ފުނަމާ
ޖަހާލަތުގެ އަނދިރީގައި ދީނުގެ އަނދުން އަޅުވައިގެން 30 އަހަރު ވަންދެން ދިވެހީން ގެންގުޅުނު ރައީސްގެ އަޖަލު ހަމަވަމުންދާއިރު އެފަކީރު މިއަދު ހޭދަކުރަމުން އެގެންދަނީ ހިތްދަތި އެހާމެ ހިތާމަވެރި ދުވަސް ތަކެކެވެ.
” މަވަރުގެ މީހަކު އަދިވެސް ނެތޭ، މަށަށްވުރެ ދިވެހިން ބޭނުން މީހަކު އަދިވެސް ނެތޭ” ގޮވަގޮވާ އޮއްވައި އަނގަމަތީގައި ހޫނުތަފާލެއް ޖަހައި ދިވެހީން އޭނާ ވެރިކަމުން ދުރުކުރުމުން މުޅިދުނިޔޭގެ ކުރިމަތީގައި ބަރަހަނާވުމުން ދެންހަދާނެގޮތް އޮޅި އެކުއުޅުނު މީހުން ކޮޅަށާއި އެތަންމިތަނަށް ދަރާއޮތް ދަރަނިތައް އަދާކޮއް ތިމާސަލާމަތުން ބަހައްޓައިދޭތޯ އާދޭސް ކޮށްގެން ޕާޓީގެ ލީޑަރަކަށް އާ ބޭފުޅަކު ގެނައީ ވެރިކަން ހޯދުމަށް އެބޭފުޅެއްގެ އަތުން ޚަރަދު ކުރުވި މިލިއަން މިލިއަން ރުފިޔާވެސް ނުދީ ވޭތޯއެވެ. މިކަމަކީ އެއިރުވެސް ހަޤީގަތް ދަންނަ ކިތަންމެ ބަޔަކު ދެއްކިވާހަކައެކެވެ. އެ ބޭފުޅާގެ ނަމުގައި ބޮޑެތި ލޯނުތައް ނަގަމުން ގެންދިޔަ ވާހަކަތައް ލީކުވެ ބެންކުދޮށަށް މީހުން އެއްވިކަމީވެސް އެންމެން ދަންނަކަމެކެވެ.
އެބޭފުޅާ ޕާޓީ ހަވާލުކުރީ ކީއްވެގެން ކަމާމެދު ކުރީން ތަފާތުވާހަކަތައް ދެކެވުނު ނަމަވެސް މިއަދު އިވޭގޮތުން ކުރީގެ ވެރިޔާގެ ދަރީންނާއި ދަނބި ދަރީންނަށް ދާންދެން އޮތީ ލީޑަރަށް ދަރާކަމުގައި ވެއެވެ. ކާޅުގޮވާހެން މުޅިގައުމުގައި އޮތީ މިވާހަކައެވެ. އެކަކު އަނެކަކަށް ފޮނުވަމުންދާ ވަކިވެދިޔަ ލޯބީގެ ސިޓީތަކުގައިވެސް މިވާހަކައެވެ. ލަދުގަންނަ މީހަކުވިއްޔާ އަމިއްލަ ގޭގައި ބައިތިއްބާފައި ތިބި އާއިލާ މީހުން ކޮޅަށްދާންދެން ގެއިން ބޭރުކޮށް ފޮނުވާލައިފިއެވެ. ބައެއް މީހުން ބުނެއުޅެނީ ” ބޯވަޔަކީ ވޮށް އަލިވާގެއެއްގައި ގެންގުޅެން ހެޔޮނުވާވަރުގެ އެއްޗެއް ކަމުގައި ބަލައި ކަނޑުލައި އެންދެރި ގަސްތަކުގެ ބުޑަށް ބޯވަދޫކޮށްލައިފި ކަމުގައެވެ. ” ކަނޑު އަޑީގައި އެއުޅޭ މިޔަރުތަކާއި މިނޫންވެސް ބިޔަ ދިރުންތަކުން ސަލާވަތްވެ އުޅެވެންޔާ އަޖަލު ހަމަވާންދެން ކޮންމެސް ތާކު އުޅޭނެތާއެވެ.
