ޔުނިވަރސިޓީގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ އުފެއްދުންތެރި ރައްޔިތެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރާއްޖޭގައި މުޅިން އަލަށް މިއުފެދުނު ޔުނިވަރސިޓީގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ސްކޫލް ދައުރު ނިންމައި، ވަޒީފާގެ ބާޒާރަށް ނުކުންނަ ދިވެހިންނަށް އެކަށީގެންވާ ތަމްރީނު ދިނުމާއި، ސައިންސާ، އިންޖިނިއަރިންގ، އަދި އިޤްތިޞާދާއި، ޤާނޫނީ، އަދި އެހެންވެސް ފަންނީ ރޮނގު ރޮނގުން މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ އުފެއްދުންތެރި ރައްޔިތެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމު ކުރެއްވުމުގެ ރަސްމިއްޔާތުގައި، އިއްޔެ ހެނދުނު ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއިން ކޮންމެ ކަމެއް ކުރަން ނުކުންނައިރުވެސް، ޔުނިވަރސިޓީގެ ޤާބިލުކަން، އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރުމަކީ، ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމެއް ބިނާވެ ކުރިއަރައިދަނީ، އެޤައުމެއްގައި ބިނާކުރެވޭ ޤައުމިއްޔަތެއްގެ މައްޗަށް ކަމަށާއި، ޤައުމެއްގައި ފުރިހަމަ ޤައުމިއްޔަތެއް ބިނާ ނުކުރެވިއްޖެނަމަ، ގެނެވޭ އެއްވެސް ބަދަލަކީ، ރައްޔިތުންނަށް އޭގެ މަންފާ އާއި ލާބަ އޮތް ބަދަލެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާވެގެން މިދަނީ، އިސްލާމްދީނާއި، އިންސާނީ ޙައްޤުތަކާއި، ދިވެހި ޘަގާފަތުގެ މައްޗަށްކަން ބަޔާންކުރައްވަމުން، މިޤައުމިއްޔަތު ބިނާކުރުމުގައި، ތަޢުލީމަކީ ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ތަހުޒީބުވެ ކުރިހޯދުމަށްޓަކައި، ވެވުނު މިންވަރަކުން އަމިއްލައަށް ޢިލްމު އުނގެނުމަކީ، އިންސާނާ ކުރަންޖެހޭ ކަމެއްކަން އެއީ، ދުނިޔޭގެ ތާރީޚު ދައްކާފައިވާ ޙަޤީޤަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އެމަޤްޞަދު ދިވެހިން ޙާޞިލު ކުރުމަށް، މިރާއްޖޭގައި ހުޅުވިގެންދާ އެންމެ މުހިންމު ދޮރާއްޓަކީ، ޤައުމީ ޔުނިވަރސިޓީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖެ، ޑިމޮކްރަސީއަކަށް އެނބުރިގެންދިޔަ މިދަނޑިވަޅުގައި، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނަށްޓަކައި، މި ޑިމޮކްރަސީގެ ކުރިމަގު ބައްޓަންކޮށް، ވާޞިލުކޮށްދިނުމަށް، މިޔުނިވަރސިޓީގެ ދައުރު ވަރަށްވެސް ބޮޑެވެ. ފަޤީރުކަމާއި ނިކަމެތިކަމުން ރައްޔިތުމީހާ މިންޖުކުރެވި، ތަރައްޤީ ޙާޞިލުކޮށްދިނުމަށް މިޔުނިވަރސިޓީއިން އަދާކުރަންޖެހޭ ދައުރަކީވެސް ހަމަ އެހާމެ މުހިންމު ދައުރެކެވެ.

