ ރައީސް ކަމުގެ މަގާމަށް މިހާރުގެ ވަގުތީ އަދި ނައިބު ރައީސް، ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އިބްރާހީމް ޙުސައިން ޒަކީ އާއި، ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.އިބްރާހީމް ދީދީ (ޑރ ޑީޑީ) ވާދަކުރައްވާނެއެވެ.
ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް މުހައްމަދު އަސްލަމްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްލަމް ޝާކިރުއާއި، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަދި ގ.ކަކާގެ އާގޭ ހުސައިން އާދަމް އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ އިތުރުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އެޕާޓީން ވަނީ ހުޅުވާލާފައެވެ. ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.