ސަރުކާރާ މުއާމަލާތުކުރާނެ އޮފީސްތަކެއް އިދާރީ ދާއިރާތަކުގައި އުފައްދަވާ ގޮތަށް ރައީސް ނިންމަވައިފި

ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިނގަމުންދާއިރު، ސަރުކާރާއި އަތޮޅު ކައުންސިލުތަކާ ދެމެދު ހިންގަވަންޖެހޭ މުޢާމަލާތްތައް ހިންގެވުމަށްޓަކައި، ކޮންމެ އިދާރީ ދާއިރާއެއްގައި، ޤައުމީ އިދާރާގެ އޮފީހެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނިންމަވައި، އެކަމުގެ ތަފްޞީލު އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ. މިކަމުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ މަސައްކަތްތައް ފެށޭއިރު، ސަރުކާރުން ކަންތައްތައް ގެންދެވުމަށް ޤަޞްދު ކުރައްވާފައިވާ ގޮތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން އުފައްދަވާ ޤައުމީ އިދާރާގެ އޮފީހުގައި، އިސްބޭފުޅަކު ހުންނަވާނެ ކަމަށާއި، އެބޭފުޅަކީ މިދެންނެވި މުޢާމަލާތްތައް ހިންގަވައި، މަޝްވަރާތައް ކުރައްވައި، ކަންކަން ފަހިކޮށްދެއްވައި، ކަންކަމަށް މަގު ދައްކަވައިދެއްވުމަށް ސީދާ ސަރުކާރު ރަމްޒު ކުރައްވާ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގޮތަށް ހަމަޖެހުމުން، މިހާރު ހިނގަމުންދާ ޕްރޮވިންސް އޮފީސްތައް، ދެން ބަދަލުވެގެންދާނީ، ޤައުމީ އިދާރާތަކަށްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންތިޚާބުވެފައިވާ ކައުންސިލްތަކުންނާއި، އެންމެހާ ފަރާތްތަކުން ރަށާއި، އަތޮޅާއި އަދި ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އިންތިޚާބުގެ ނަތީޖާ ދައްކައިދިން ވާހަކަތަކާއި، ކުރަހައިދިން މަންޒަރުތައް، ސިޔާސީ ހުރިހާ ފަރާތްތަކަށްވެސް ސާފުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަށް ވަރަށް ފުރިހަމަ ތާއީދެއް، ރާއްޖޭގެ ގިނަ ރައްޔިތުން ދެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އެކަމަށްޓަކައި ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މިފެށޭ ހަފްތާގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ ޤައުމީ ޔުނިވަރސިޓީ ރަސްމީގޮތުން ފަށައިގަނެވޭނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޔުނިވަރސިޓީ ޤާއިމް ކުރުމާއި، ސިޓީ ކައުންސިލް ޤާއިމް ކުރުމާއި، މިކަންކަން ޙާޞިލުވަމުން، ކާމިޔާބު ކުރެވެމުން ގެންދެވޭ ގެންދިޔުމަކީ، މިރާއްޖެ ބަދަލުކުރުމަށާއި، އިޞްލާޙަށް އެދޭތީއާއި، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންގެ ކާމިޔާބަށް އަޅުގަނޑުމެން ކުރާ އުންމީދެވެ. އަދި އަޅުގަނޑުމެންނަށް މިހާރު ހިފިފައި މި ހުރި ފާލުގައި ނައްޓާނުލައި ކުރިއަށް ދެވިއްޖެނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، މިއެދޭ އުފާވެރި ދިރިއުޅުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.