މި ސަރުކާރުން ގެންނެވި ބަދަލަކީ، ހެޔޮ މަގުގައި ކަމެއް ކުރާން ބޭނުންވާ ފަރާތަށް، ހިފެހެއްޓުމެއްނެތި އެކަމެއް ކުރާން ދޫކޮށްލެއްވުން ކަމަށާއި، މި ބަދަލުގެ ސަބަބުން، ޤައުމުގެ ތަޢުލީމީ ނިޒާމް ބައްޓަންވެގެން ދިޔައީ، ވަށާޖެހޭ ތަޢުލީމްގެ ނިޒާމަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނިޒާމެއްގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައި އޮންނަނީ، ދަރިވަރުން އެކިފަންނުގައި ހޯދާ ނަތީޖާތަކުގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، މިއަދު ރާއްޖޭގެ ދަރިވަރުން ޖީ.ސީ.އޯ ލެވެލް އިމްތިޙާނުގައި ހޯދާފައިވާ ނަތީޖާތަކަކީ، ސަރުކާރުން މުޅި ތަޢުލީމީ ނިޒާމަށް ގެންނެވި ބަދަލުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއް ކަމުގައި ވިދާޅުވިއެވެ. “މި ސަރުކާރުގެ ބޭނުމަކީ، ތަޢުލީމު އުނގެނެން ބޭނުންވާ ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ ފުރްޞަތުތަކެއް ފަހިކޮށްދިނުމެވެ. އަޅުގަނޑުމެންނަކީ ޖިންސުގެ ތަފާތަކަށް، ނަސަބަކަށް ބެލުމެއް ނެތި، ކުއްޖާއަށް އޭނާ ބޭނުންވާ ރޮނގަކުން ތަޢުލީމް އުނގެނުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ތިބޭ ބައެއް. އެކަން އެއުޞޫލުން ކުރުމަށްޓަކައި ކުރާންޖެހޭ ކޮންމެ ކަމެއްވެސް ސަރުކާރުން ގެންދާނީ ކުރަމުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޢިލްމެއް އުނގެނުމުގެ އެންމެ މުހިންމު އެއްބޭނުމަކީ، ވަށައިގެންވާ މާޙައުލުގައި ހިނގާ އެންމެހާ ކަންކަން ދިރާސާކުރުމާއެކު، މުޖުތަމަޢަށް ބޭނުންހިފޭ ގޮތަކަށް، އޭނާގެ ފިކުރާއި މަސައްކަތް ބައްޓަން ކުރަން އެނގުން ކަމަށާއި، މިކަން ކުރުމަށް އަޅުގަނޑުމެންގެ ދަރީންނަށް ފުރްޞަތުތައް ހުޅުވާލެވޭކަމީ، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް މަތިވެރި އުފަލެއް ލިބޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދުގެ ތަހުޒީބީ ދުނިޔެއަށް ބަލާއިރު، ތަޢުލީމުގެ ކުޑަ ނުވަތަ އާދައިގެ މިންވަރެއް އުނގެނިގެން ފުއްދާލެވޭކަށް ނެތް ކަމަށާއި، އަޅުގަނޑުމެން މިޞްރާބު ހިފަން މިޖެހެނީ، މަތީ ތަޢުލީމް ހާސިލުކޮށް، ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ނަތީޖާ ހޯދިގެން މެނުވީ، މިތަހުޒީބީ ޒަމާނުގައި އުޖާލާ ކުރިމަގެއް އަޅުގަނޑުމެންގެ ދަރިންނަށް ހޯދާދެވޭކަށްވެސް ނެތް ކަމަށާއި، ޤައުމުގެ ނޯޖަވާނުންގެ ލިސްޓުގައި، އެދަރިންގެ ނަންތައް ލިޔެލެވޭކަށްވެސް ނެތް ކަމަށެވެ.

