މިޞްރުގެ ރައީސް ޙުސްނީ މުބާރަކު އިސްތިޢުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވެއްޖެ

president-1-200x300

މިޞްރުގެ ރައީސް ޙުސްނީ މުބާރަކު އިސްތިޢުފާ ދެއްވުމާގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިކަމަށް މަރުޙަބާ ވިދާޅުވީ، ޙުސްނީ މުބާރަކުގެ 30 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް އެ ޤައުމަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި، މިޞްރުގެ ވެރިރަށް ޤާހިރާއާއި، މިޞްރުގެ އެހެން ސިޓީތަކުގައި އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދާތާ 18 ދުވަސް ފަހުން، މިޞްރުގެ ރައީސް މިއަދު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ފުޅާދާއިރެއްގައި ކޮރަޕްޝަނާއި، އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި އަނިވާރިކަމުގެ ތުހުމަތު ކުރެވެމުންދާ، މުބާރަކުގެ ހުދުމުޚްތާރު ވެރިކަން ނިމުމަކަށް އައުމުން ރައީސުލްޖުމްހޫރިއްޔާ އުފާފުޅު ކުރައްވައެވެ.

ޢަރަބި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޑިމޮކްރަސީއަށް ގޮވާލާ މިހާރު ކުރިއަށްދާ ގޮވާލުންތަކަކީ، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަންނަމުންދާ ސަރުކާރުތަކަށް ލިބޭ އިންޒާރަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވައެވެ.

އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ޑިމޮކްރަސީއަށް ގޮވާލެވޭ ގޮވާލުންތަކާމެދު ޖެހިލުންނުވެ، މި ޤައުމުތަކުގައި ޑިމޮކްރަސީއަށް ގޮވާލާ ރައްޔިތުންނަށް ތާއީދު ކުރެއްވުމަށް، ހުޅަނގުގެ ޤައުމުތަކަށް، ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާ ގޮވާލެއްވުން މިދަނޑިވަޅުގައި އެމަނިކުފާނު ތަކުރާރު ކުރައްވައެވެ.

އަނިޔާނުލިބި ދިރިއުޅުމުގެ ޙައްޤާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ރައްޔިތުންނަށް އެމީހުން ބޭނުންވާ ސަރުކާރެއް ހޮވުމުގެ މިނިވަންކަމަކީ، ހަމައެކަނި ހުޅަނގުގެ ޤައުމުތަކުގައި ލިބިދޭންޖެހޭ ޙައްޤުތަކެއް ނޫންކަމާއި، މިއީ މުޅިދުނިޔޭގެ ހުރިހާ ރައްޔިތުން ބޭނުންވާ ޙައްޤުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

މިޞްރަށް ޑިމޮކްރެޓިކް އިޞްލާޙީ ބަދަލުތައް ގެނެސް، އެ ޤައުމުގައި އިޢުލާން ކޮށްފައިވާ ކުއްލި ޙާލަތު ނިމުމަކަށް ގެނެސް، އެ ޤައުމުގެ ރައްޔިތުންގެ އަސާސީ ސިޔާސީ މިނިވަންކަން ޤާއިމް ކޮށްދީ، ވީއެންމެ އަވަހަކަށް މިޞްރުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައެވެ. އަދި މިކަމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައެވެ.

މިޞްރުގައި ކާމިޔާބު އަދި ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމް ކުރުމުގައި، ސިޔާސީ ޕާޓީތަކާއި، މިނިވަން މީޑިއާއަކާއި، ހަރުދަނާ މަދަނީ މުޖްތަމަޢެއް ތަރައްޤީ ވެގެން ދިއުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

މިދިޔަ މަހު، މިޞްރުގެ ރައްޔިތުން އެޤައުމުގައި ޑިމޮކްރަސީ ޤާއިމް ކުރުމަށް ގޮވާލާ ކުރަންފެށި މުޒާހަރާތައް ފެށުމާއެކު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުވަނީ، އެ ޤައުމުގައި ޑިމޮކްރަސީއަށް ގޮވާލެވުނު ގޮވާލެވުންތަކުގައި އިސްކޮށް ހުންނެވި އެއްބޭފުޅެއް ކަމުގައިވާ މުޙަންމަދު އަލްބަރާދޭއާ ފޯނުން ވާހަކަފުޅު ދައްކަވައި، އެ ޤައުމުގައި ޑިމޮކްރަސީ ޤާއިމް ކުރުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ތާއީދު ކުރާކަން ހާމަކުރައްވާފައެވެ.