މެންބަރުންގެ ޚިޔާލު: ވިސްނާލުން ހުއްޓެވެ!!

ޙަސަން މާހިރު/ ހުޅުދޫ، އައްޑޫ ސިޓީ

ވިސްނާލުން ހުއްޓެވެ! ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫސިޓީއަށާއި، ފުވައް މުލަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، އިއްޔެ މެންދުރު ފަހު އައްޑޫ ސިޓީއަށް ވަޑައިގެން، އައްޑޫ ސިޓީގެ އިދާރާ އިފްތިތާޙް ކޮށްދެއްވި މުނާސަބާ ރަންއަކުރުން އެ ދެސަރަހައްދު ތަކުގެ ލޮބުވެތި ރައްޔިތުން ފާހަނގަކުރަން ޖެހެއެވެ. ސަބަބަކީ، މިއީ ރާއްޖޭގެ ފުރަމާނީ ވެރިކަމުގެ ބާރު އައު މިސްރާބަކަށް ބަދަލުވެގެން ދިޔަ ތާރީޙީ ހާދިސާއަކަށް ވުމެވެ. މިކަމަށްޓަކައި، ދެކުނު ޕްރޮވިންސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އައްޑޫ ސިޓީގެ އިދާރީ އެންމެހާ، ޤާނޫނީ މަސްއޫލިއްޔަތު ހިންގެވުމަށް ޓަކައި މިފަދަ އޮފީހެއް އެސަރަހައްދު ތަކުގައި ހުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާ ލެއްވީ ސަބަބުތަކެއް ހުރެގެންނެވެ. އަދި އައްޑޫ ސިޓީގެ ޖުމްލަ އުފެއްދުން ތެރިކަން ނުވަތަ ޖީ.ޑީ.ޕީ.އަކީ ދެ ބިލިއަން ރުފިޔާކަން ހާމަކުރައްވަމުން، އެ މަނިކުފާނުގެ ސަރުކާރުގެ ފަސްއަހަރު ނިމުމުގެ ކުރިން، އައްޑޫ ސިޓީގެ ޖީ.ޑީ.ޕީ. ދެގުނައަށް އިތުރު ކުރައްވައި ހަތަރު ބިލިއަން ރުފިޔާއަށް ގެންދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވެ ދެއްވީވެސް ސަބަބުތަކެއް ހުރެގެންނެވެ. މިކަން ހާސިލު ކުރެވޭނި ރައީސްގެ އިރުޝާދު ފުޅާއެކު ސިޓީ މޭޔަރާއި ސިޓީ ކައުންސިލަރުން އިލްމުވެރި ބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ.
އެނގިވަޑައި ގަންނަވާނެ ފަދައިން، ރައީސް، އައްޑޫ ސިޓީގެ އިދާރާ އިފްތިތާޙް ކޮށްދެއްވުމުގެ ކުރިން، ދެކުނު ޕްރޮވިންސް އޮފީހުގައި، އައްޑޫ ސިޓީ ކައުންސިލަށް ހޮވިވަޑައިގެން ފައިވާ މެންބަރުންނާއި، މާލޭ ސިޓީ ކައުންސިލަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހޮވިވަޑައިގެން ފައިވާ މެންބަރުންނާ ބައްދަލު ކުރެއްވި ބޭނުން ފުޅުތަކުގެ މައްޗަށް ވިސްނާ އަމަލު ކުރަންޖެހޭ، ފަރާތްތަކަކީ، އައްޑޫ ސިޓީއާއި މާލޭ ސިޓީއާއި ފުވައް މުލަކުގެ ދާއިރާއަށް އިންތިހާބު ވެފައިވާ ކައުންސިލް މެންބަރުންނެވެ. އެހެނީ ޚާއްސަކޮށް، އައްޑޫ ސިޓީއާއި ފުއައް މުލަކުގެ ދާއިރާއަކީ އަލަށް ރާއްޖޭގެ ތާރީޙުގައި ޤައިމުކުރެވުނު ލާމަރުކަޒީ އުސޫލުގެ މަތިން ތަރައްގީކޮށް މިސަރަހައްދު ތަތަކުގެ ރައްޔިތުންނަށް ތަރައްގީއާއި ކުރިއެރުން ހޯދާދިނުމުގެ ބުރަ މަސްއޫލިއްޔަތު އެޅިފައިވާ ބަޔަކީ އެބޭފުޅުން ކަމުގައި ވާތީއެވެ. ވީހިނދު، މިކަމުގެ ހުރި މުހިއްމުކަން ހާމަކޮށް ދެނީ އައްޑޫ ސިޓީ ކައުންސިލާއި، މާލޭ ސިޓީ ކައުންސިލް ގުޅިގެން ދެ ސިޓީގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމުގެ މުހިންމުކަމާ ބެހޭގޮތުން އެ ބޭފުޅުންނާ ރައީސް މަޝްވަރާ ކުރެއްވި ކަމެވެ.
