ޔުނިސެފްގެ ރިޕްރެޒެންޓޭޓިވް މިސްޓަރ ޖޭ ބަރޓްރަންޑް މެންޑިސްއާއި އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ބައްދަލުކުރައްވައިފި.

ޔުނިސެފްގެ ދަޢުވަވަތަކަށް ބޭއްވި މިބައްދަލުވުގައި މިޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އަންހެނުންގެ ރޫޙްގެ ނައިބްރައީސް މަރިޔަމް ވަހީދާ، ޚަޒާންދާރު ހަދީޖާ އަބޫބަކުރު (އާނިޔަތު)، ސެކްރެޓަރީ އަރީޝާ އަލީ އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހުއެވެ.
މިބައްދަލުވުމުގައި ޔުނިސެފްގެ ފަރާތުން ވާހަކަ ދައްކަވަމުން މިސްޓަރ ބަރޓްރަންޑް ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ޔުނިސެފްގެ އެހީތެރިކަން އެމްޑީޕީއަށް ލިބޭނެކަމަށެވެ. އަދި އެމްޑީޕގެ ފަރާތުން ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް މިފަދަ ހައްޤުތަށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ. މިގޮތުން އިޖްތިމާޢީ ރައްކާތެރިކަމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިގެން ކުރިޔަށްގެންދާ ކަމެއްކަމަށާއި ޔުނިސެފްއިން މިފަދަ ބައްދަލުވުމެއް އިންތިޒާމް ކޮށްދެއްވީތީ ޕާޓީގެ ފަރާތުން މިސްޓަރ ބަރޓްރަންޑަށާއި ޔުނިސެފްއަށް ޝުކުރުއަދާ ކުރެއްވިއެވެ.