މެންބަރުންގެ ޚިޔާލު: ރުހުނަސް ނުރުހުނަސް ކަންކުރާންތިބީ ތިމާމެންނަށްވުރެ އެތައް ތަނަކުން ގާބިލް ބައެކެވެ !!!

ހަސަން މާހިރު/ހުޅުދޫ، އައްޑޫ ސިޓީ

ވިސްނާލުން ހުއްޓެވެ! މުސްކުޅި ދިވެހި ބަހުގައި ބުނެއުޅެއެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި ގިނަ ފުޅަށްމަތިން ފުންމާނެއެވެ. ކައްޗަށް އެޅުނު ބިންގާ ކެއްޗާ ޖެހުނަސް ހުންނާނީ ކައްޗަށެވެ. ދުނބުރި ކިތަންމެ އަނބާއި ވަށްތަރު ވިޔަސް، އެއީ އަނބުކަމުގައި ނުވާނެއެވެ. ހޯހޯއެވެ! “އިލްމުހުއްޓަސް، ތިބާ ބޭނުންތެރި މީހަކަށް ވަނީ ޙިލްމު ތިބާގެ އަމަލުގައި ހުރި މިންވަރެއްގެ މައްޗަށެވެ.” “އެހެންމީހުން ނަށް ތިބާގެ މޮޅުކަން ފެންނަނީ ތިބާގެ އިޚުލާސްތެރި އަމަލުންނެވެ.”
2013 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހު ކިލަނބުވެ ވެރިކަމުގެ މުގޫ އެމްޑީޕީ އަތުންދޫވެ އެހެން ފަރާތަކަށް މިސްރާބު ހިނގައިދާނެ ކަމަށްބަލާ، ނުވަތަ ކުރެވޭ ހީތަކުގެ މައްޗަށް ރާއްޖޭގެ ވެރިކަމުގެ ބާރު ފަހިކުރުމުގެ ހިންޗާ ހަދަމުން ދާއިރު، މިޤައުމުގެ ސިޔާސީ މުސްތަގުބަލް ރަނގަޅަށް ދިރާސާކޮށް، ތިމާމެން ދަތުރު ކުރަމުންދާ އޮޑި މިއަދު އޮތް ތަނާއި މާދަމާ ދާންވީތަނާއި، މިރާއްޖޭގެ ވެރިކަމުގެ ފުރަމާނީ ބާރު މީގެކުރިން އޮތްގޮތާއި އަދު އޮތްގޮތާއި، މާދަމާ ދާންވީ މިސްރާބް ކަނޑައެޅުމަކީ، ނުހަނު އުނދަގޫ ކަމެކެވެ. ނަމަވެސް، އަޚުލާސްތެރި ނިޔަތާއެކު، ތިމާމެންގެ އޮޑީގެ މިސްރާބް ބަދަލުކޮށް، ބޮޑު އޮޑިއެއްގެ އެހީ ހޯދުމަކީ ގޯހެއްނޫނެވެ. ނަމަވެސް އަންނަނިވި ޙިކުމަތުގެ ބަސް ޤަބޫލުކުރަން ޖެހެއެވެ. “ވީފަރިތަ ނުފިލާށި ގައިން، ލީހުންގާނި ދިއްގައިން” ވީހިނދު، ތިރީސް އަހަރުގެ ދިގުވެރިކަމުގެ ތެރެއިން، ޤައުމު ބިނާކުރުމުގެ ބަހަނާގައި ކޮސްތެޅި އިލްމާނީ އަނިޔާވެރި ޚުދުމުޚްތާރު ވެރިކަމުގެ ޘަޤާފަތުގެ ނުބައި އަސަރުކޮށް، ހަމަބުއްދި ފިލާ ގޮސްފައިވާ ބަޔަކާއެކު، ޑިމޮކްރަސީ ހަރުދަނާކޮށް، މިޤައުމު ބިނާކުރުމުގެ ނިޔަތުގައި އިއްތިހާދުވުމަކީ، ބުއްދިވެރިންގެ މޫނުމައްޗަށް ހިނި އަންނަޒާތުގެ އަމަލެކެވެ. އާނއެކެވެ! މަދުބައެއްގެ ކިބައިން، ރައީސް ނަޝީދަށް ކިތަންމެ ސިޔާސީ ނުސިޔާނު އުނދަގޫ ތަކެއް ފޯރިކަމުގައި ވިޔަސް، ޖާހިލުންނަށް ދޫދެއްވުމެއް ނެތި ވަފާތެރި ކަމާއެކު، ޤައުމީ ޚިދުމަތުގައި ކުރައްވަން އެ މަނިކުފާނު ވަޢުދުވެ ވަޑައިގެންނެވި ކަންކަމާއިގެން އެ ވަޑައި ގަންނަވަނީ ހިނިތުންވަމުން ކުރިއަށެވެ. ނަމަވެސް، ޑިމޮކްރަސީގެ މައްޗަށް ހަސަދަވެރި ބައެއްގެ ހަނގުރާމަ ދަނީ ސުމާރެއް ނެތި ޖާހިލުންގެ ތެރޭގައި ފިޔަ ޖަހަމުންނެވެ. ނިގޫ ކޮޅަށްޖަހާ، ވެރިކަމުގައި ބަގުޑި ބެއްދުމުގެ ނިޔަތުގައި ހޯހޯގޮވާ، ސައުދާ، ގަރުންގެ ބިޗާނާގައި ސައްލާކޮށް، ތިމާމެން އުނބަތް ޖެހޭއިރު، ތިމާމެންނަށް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ޤާނޫނީ ފުރުސަތު ފަހިކޮށް ދެއްވި އާއްމު ރައްޔިތުން ރުޅިގަދަވެ ސިންގާ ތަކެއްފަދައިން، ތިމާމެންގެ ބަގުވާސް އަމަލުތަކުގެ މައްޗަށް ހޯރައަޅައަޅާ އެބަތިބިކަން ހަނދާން ކުރާށެވެ. މަވާ، ތިޔަފަދަ މީހުންނަށް ސަލާމެވެ.
މާދަމާ ނޫ، ޖާހިލުންގެ ހަންޖާގައި ހިފާ ނަގާއިރު، އަންހެންވެރިން ހޭން އަތިރިމަތީގައި އެބަ ތިއްބެވެ. ތިމާމެންގެ މައްޗަށް މަލާމާތާއި، ފުރައްސާރަ ކުރަނީއެވެ. ލަދަކީވާ، ހިމާޔަތްކޮށް ސަލާމަތުގެ އައްސޭރިއަށް ގެންނަންޖެހޭ، ސިފައެއް ވިއްޔާއެވެ! އާނއެކެވެ! ޖާހިލުންގެ ތެރޭގައި މިފަދަ ޖާހިލު ވިސްނުން ގަރަމު ކުރަމުން ދަނީ ހަށިގަނޑު ޅަބާޅަ އިލްމެއް ނެތް ބޮޑެތި ރުންކުރު އަނާޅީންނެވެ. ޤައުމު ކިތަންމެ ބޮޑަށް ދަރަނިވެރިވެ އޮތަސް، ގައުމު ތަރައްގީ ކުރުމުގައި ރައީސް ނަޝީދުގެ ހީވާގި މަސައްކަތް ޕުޅުން ދުނިޔޭގެ އެތަންމިތަނުން ބައިނަލް އަގުވާމީ އިންވެސްޓަރުން ނާއި، ކުންފުނިތަކުގެ އެއްބާރުލުން ދަނީ ގައުމަށް ލިބެމުންނެވެ. ޔަގީނުންވެސް ޑީއާރުޕީ ބައިބައިވެ އިއްތިހާދީންގެ އަމާޒް އޮންނާނީ އަވާ، މެންދުރަކަށް ވެފައެވެ. ކޮށިދަނޑު ގެއްލި މަރިޔަނބު ގެއްލި ކަތިވަޅި ގެއްލޭ އިރު، ޔާ އައިދަރޯސް ގޮވާ އުޅެންނޭގުނު ކަލޭގެ މަރުވާން ނޭގުނޭ ބުނާ ބީދައިން، އިއްތިހާދު ފޮލޮޕްވެ ކުރެއްވިހާ މަސައްކަތް ބޭކާރުވެ އިނދެޖެހޭ ދުވަހު އިބްލީސް ފަދައިން، ދެލޯ ބޮޑުކޮށް، އުޑުމަތި ބަލަހައްޓާގެން ތިބެ ތިމާމެންނަށް ހެއުނަސޭހަތް ދިންމީހުން ކުށްވެރި ނުކުރާށެވެ. ރުހުނަސް، އަދި ނުރުހުނަސް، ނުވަތަ ކަންކުރަން ތިބި މީހުންނަކީ، މިއަދު ތިމާމެންނަށް ވުރެ، ވެރިކަމުގެ ބާރު ހިންގުމުގައި ފުންނާބު އުސް ބައެއްކަން ގަބޫލުކުރާށެވެ. ވީހިނދު، މިއަދު މިފަދަކަންކަން ތިމާމެނަށް ހަނދުމަކޮށް ދިންމީހާގެ މައްޗަށް ބަދުބަސް ނުބުނާށެވެ.