ޕޮޕިއުލަރ ވޯޓުން އެމްޑީޕީ ކުރިހޯދާފައިވާ ކަމަށް އެޕާޓީން ބުނެފި

– ރައީސް އެމްޑީޕީގެ ޗެއަރޕާސަންއަށް ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

“ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށިގެން އައި އިރު ބައެއް އިދިކޮޅު ފަރާތްތަކުން މި އިންތިޚާބަކީ ސަރުކާރު ވައްޓާލުމަށް އޮތް ފުރުސަތެއް ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށާއި، އެހެން ނަމަވެސް އާބާދީ ބޮޑު ގިނަ ރަށްރަށާއި، މާލެ ސިޓީ އާއި އައްޑޫ ސިޓީން އެމްޑީޕީ ކުރި ހޯދުމުގެ އިތުރުން ޕޮޕިއުލަރވޯޓުން ކުރި ހޯދާފައިވަނީ އެމްޑީޕީ ކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން ޑރ. އަޙުމަދު ޝަހީދު ވިދާޅުވީ ” ބައެއް ބޭފުޅުން ވިދާޅުވި މި ވޯޓަކީ ސަރުކާރު ވައްޓާލުމަށް އޮތް ޗާންސެކޭ. އެ ބޭފުޅުން ވިސްނަމުން ގެންދިޔައީ ޕޮޕިއުލާ ވޯޓަކީ ވެސް ބަލަން ޖެހޭ އެއްޗެއް ކަމަށް. އަޅުގަނޑު ދަންނަވާނީ ރަނގަޅަށް ބައްލަވާށޭ، ކޮބާތޯ ދައްކާ ގޮތަކީ. މި ސަރުކާރު ވައްޓާލުމުގެ ޖާގައެއް ނެތްކަން ރައްޔިތުން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފި އިއްޔެ ދެއްވި ވޯޓުން.”

މި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ކާށިދޫ ދާއިރާގެ ރައީސް އަދި ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީގެ މެންބަރު (ދޮންބިލެތް) އަޙުމަދު ހަލީމް ވިދާޅުވީ މިއިންތިޚާބަށް ސަރުކާރުން ނުފޫޒް ފޯރުވާނެ ޖާގައެއް ނެތްކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ސަރުކާރުން އައްޔަންކޮށްފައިވާ ކައުންސިލަރުން އެމަގާމުތަކުން ވަކިކުރި ނަމަވެސް އިދިކޮޅު ފަރާތްތަކަށް ވާގިވެރިވާ ކުރީގެ ކަތީބުން ތިބި ރަށްރަށުގައި އެމީހުން ނުފޫޒު ފޯރުވަމުން ދާ ކަމުގެ މަޢުލޫމާތު އެމްޑީ އަށް ލިބިފައިވާ ކަމަށެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެމްޑީޕީ އަށް އަސްލު ވެރިކަމާ ހަވާލު ވެވުނީ އިއްޔެ ކަމަށާއި، މި އިންތިހާބުގެ ކާމިޔާބީއަށް ބަލާއިރު، އެމްޑީޕީން “އަނެއް ދިވެހިރާއްޖެ ރަށަށް” ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި މި އިންތިހާބަކީ ލާމަރުކަޒީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތައް ހުޅުވުނު ދޮރެއް ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ދައުރެއްގެ މެދުތެރެއިން ބާއްވާ އިންތިހާބުތަކުގައި ގިނަ ފަހަރަށް ސަރުކާރު ނާކާމިޔާބުވާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީ ސަރުކާރަށް އިއްޔެގެ ވޯޓުން މިލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ޑރ. ޝަހީދު ވިދާޅުވިއެވެ. އަދި މިއަދުގެ ވަގުތެއްގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ގުޅުއްވި ކަމަށާއި އެމްޑީޕީ އާއި ޑީއާރުޕީއާ ގުޅިގެން ރާއްޖޭގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރުމުގެ މައްޗަށް ދެބޭފުޅުން ވާހަކަ ދެއްކެވި ކަމަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީއަށް ގުޅުއްވައި އެމްޑީޕީން ހޯދި ކާމިޔާބީއަށްޓަކައި އެކަމަނާއަށާއި، ޕާޓީގެ އެހެނިހެން އިސްވެރިންނަށާއި، އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.