ލ.ފޮނަދޫން އަހުމަދު ރަޝީދު
5 ފެބްރުއަރީ 2011 ވަނަ ދުވަހު ބޭއްވުނު ލޯކަލްކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ބައިވެރިވެ ކައުންސިލަރުކަމަށް ހޮވުނު ލ. ގާދޫ ލައިޓްސްޓަރ އަލްފާޟިލް މުސާ ނަދީމް ރޭ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ކުރިމަތި ލައްވައިގެން ހޮވި ވަޑައިގެންފައިވާ މޫސާ ނަދީމް ވިދާޅުވީ އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ އެބޭފުޅާޤަބޫލު ކުރައްވާގޮތުން ގާދުއަށް ތަރައްޤީއެއް ގެނެވޭނީ އެއިރެއްގައި އޮންނަ ސަރުކާރަކާއި ގުޅިގެންކަމަށްވާތީއެވެ.
ގާދޫ ކައުންސިލަރު ސޮއިކުރުމަށްޓަކައި ރޭގެ ވަރަށް ދަން ވަގުތެއްގައި ފޮނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރ މުޙައްމަދު ޝިހާބެވެ. މީގެ އިތުރުން މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާ އަލްފާޟިލް އަޙްމަދު މުޖުޠަބާވެސް މި ސަރަހައްދުގައި ބައިވެރި ވެލެއްވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ޝިހާބު ވިދާޅުވީ އެފަދަ ފުރުޞަތެއް ލިބިގެން ދިޔަކަމަށްޓަކައި ވަރަށް އުފާފުޅު ކުރައްވާ ކަމަށާއި އަޅުގަނޑުމެންގެ ރައީސް ވިދާޅުވާހެން އެމްޑީޕީގެވެސް ހަމައެކަނި މަޤުޞަދަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ އެބައެއް އުޅޭ ސަރަޙައްދަކާއި ރަށާއި އަތޮޅާއި އަދި ޤައުމު ތަރައްޤީ ކުރުންކަމަށް ވިދާޅުވިއެވެ. އަދި މިސަރުކާރުގެ ބޭނުމަކީވެސް އެއީކަމަށް ވިދާޅުވިއެވެ.
ގާދޫ ކައުންސިލަރު ސޮއިކުރުމަށް ބޭއްވި ޚާއްޞަ ހަފްލާގައި ފޮނަދޫ ބަރާސިލު އަވަށުގެ ތަރައްޤީގެ މަސައްކަތްތަކުގައި ކުރީ ސަފުގައި ޙަރަކާތްތެރި ވަމުންއަންނަ ދެ ބޭފުޅަކުވެސްވަނީ ސޮއިކޮށްފައެވެ. އެގޮތުން ލ. ފޮނަދޫ ސައިމާގޭ ސަޢީދު ސާލިފާއި މާރބްލް އިސްމާޢިލް ސޮއިކޮށްފައިވެއެވެ.