އައްޑޫ ސިޓީގައި ހިނގަމުންދާ ސްކޫލްތަކުގެ ސްކޫލް ބޯޑު މެންބަރުންނާއި ރައީސް، މުޙިއްބުއްދީން ސްކޫލްގައި އިއްޔެ މެންދުރުފަހު ބައްދަލު ކުރެއްވީ ވެސް ސަބަބުތަކެއް ހުރެގެންނެވެ. މިބައްދަލު ކުރެއްވުމުގައި، އައްޑޫ ސިޓީގެ ސްކޫލްތައް ހިންގުމުގައި، ދިމާވާ ނުވަތަ ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު އޮޅުން ފިލުއްވައި، މި ދަތިތައް ޙައްލު ކުރެއްވުމަށް ސަރުކާރުން އެޅުއްވެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެއްލެވީ ވެސް ސަބަބުތަކެއް ހުރެގެންނެވެ. މީގެއިތުރުން، ސަދަން ޔުޓިލިޓީޒް ކުންފުނީގެ ބޯޑާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަންއާއި، މެނޭޖިންގ ޑިރެކްޓަރާއި، އެސް.ޓީ.އޯ ބޯޑާއި، ސަރަޙައްދީ ބަނދަރުގެ ބޯޑާއި، ގަން އެއަރޕޯރޓް ކުންފުނީގެ ބޯޑާއި، ސައުތު ހެލްތު ސަރވިސަސް ކޯޕަރޭޝަންގެ ބޯޑާވެސް ރައީސް އިއްޔެ މެންދުރުފަހު ބައްދަލުކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުންނާއި، ވިޔަފާރި އުޞޫލުން، ރައްޔިތުންނަށް ލިބެންޖެހޭ ޢާންމު ޚިދުމަތްތައް ފޯރުއްވައި ދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަމާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާގެ މައްޗަށް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، އައްޑޫ ސިޓީގައި ވިޔަފާރި ފުޅާކުރުމަށް މި ކުންފުނިތަކުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް ރައީސް މި ކުންފުނި ތަކާއެކު، މަޝްވަރާ ކުރެއްވިއެވެ. އަދި އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ޑިރެކްޓަރުން ފެށިގެން މަތީ މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ރައީސް އިއްޔެ ހަވީރު ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި، ލާމަރުކަޒީ އުޞޫލުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް ޤާއިމް ކުރެވިގެން ދިޔުމަކީ، ސަރުކާރުގެ ހިންގުމަށް އަންނަ ވަރަށް ބޮޑު ބަދަލެއްކަން ފާހަގަކުރައްވައި، އެކަމާ ގުޅޭގޮތުން، އެބޭފުޅުންގެ ޚިޔާލު ހޯއްދެވިއެވެ.
