ނޫސްބަޔާން: މި ފަހަރުގެ ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީން ފެންނަ ބޮޑުމަންޒަރަކީ 2013 ވަނަ އަހަރުގައި ބޭއްވޭ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ދިވެހި ރައްޔިތުން އަތުކުރި އޮޅާލައިފައިވާ މިންވަރުގެ ބޮޑު ކަން.

10 ފެބުރުއަރީ 2011

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ލޯކަލްކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނުކާމިޔާބީ މިޕާޓީން ވަރަށް އުފަލާއެކު ފާހަގަކުރަމެވެ. މި އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ރަމްޒުކޮށްދެނީ، ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ އަށަގެންނެވުމަށް ސަރުކާރާއި މިޕާޓީން ކުރަމުންގެންދާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަމެވެ.

އެމް.ޑީ.ޕީއަށް ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި ލިބުނު ކާމިޔާބު ބިނާވެފައިވަނީ އަންނިނިވި ނުކުތާތަކުގެ މައްޗަށެވެ:

1. ވޯޓުލީ އާބާދީގެ ނިސްބަތުން ރައްޔިތުންގެ އެންމެގިނަ ވޯޓު މިފަހަރުވެސް ކާމިޔާބުކުރީ އެމްޑީޕީއިންނެވެ. މިހާތަނަށް އިޢުލާން ކުރެވިފައިވާ ނަތީޖާތަކުން ދައްކާގޮތުން އެމްޑީޕީއަށް ލިބިފައިވަނީ 44 އިންސައްތައެވެ. އަދި ހުރިހާ އިދިކޮޅު ފަރާތްތަށް އެކުވެގެން ކުރިމަސައްކަތުން، އިދިކޮޅު ޑީއާރުޕީއަށް ލިބިފައިވަނީ 40 އިންސައްތައެވެ.

2. އެމްޑީޕީ ވުޖޫދަށް އައުމަށްފަހު މިޕާޓީއިން ވާދަކުރި ކޮންމެ އިންތިޚާބެއްގައި ފަހަރަކަށްވުރެ ފަހަރެއް ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް ދަނީ އިތުރުވަމުންނެވެ. 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބާއި 2009 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި މިފަހަރު ބޭއްވުނު ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ވޯޓުގެ ޕަސަންޓޭޖް އަޅާކިޔާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް 25 އިންސައްތަ ލިބިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް 33 އިންސައްތަ ލިބިފައިވެއެވެ. އަދި ނިމިދިޔަ ލޯކަލް އިންތިޚާބުން 44 އިންސައްތަ މީހުންގެ ސީދާ ވޯޓު އެމްޑީޕީއަށް ލިބުނެވެ.

3. ރާއްޖޭގެ އާބާދީބޮޑު ސަރަހައްދުތަކުގައި އަދި ޚާއްޞަކޮށް ސިޓީތަކުން އެމްޑީޕީއަށް ވަރަށް ބޮޑު އަޢުލަބިއްޔަތެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުކުރެވޭ މޭޔަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާނެ ދެ ބޭފުޅުންނަށް ވާނެކަމީ މިޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެކެވެ.

4. ރާއްޖޭގެ ހުރިހައި ސިޓީތަކެއްގައިވެސް އެމްޑީޕީއަށް ލިބޭ ތާއީދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެއިން އެމްޑީޕީއަށް ލިބިފައިވަނީ 11 ގޮނޑީގެ ތެރެއިން 7 ގޮނޑިއެވެ. ނަމަވެސް ނިމިދިޔަ ލޯކަލްކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު މާލޭގެ 11 ގޮނޑީގެ ތެރެއިން 9 ގޮނޑި އެމްޑީޕީއިން ކާމިޔާބުކުރިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫގެ 6 ގޮނޑީގެ ތެރެއިން 3 ގޮނޑި އެމްޑީޕީއަށް ލިބުނުއިރު، މިފަހަރުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ހުރިހައި ގޮނޑިއެއްވެސް އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފައެވެ.

5. މިފަހަރު ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މީގެކުރިންވެސް ތާއީދު ބޮޑު ރަށްތަކުން އިހުނަށްވުރެ ބޮޑު ކާމިޔާބު ލިބިފައިވެއެވެ. އޭގެތެރޭގައި، ރަށު ކައުންސިލްގައި 7 މެމްބަރުން ތިއްބަވާ މުޅި ރާއްޖޭގެ އެންމެ އާބާދީ ބޮޑު 8 ރަށުގެ ތެރެއިން ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ޅ. ހިންނަވަރު، ލ.ގަން އަދި ގދ. ތިނަދޫއިން ވަރަށް ފުރިހަމަ އަޣުލަބިއްޔަތެއް މިއިންތިޚާބުގައި އެމްޑީޕީއިން ހޯދާފައިވެއެވެ.