ވެރިކަމުން ވެއްޓުމުން ވެރިޔާ ހީކުޅައީ ލީޑަރު އިސްކޮށްލައި ދަރަނިގަނޑު ޚަލާސް ކޮށްލައި ދުވަސްކޮޅަކުން އަނެއްކާވެސް އާމޫނެކޭ ބުނެ ދިވެހީންގެ ބޮލަށް ސަވާރުވެވިދާނެ ކަމުގައެވެ. ނަމަވެސް އެއްދުވަހުން އަނެއްދުވަހަށް އަމިއްލަ ޕާޓީ ކުދީންވެސް ތިމާދެކެ ފޫހިވެ ކޫސަނި ބޫސަނި ވާހަކަގަނޑު ދައްކައިޚިޔާނާތްތަކާ ބެހޭ އަޑުތައް ގަދަވެ ހިތުހުރިގޮތަކަށް ވެރިކަން ވައްޓާލުމަށް ކުރީންވެސް ހުވާކުރިއިރު ހަތިޔާރު އެތެރެ ކުރިގޮތަށް ހަތިޔާރު އެތެރެ ކުރުމަށް ރައްޓެހި ކުދީންކޮޅު ބައިތިއްބާފައި ތިބި އެއާޕޯޓު ގަނޑުވެސް ޖީއެމްއާރާ ހަވާލުކޮށްފައި އޮތުމުން އެމަގުވެސް ބަންދުވުމުން މިހާރުދެން އެއުޅެނީ އަނެއްކާވެސް ލީޑަރުގެ ބާރުކަނޑުވާލައި އެންމެ ބާރުގަދަ މީހާޔަށް ވާށޯލައެވެ.
މިއަދު އޭނާގެ ފުށުން މިފެންނަ އަމަލުތަކަކީ ނުވަވަނަ ހަސަން ރަސްގެ ޕޯޗުގީޒުންނަށް ދިވެހިރާއްޖެ ވިއްކާލިއިރުވެސް ކުރިކަންތައްތަކާ އެއްފަދަ އަމަލުތަކެކެވެ. ވެރިކަމުގެ ޝާނާޝައުކަތުގައި ގަމާރުވެ މިއަދު އެހުރީ މަޖުނޫނަކަށް ވެފައެވެ. އިއްޔެ ހާލުގައި ޖެހުނުދުވަހު އެންމެ އެހީތެރިވެދިނީތީވެ ލޯބިން ނަންކިޔައި އުޅުނު ” ތަސް ” މިއަދު ޗަސްކޮށްލާން އުޅޭއިރު އަމިއްލަ ދުލުން އިއްޔެ ދެއްކިވާހަކަތައް މިއަދުވެސް އެދަނީ އަޑުއިވެމުންނެވެ.
ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބު ހިނގަމުން ދިޔައިރު ބަލިވެއޮތް އަނބިމީހާ ވާނެއެއްޗެއްވާން ދޫކޮށްލާފައި އަރުވާޖަހައިގެން އުޅުނީވެސް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކޮށްގެން ވެރިކަން ވައްޓާލުމަށެވެ. ނަމަވެސް ނަސީބު ދެރަކަމުން ޤާނޫނީ ވެރިކަން ޤާނޫނީ އިމުގެ ތެރެއިން ވައްޓާލުމުގެ ފުރުސަތެއް ނުލިބުނެވެ. އެހިސާބުން ” ރާގޮނޑި ގޭންގާއި” މައިބަދަ ބިންދާ މީހުން ނެރެގެން މުޅި ޤައުމުގައި ދާޚިލީ ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތްފަށައި މިކަމުގައި ވައިޖަހާފުއްޕާ މުސްތަޤިއްލު މަޤާމުތަކުގައި ވަކިހިއްޕުވާފައި ތިބި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިޔައްދާން ފެށިނަމަވެސް މިސަރުކާރުން ފިސާރި ވިސްނުންތެރިކަމާއެކު އެޕުލޭނުތަކުގައި ” ބޮޑުތަޅު” އަޅުވާލުމުން އެއީކީވެސް ކުރެވޭނެ ކަމެއް ނޫންކަން އެނގިއްޖެއެވެ. އަދި ހަމަ މިކަމުގައި ހިތްއެދޭ މިންވަރަށް ޕާޓީގެ ލީޑަރޝިޕުން އެއްބާރުލުން ނުލިބޭކަމުގައި ބުނެ މިއަދު މިވަނީ ލީޑަރު އެއްކިބާކޮށް ޕާޓީ ގައި ހަންފެތުރުމުގެ މަސައްކަތް ފަށާފައެވެ.