މިހިސާބުން ވިސްނަން ޖެހޭ، ވަރަށް މުހިއްމު ނުކުތާތަކެއް ސިޔާސީ ގޮތުން އެބަހުއްޓެވެ. އެއީ ޔުނިޓަރީ ދައުލަތެއްގެ ޤާނޫނީ ބާރު ދައުލަތް ރަމްޒްކޮށް ދޭހިނދު، މައިސަރުކާރުގެ ސިދާ ނުފޫޒެއް ނެތި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ހިންގާއިރު، ރާއްޖޭގެ އިދާރީ ދާއިރާތަކާއި، ސިޓީތަކުން ވިސްނަން ޖެހޭ. ޤާނޫނީ އަދި ސިޔާސީ ވިސްނުމެވެ. ނުވަތަ އެފަދަ މަފްޙޫމުތަކާއި ނަޒަރިއްޔާތުގެ މައްޗަށެވެ. އަދި ސިޓީތަކުގެ ސިޔާސަތު ބައްޓަން ކުރަންޖެހޭ ގޮތުގެ މައްޗަށެވެ. އެހެނީ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ މައްޗަށް ވިސްނާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ދައުލަތުގެ ކަންކަން ހިންގުމަށް އިންތިޙާބު ކުރެވޭ މެންބަރުންގެ ޤާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ” ޤާނޫނު ބަޔާންކުރާ ގޮތުގެ މައްޗަށް ތަބާވެ” ދިމޮކްރާތީ އަދި ޖަވާބުދާރީ ވަނިވި އުސޫލުތަކުގެ މަތީން އިދާރީ ކަންކަން ހިންގުމާއި، އެ ސަރަހައްދެއްގެ ޢިޖުތިމާޢީ އަދި އިގުތިސާދީ ދުޅަހެއުކަމާއި، މުތަމަޢުގެ ތަރައްގީ ވިލަރެސްކޮށް، އެކަންކަމުގެ މައްޗަށް ބާރުއެޅުމާއި ސިއްޙަތައް ރަނގަޅު ދިރޭތަކެތީގެ މުއްސަނދިކަން ރައްކާތެރި ކުރެވޭ ތިމާވެއްޓެއް ޤައިމުކުރުމާއި، އަދި ޤާނޫނު ތަކުގައި ކަނޑައަޅުއްވާ ފައިވާ އެހެނިހެން ކަންކަމާއި ދިމޮކްރާތީ މަޤުސަދުތައް ޙާސިލު ކުރުމަށް ބާރު އެޅުމަކީ، ސިޓީތަކާއި އަތޮޅު ކައުންސިލް ތަކަށް އިންތިޙާބު ވެފައިވާ މެންބަރުންގެ ޤާނޫނީ މަސްއޫލިއްޔަ ތަކަށް ވީހިނދު، ސިޓީތަކާއި އަތޮޅުތަކުގެ އިދާރީ ދާއިރާތަކުން އެކަށައަޅުއްވާ ޤަވާއިދުތަކާއި ނުވަތަ ނިންމާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ނިންމުންތަކާއި އެޤާނުނުތަކުގެ ދަށުންހެދޭ އެހެނިހެން ޤަވާއިދުތައް ޤާނޫނީ އިމުން ބޭރުވެގެން ނުވާނެކަމަށް ލާމަރުކަޒީ ޤާނޫނު ބަޔާންކުރާ ހިނދު، މައިސަރުކާރުގެ އަހަރީ ބަޖެޓުން ފާސްކޮށް، އެ ސަރަހައްދު ތަކަށް ބަޖެޓުން ފައިސާ ޤާނޫނީ ގޮތުން ދޫކުރަން ޖެހެއެވެ. އެހެންމެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ފައިސާ ހޯދުމާއި އަދި ފާސްކުރާ ޤާނޫނުތަކުގެ ދަށުން މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިއްމާވުމުގެ ޤާނޫނީ ބާރު ރާއްޖޭގެ އިދާރީ ދާއިރާތަކަށް ލިބިދީފައި ވެއެވެ.
