ޓީޗަރުން ރަޖިސްޓަރީ ކޮށް، ކިޔަވައި ދިނުމުގެ ލައިސަންސް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުން ރަޖިސްޓަރީ ކުރައްވައި، އެ ޓީޗަރުންނަށް ކިޔަވައި ދިނުމުގެ ލައިސަންސް ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ނިންމަވައިފިއެވެ.

އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްށާގައި މިކަން މިގޮތަށް ނިންމެވީ، މިކަމާބެހޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތައްޔާރު ކުރެއްވި ކަރުދާހަކާމެދު، ވަޒީރުންގެ މަޖިލީހުގައި މީގެކުރިން މަޝްވަރާ ކުރައްވައި، މި މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ނެންގެވި ވަޒީރުންގެ ސަބް ކޮމިޓީން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާމެދު އިއްޔެގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ޓީޗަރުން ރަޖިސްޓަރީ ކުރައްވައި، އެ ފަރާތްތަކަށް ލައިސަންސް ދެއްވުމުގެ ބޭނުންފުޅަކީ، ރާއްޖޭގެ ސްކޫލްތަކުގެ ތަޢްލީމީ ފެންވަރު މަތިކޮށް، ދެވޭ ތަޢްލީމާމެދު ޢާންމުންގެ އިތުބާރު ހިފަހައްޓަވައި، ޓީޗަރުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ޙިމާޔަތް ކުރައްވައި، މޮނިޓަރ ކުރެއްވުމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރެއްވުމެވެ.

މިކަމުގެ ސަބަބުން، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައި ދެއްވާ ޓީޗަރުންނަކީ، އެކަމަށް ޤާބިލު، ކިޔަވައި ދިނުމުގެ ހުނަރު ލިބިފައިވާ، ކަމަށް އެކަށޭނަ ޢިލްމާއި ޙިލްމު ލިބި، ކުށުގެ ރެކޯޑުން ބަރީޢަވެފައިވާ، އަދި މުޖްތަމަޢު ގަބޫލު ކުރާ ކަހަލަ އަޚްލާޤީ ސިފަތައް ލިބިފައިވާ ބައެއްކަން ކަށަވަރުވެ، ސްކޫލު ނިޒާމާ ދޭތެރޭގައި ޢާންމުންގެ އިތުބާރު ބޮޑުވެގެންދާނެކަން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.

ޓީޗަރ ލައިސަންސިންގ ތަޢާރުފުވުމުން، ރާއްޖޭގެ ޕްރީ-ސްކޫލުން ފެށިގެން މަތީ ސާނަވީ ސްކޫލް މަރްޙަލާގައި ކިޔަވައިދޭ ޓީޗަރުންނާއި، ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި، އެފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މީހުންނާއި، ނުވަތަ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކުން، ރަޖިސްޓަރީކޮށް، ކިޔަވައިދިނުމުގެ ލައިސަންސް ހޯދަންޖެހޭނެއެވެ.