އިތުރު ޕާޓީއެއް އުފައްދައިގެން ޕާޓީން ވަކިވާން މިއަދުގެ ޔާރުން މަޝްވަރާ ދެމުން މިއަޑު އަރުވަމުން ގެންދިޔަނަމަވެސް މިކަމުގައި ފަހަތުން ދާން ތިބީ ލަދުގަންނާނެހާ މަދުބައެއްކަން އެނގޭތީވެ މިކަމަކީ ކުރާހިއްވިޔަސް ކުރަންކެރޭނެ ކަމެއް ހެނެއް ހީއެއް ނުވެއެވެ. މުޅި ސަރުކާރުގެ އާރާބާރު އޮވެގެން ސިވިލް ސާވިސްގެ ހުރިހާއެންމެން އޮބިއަޅައިގެން ޕާޓީ ހެދިހެން މިއަދު އެކަން ކުރެވޭކަށް ނެތެވެ. އަދި ދުވަސްވެ މުޅިފަށަނާ ބަނޑުފިލައިން ދިޔަވަމުންދާ އޮޑިޔަކަށް މިއަދު ހޭހުރި މީހަކު ނާރާނެކަން އެނގޭނެއެވެ. އެހެނެއްކަމަކު ކުރީން އެކުއުޅެ މިއަދު ލީޑަރު ފޭކޮށްލިހެން ފޭކޮށްލި ކުރީގެ ބައެއް މިތުރުންނާއި ގުޅިގެން މާލޫދު ޕާޓީއެއް ނުވަތަ ބޮޑުބެރު ޕާޓީއެއް ނަމަވެސް ހަދައިގެން އަޖަލު ހަމަވަންދެން މިކަލޭގެ މިސަކަރާތެއް ޖަހާނެއެވެ. ވަކިވަރަކަށްވުރެ ކަމަކާމީހަކު ހަސްގަނެފިނަމަ މިނޫން ހާލަތްތަކަށްވެސް ދާނެއެވެ.
އޭނާ މީހަކާ ދިމާކުރާން ވެއްޖެނަމަ އެންމެ ފުރަތަމަވެސް އެމީހަކީ ދީނީ ގޮތުން މާދަށުދަރަޖައެއްގެ މީހަކަށް ހަދާން އުޅޭ މީހެކެވެ. ރާއްޖޭގައި ތިއްބެވި ދީނީޢިލްމުވެރީން މިއަދު ހަނދާންނެތިގެން އަނެއްކާވެސް ” ޗިލީއިން ސޯސްބޯން” ދުވިނަމަވެސް އެހައްދުވަހު އެވެރީންނަށްވެސް ދެއްކިހާ އަހުވައެއް ދެއްކީ އެއިލްމު ވެރީންނަކީވެސް އެކައްޗެއްވެސް ދަންނަ ބައެއް ނޫންކަމަށާ އަދި ދީނީ އަޤީދާބަލިކަށި ބައެއް ކަމުގައި އިސްތިހާރު ކުރަމުންނެވެ. މިއަދު އެހައްދުވަހު އެންމެ ޤާބިލް ދީންވެރި، ހުރިހާގޮތަކުން ޕާޓީއާ ވެރިކަމަށް އެންމެ ހިތްގައިމު ފަރާތަކީ ލީޑަރުކަމުގައި ހަމައެބުނި ދުލުން މިއަދު އެދައްކަނީ އަކީ މީހުން ހިނިނާންނަވަރުގެ ވާހަކައެއް ނޫނެވެ. ތެދެކެވެ. މުނާފިގުންނޭ އެކިޔަނީވެސް ވަނަމަކަށް ނޫނެވެ.
ކޮންމެއަކަސް މިއަދު މައުމޫނު އެކަނިއޮވެ އެންމެ އަހާލާ ހިއްވާނީ ” ނެތުނީހޭ މިއަދު ބޭނުން އެކުލޯބިން ޔާރުއުޅެފައި ، މިކުރާ ހިތާމަތަކުގާ ދެކިލަން ނުވެސް އައީހޭ” އެވެ.