ރައީސުލްޖުމްހޫރިއްޔާ، އައި.އެމް.އެފް.ގެ ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

10 މާޗް 2011

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް.)ގެ ސްޓޭންޑް ބައި އެރޭންޖްމަންޓް އަދި އެގްޒޯޖެނަސް ޝޮކްސް ފެސިލިޓީގެ ދަށުން ރާއްޖޭގައި ހިންގަވާ ޕްރޮގްރާމްގެ ދެވަނަ ރިވިއުގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށްޓަކައި މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އައި.އެމް.އެފް.ގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރައްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްޞީލު، ވަފުދުގެ ބޭފުޅުންނާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ޓުއަރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް ނަގަން މިއަހަރު ފެށި، ކުރިން އަންދާޒާ ކުރެއްވިފައިވާ ވަރަށްވުރެ މާ ބޮޑުތަނުން އިތުރު އާމްދަނީއެއް ޓެކްސް ނަގަންފެށި ފުރަތަމަ މަހުވެސް ލިބިފައިވާކަމީ ސަރުކާރަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޓުއަރިޒަމްގެ ވިޔަފާރިން ރާއްޖެއަށް ލިބޭ އާމްދަނީއަކީ، އަހަރަކު ގާތްގަޑަކަށް 700 މިލިއަން ޑޮލަރު ކަމަށް ބެލެވިފައި އޮތް ކަމުގައިވިޔަސް، މި ޓެކްސް ނަގަން ފެށުމުން، ޓުއަރިޒަމްގެ ވިޔަފާރިން އަހަރަކު މަދުވެގެން 2 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭކަން ހާމަވެގެން ގޮސްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުން ތަޢާރުފު ކުރެވިގެން ދިޔުމަކީ، އެކަމުގެ ކުރީކޮޅު އިތުރު ޚަރަދު ހިނގާނެ ކަމެއް ކަމުގައިވިޔަސް، ދުރު ރާސްތާގައި، އެކަމުގެ ސަބަބުން ސަރުކާރުގެ ޚަރަދުތައް ކުޑަވެ، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއިން، އައި.އެމް.އެފް.އާ ެކު މަސައްކަތްކޮށް، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް އައި.އެމް.އެފް.ގެ ލަފައާއި އެއްބާރުލެއްވުން މިހާރުވެސް ދެއްވަމުން ގެންދަވާ ގޮތަށް ދެއްވަމުން ގެންދެވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އައި.އެމް.އެފް.ގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ވަޑައިގެންނެވި، ރޮޑްރިގޯ ކުބޭރޯ ދެއްކެވި ވާހަކަފުޅުގައި، އައި.އެމް.އެފް.އިން ރާއްޖެއާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ކުރެއްވިދާނެ އިތުރު ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އައި.އެމް.އެފް.ގެ ވަފުދުގެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރނަރ ޢާއިޝަތު ޒާހިރާ ބައިވެރިވެވަޑައިގެންނެވިއެވެ.