6. ނިމިދިޔަ ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑިޕީއިންހޯދި ފާހަގަ ކުރެވޭ އަނެއް ކާމިޔާބަކީ މީގެކުރިން ޑީއާރްޕީއަށް އާދަޔާ ޚިލާފަށް ތާއީދު ބޮޑު ހދ.ކުޅުދުއްފުށީގެ ހުރިހާ ގޮނޑިއެއް މިފަހަރު އެމްޑީޕީއިން ކާމިޔާބުކޮށްފައިވުމެވެ. އަދި ޑީއާރްޕީގެ ނުފޫޒުގަދަކަމަށް ބެލެވޭ ސަރަހައްދުތަކުގެ ގޮނޑިތައް އެމްޑީޕީއިން ކާމިޔާބުކޮށްފައިވެއެވެ. އެގޮތުން ލ. އިސްދޫކަޅައިދޫއާއި ލ.ގަމާއި ކ.ދިއްފުށްޓާއި ބ.ކެންދޫގެ ރަށުކައުންސިލާއި، އއ.ތޮއްޑޫ ދާއިރާއާއި ޅ.ކުރެންދޫ ދާއިރާގެ އިތުރުން ހދ.ވައިކަރަދޫ ދާއިރާމީގެ ތެރޭގައި ހިމެނެއެވެ.

7. އާބާދީ ކުޑަރަށެއްގެގޮތުގައި ބެލެވޭ ރ.ކިނޮޅަސް ފަދަ ރަށެއްގެ ރަށުކައުންސިލްގެ އަޣުލަބިއްޔަތު އަދާލަތުޕާޓީއަށް މިއިންތިޚާބުގައި ލިބުނުކަމުގައިވިއަސް، ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އެމްޑީޕީއާ ސީދާ އިދިކޮޅަށްނިކުތް އަދާލަތު ޕާޓީއަށް މިއިންތިޚާބުގައިވެސް ރަނގަޅު ނަތީޖާއެއް ލިބިފައި ނުވާކަން ފާހަގަކުރަމެވެ. އަދި އަދާލަތު ޕާޓީގެ ތާއީދު ބޮޑުކަމަށް ކުރިން އެޕާޓީންބުނާ ހދ. ވައިކަރަދޫ ރަށުކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. މިކަމުން ދޭހަކޮށްދެނީ އިންތިޚާބެއް ކާމިޔާބުކުރުމަށް މާތްވެގެންވާ އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ މިއަދު ދިވެހިން ޤާބޫލުކުރާ ހަމައަކަށް ނުވާކަމެވެ.

8. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އުފަންރަށްކަމުގައިވާ އދ.މާމިގިލީ ރަށުކައުންސިލުން ޖުމްހޫރީ ޕާޓީއަށް އަޣުލަބިއްޔަތު ލިބިފައިވިޔަސް، ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގެ ކައުންސިލެއްގެ އަޣުލަބިއްޔަތު ޖުމްހޫރީޕާޓީއަށް ލިބިފައިނުވާތީ، އެޕާޓީއަށް މިއިންތިޚާބުގައި ފާހަގަކުރާ މިންވަރެއްގެ ކާމިޔާބީއެއް ލިބިފައެއްނެތެވެ.

9. 2008 ގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަދި މިހާރު ދިވެހި ޤައުމީ ޕާޓީގެ ރައީސަށް އައްޑޫން ކޮންމެވެސްވަރެއްގެ ތާއީދެއް 2008 ގައި ލިބުނުކަމުގައިވިޔަސް، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޚުދު އޭނާ ނިސްބަތްވާ އައްޑޫސިޓީން އެއްވެސް ގޮނޑިއެއް ޤައުމީ ޕާޓީއަށް ނުލިބުނުއިރު، މުޅިރާއްޖެއިން ޤައުމީ ޕާޓީއަށް ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ. މިކަމުން ޤައުމީ ޕާޓީއަށް ރައްޔިތުންގެ ތާއީދު ނެތްކަން ވަޒަންކުރެވެއެވެ.

10. ހުދުމުޚުތާރު ވެރިކަމަކުން ޑިމޮކްރަސީއަށް ބަދަލުވިޤައުމުތަކާއި، ޑިމޮކްރަސީ ފުރިހަމައަށް ޤާއިމުވެފައިވާ ޤައުމުތަކުގައި ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުތަކުގައި ދުނިޔެ ދައްކާފައިވާ ހަޤީގަތަކީ، އިދިކޮޅު ޕާޓީއިން އެ އިންތިޚާބުތަކުގައި ކުރި ހޯދާކަމެވެ. ނަމަވެސް މި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޑީއާރުޕީއިން ވަނީ މިކަން ކުރުމުގައިވެސް ފެއިލްވެފައެވެ.

ދައުރުގެ މެދުތެރެއިން މި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ފެންނަންއޮތް ބޮޑު މަންޒަރަކީ 2013 ވަނަ އަހަރު މިޤައުމުގައި ބޭއްވޭ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ދިވެހި ރައްޔިތުން އަތުކުރި އޮޅާލައިފައިވާ މިންވަރުގެ ބޮޑު ކަމެވެ.