ވީހިނދު، ސިޔާސީ އަދި ޤާނޫނީ ގޮތުން ސިޓިތަކާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޤާނޫނު އަސާސީގައި ހުރި ފުށުއެރުން ތަކެވެ. އެހެނީ، ޤާނޫނު އަސާސީގެ މާއްދާތަކުގައި ހުރި މަފްޙޫމުތަކާއި ނަޒަރިއްޔަތަކާއި އިމުލާ ކުށްތަކާއި ކޮމާތަކުން ދޭހަކޮށްދޭ މާނަތަކުގެ މައްޗަށް އޮޅުންބޮޅުން އެރުމާއި، އެކަމުގެ ސަބަބުން ވާދަވެރި ސިޔާސީ ފަރާތްތަކުން ސަރުކާރުން ހިންގާ ތަފާތު މަޝްރޫޢު ތަކާއި ސިޔާސަތު ތަކާއި އެހެނިހެން މަސްއޫލިއްޔަތުތައް ހުއްޓުވާލުމަށް ޤާނޫނީ ބަހަނާގައި މަސައްކަތް ކުރައްވާ އިރު، މިކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުގެ ޤައުމީ މަސްއޫލިއްޔަތުގެ މައްޗަށް ޤާނޫނީ ހުސްކަމުގެ ނުރައްކާތެރިކަން ކުރިމަތިވެފައި އެބަވާކަން ހިތާމައާއެކު، ފާހަނގަ ކުރަމެވެ. މިއަދު ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ބަންޑާރަ ނާއިބުގެ އެހީފުޅާއެކު، އަދި ސްޕްރީމް ކޯރޓްގެ އިރުޝާދާއި އެކު، ނުވަތަ ސްޕްރީމް ކޯރޓުން ފާހަނގަ ކުރައްވާފައިވާ ޤާނޫނު އަސާސީގެ ޤާނޫނު ތަކުގައި ހުރި މިފަދަ ފުށުއެރުންތައް ހުރި މާއްދާތަކުގެ މައްޗަށް ވިސްނާ އެފަދަ ނުކުތާތައް އިސްލާޙު ކުރުމަށް މަޖިލީހަށް ހުށަހެޅުމެވެ. ނޫންނަމަ، ސަރުކާރުގެ ސިޔާސަތާއި މަޝްރޫޢުތައް ތަންފީޒް ވިޔަ ނުދިނުމަށް ވާދަވެރި ފަރާތްތަކުން މަސައްކަތްކޮށް މިގައުމު ފަސާދަ ވެދާނެއެވެ.
މިއަދު އައްޑޫ ސިޓީގެ ސިޓީ ކައުންސިލް މެންބަރުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމާއި، ޖުމުލަ ގޮތެއްގައި ސިޓީއެއްގެ އިދާރީ މަސްއުލިއްޔަތު ޤާނޫނީ ގޮތުން އަދާކުރާ އިރު، މައިސަރުކާރަށް ބަރޯސާނުވެ ޤާނޫނީ ގޮތުން ހޯދެންހުރި ކުރިއެރުންތަކާއި، އައްޑޫ ސިޓީ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަރުދަނާ ސިޔާސަތުތަކެއް ރާވާ، މައިސަރުކާރުގެ ބަޖެޓް ތަންދޭ މިންވަރެއްގެ މައްޗަށް ތަރައްގީގެ މަޝްރޫޢުތައް ރާވާ ހިންގުމެވެ. ސިޓީއަކުން ލިބެންހުންނަ އެންމެހާ ކުރިއެރުންތައް ހޯދާ ޓޫރިޒަމާއި މަސްވެރިކަމާއި އެއަރޕޯޓް ފަދަ ތަންތަން ވިޔަފާރި އުސޫލުން ހިންގާ އެތަންތަނުގެ ފުރިހަމަ މަންފަޢަ ހޯދާ މައިސަރުކާރުގެ ބަޖެޓަށް ބަރޯސާވުމުގެ ބަދަލުގައި ސިޓީ އެސެޓުތަކުގެ ތެރެއިން ސިޓީ ހިންގުމަށް ބޭނުންވާ އާމްދަނީ އިތުރުކޮށް އައްޑޫ ސިޓީ ހިންގުމެވެ. މިކަން ކުރެވޭނީ ރައީސް ނަޝީދު ފާހަނގަ ކުރެއްވި ފަދައިން، މާލޭ ސިޓިއާއި އައްޑޫ ސިޓީ ގުޅިގެންނެވެ.