މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފި

hep

ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އޮމާންކަމާއި އަމާންކަމާއެކު ކުރިއަށް ގެންދެވުމުގައި، މިނިވަން މުއައްސަސާތަކުން އަދާކޮށްދެއްވި ދައުރު ފާހަގަކުރައްވައި އެ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާ ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގެވުމުގައި، އެންމެ މުހިންމު ޚިދްމަތްތަކެއް، ކުރިމަގުގައި ކުރައްވާނެ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، އަދި ރަށު ކައުންސިލްތަކުގެ އިންތިޚާބުގެ ކަންތައްތަކާމެދު ބޮޑު ހަމަނުޖެހުމެއް މެދުވެރިވިޔަ ނުދެއްވުމަށް، ރާއްޖޭގެ މިނިވަން މުއައްސަސާތަކުން ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. މާބޮޑެތި މައްސަލަތަކެއް ނުޖެހި، އިންތިޚާބުގެ ކަންތައް އޮމާންކަމާއެކު ކުރިއަށް ދިޔައީ، އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އަދި ބޮޑު ދެސިޔާސީ ޕާޓީގެ ވެރިންނާއި، އެންމެ މެންބަރުންނާއި، ޤައުމީ އިދާރާތަކާއި، އަދި ކަމާ ގުޅުންހުރި އަމިއްލަ ޖަމާޢަތްތަކުން ޚާއްޞަ ގޮތެއްގައި ކުރައްވާފައިވާ އެކި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.