މަތީ ތަޢުލީމް ހޯދައި ފުރިހަމަ ކުރުމުގެ އެންމެ މުހިއްމު ވަސީލަތަކީ، އެކި ރޮނގުން ދިރާސާކޮށް، އެދާއިރާއަކާ އެންމެ ގުޅުންހުރި މަޢުލޫމާތު އަޅައިކިޔާ ދޭހަކޮށްދިނުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މި ރާއްޖޭގެ ކުޑަކަމާއެކުގައިވެސް، މި މަސައްކަތުގައި މުޅި ދުނިޔެއަށް މަގު ދައްކާދެވިދާނެ މުހިންމު ދެތިން ދާއިރާއެއް އެބައޮތް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ފަޅު ފަރުތަކާއި ކަނޑުތަކުގެ ދިރާސާތަކުގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޯދުންތައް މިރާއްޖެއިން ލިބިދެވޭނެކަމީ، މިދާއިރާގެ މާއްދާތަކަށް ޝައުޤުވެރިވާނެ ބިދޭސީ ދަރިވަރުންނާއި، އެދުރުންވެސް ގަބޫލުކުރާނެ ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ބިދޭސީ ދަރިވަރުންނާއި، އެދުރުން މިރާއްޖޭގައި ފަޅު ފަރުތަކާއި ކަނޑުތަކުގެ މުހިންމު ދިރާސާތައް ކުރައްވައި، އެމަސައްކަތްތަކުގެ ބައެއް ހޯއްދެވުންތައް މިހާރުވެސް ޝާއިޢު ކުރައްވައި، އިތުރު ހޯއްދެވުންތައް ޝާއިޢު ކުރެއްވުން ކުރިއަށް ގެންދަވާނެކަން އެއީ، މިރާއްޖެއިން މުޅި ދުނިޔެއަށް ހުޅުވާލެވޭ މަޢުލޫމާތުގެ ޚަޒާނާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިރާސާކޮށް ތަޙުލީލުތައް ކުރުމުގައި، އެންމެ ކުރީ ސަފުގެ މަޢުލޫމާތުތައް މުޅި ދުނިޔެއަށް މިރާއްޖެއިން ދެވިދާނެ އަނެއް ދާއިރާއަކީ، ތިމާވެއްޓަށާއި މޫސުމަށް އަންނަމުންމިދާ އާދަޔާ ޚިލާފު ބަދަލުތަކާ ގުޅޭ ހޯދުންތައްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ޖައްވު ހޫނުވެ، ލޮނުގަނޑު އުސްވެ، އޮއިވަރު ބަދަލުވެ، ގޮނޑުދޮށްތައް ގިރާލުންފަދަ ކަންކަމާއި އަދި އެކަމަށް ބޭނުންވާ ސައިންސާއި ތައްޔާރީތަކަށް ބޭނުންވާ މަޢުލޫމާތު، ދުނިޔޭގެ އެހެން އެއްވެސް ތަނަކަށްވުރެ ފުރިހަމަކޮށް، ކަމުގެ މާހިރުންނަށް ލިބެވެން އޮތީ، މިރާއްޖެއިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމާގުޅޭ މާއްދާތަކަށް ބޭނުންވާ ތަޙުލީލުތަކާއި ދިރާސާތައް ކުރުމަށް، މިރާއްޖެއަކީ ދުނިޔޭގައި ނެތްފަދަ ލެބޯރެޓަރީއެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ ޤާބިލު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ޔުނިވަރސިޓީ ކުރިއެރުވުމަށް ހަރުދަނާ ޝަޚުޞިއްޔަތެއް ޔުނިވަރސިޓީގެ ހުންގާނުގައި ހުންނެވުމަކީ، ކޮންމެހެން ބޭނުން ކަމެއް ކަމާއި، އެބޭފުޅަކީ ޤައުމަށާއި، މުޖުތަމަޢުއަށް އަންނަމުންދާ ބަދަލުތަކަށް ހޭނިވަޑައިގެން، އަހުލުވެރިވެ ވަޑައިގެންފައިވާ ފަރާތަކަށްވާންޖެހޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ، ޑޮކްޓަރ މުސްޠަފާ ލުޠުފީކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމީ ޔުނިވަރސިޓީ ހުޅުވުމާ ހަމައަށް ގެންނެވުމުގައި، އެކި މަރްޙަލާގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ވަރަށް ޢިލްމީ، ޤާބިލު، ބޭބޭފުޅުން ހިމެނިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން، އެހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.