މެންބަރުންގެ ޚިޔާލު: ޙަޤީގަތް ގަބޫލުކުރާށެވެ!!!

ހަސަން މާހިރު/ހުޅުދޫ

ލޮބުވެތި ރައްޔިތުންނޭވެ! އަޅުގަނޑުގެ އަމިއްލަ ނަފްސަށް ނަސޭހަށް ތެރިވާ ފަދައިން، ޤައުމީ ކަންކަމުގެ މައްޗަށް އިޚްލާސްތެރި ވުމަށް ދިވެއްސެއްގެ ހައިސިއްޔަތުން މުޅި އުއްމަތުގެ މައްޗަށް ގޮވާލަމެވެ. ނަމަވެސް ވިސްނާލުން ހުއްޓެވެ. ވިސްނުންކޮށި އަނިޔާ ވެރީންނާއި، މެދު ހެޔޮގޮތުގައި މުއާމަލާތް ކުރުމަށް މާތްދޭވަތާއިން. ބާރުއަޅާ ވެސްމެއެވެ. އެހެނަސް، ނުބައި ނުލަފާ ޚާއިނުންނަށް އެމީހުންގެ ޚިޔާނާތް ތެރިކަމުގެ އަދަބު ނުދީ ބައިތިއްބުމުގެ އަމުރު މަޢުރޫފް ދީނުގެ މަތިވެރި ބުރުޙާނުގައި ނެތެވެ. ހެޔޮކަމުގެ ގޮތުން ކުރާ ކަންކަން ވެސް ޤަބޫލުނުކޮށް، ހެއުކަމެއް ކޮށްދިންމީހާ ތެއުހަމެއް ދިންމިންވަރު ނުހިތާ، ހިތުގެ ހަސަދަވެރި ކަމުގައި އުޅޭފަދައިން، އުއްމަތުގެ ކަންކަމުގައި އުޅުން ހެއުނުވާ ހުއްޓެވެ’
ލޮބުވެތި ރައްޔިތުންނޭވެ! ތިލަދުންމަތީ ތުރާކުނަށް އުފަންވިޔަސް، އައްޑޫ އަތޮޅު ގަމަށް އުފަން ވިޔަސް، ރާއްޖޭގެ ސިޔާސީ ނާ، ދުއްވަން ވާނީ ރާއްޖޭގެ އެންމެހާ، ލޮބުވެތި ރައްޔިތުން ހިއްސާވެ ޝާމިލުކޮށް ގެންނެވެ. ދެމެހެއްޓެ ނިވި ތަރައްގީގެ ސިޔާސަތުގެ މައްޗަށް ގައުމު އާރާސްތު ކޮށްގެންނެވެ. ދިމްޤުރާތީ އުސޫލުތަކުގެ ތެރެއިން، ދައުލަތް ހިންގުމުގެ މުހިއްމު 3 ބާރު މުސްތަގިއްލު ކުރުމުގެ ޙިކުމަތަކީ، އެއްބާރުން އަނެއް ބާރެއްގެ މައްޗަށް ފާރަވެރިވެ އެބާރުތަކުގެ މެދުގައި ޖަވާބުދާރީ ވުމުގެ މަތިވެރި އުސޫލުތައް ހަރުދަނާކޮށް، ސަރުކާރުގެ ނުފޫޒުން އަނެއް ދެބާރު މިނިވަން ކުރުމެވެ. މިއުސޫލުތަކުގެ މައްޗަށް ޤާނޫނުތައް އެކަށަ އެޅުމުގެ މަގުޞަދަކީ، ނުވަތަ ޙިކުމަތަކީ ދައުލަތުން އަދުލުވެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ. ވެރިޔާގެ ނުފޫޒުން މިނިވަން މުއައްސަސާތައް އެއްކިބާ ކުރުމެވެ. އެފަދަ، މުއައްސަސާތައް ވަކި ސަރުކާރެއްގެ ގޮތުގައި ހަރަކާތްތެރި ވުމެއްނޫނެވެ. ވީހިނދު، ޤާނޫނު އަސާސީން ދައުލަތް ހިންގުމުގެ ތިންބާރު ފުރިހަމަ އަށް ވަކިވެފައިވާ އިރު، އެއްބާރުގެ ތެރެއަށް އަނެއްބާރު ވައްދަން އުޅުމަކީ، ދުސްތޫރީ ޢިލްމީ ނަޒަރިއްޔާ ކިލަނބު ކޮށްލުމެވެ. އަޅުގަނޑުގެ ނަޒަރުގައި ޤާނޫނުތައް ހަދަންވާނީ މިދެންނެވި ޙިކުމަތުގެ މައްޗަށް ބިނާކޮށް، އެ ޤާނޫނެއް ހަދާ މަގުޞަދު ޙާސިލުވާނެ ޢިލްމީ އުކުޅުތަކެއް ހިމެނޭ ހުނަރުވެރި ވިސްނުމުގެ މައްޗަށެވެ. ޤާނޫނީ ވަކީލުކަން ކުރުމާއި، ޤާނޫނު ޑުރާފްޓް ކުރުމުގެ އިލްމަކީ މުޅިން ދެ އެއްޗެކެވެ. ޕޮލިޓިކަލް ފިލޯސަފީ އެނގިވަޑައި ނުގަންނަވާ ބަޔަކަށް ޤާނޫނުތައް ޑުރާފްޓް ނުކުރެވޭނެ އެވެ.
ވިސްނާލުން ހުއްޓެވެ! 2500 އަހަރަށް ދިގުދެމިގެން ދިޔަ މިރާއްޖޭގައި އޮތް ބޯދާ ޝާޙީ ވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ވިސްނާ އިބްރަތް ޙާސިލްކޮށް، ހަރުދަނާ ވިސްނުމުގެ މައްޗަށް ދައުލަތުގެ ޤާނޫނުތައް ފަރުމާކޮށް ބޯދާ އުސޫލުތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުން ނަށް ވާރުތަވީ ނުބައި އަސަރުތަށް ނައްތާ ލެއްވުމަށް މިއަދު މަސައްކަތް ކުރަން ޖެހެއެވެ. މިއި އެންމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ. ބޯދާ ވިސްނުމާއި، ކުރީގެ އުސޫލުތަށް ރަނގަޅު ކަމުގައި ހެދުމަށްވުރެ، ތަހްޒީބު ވިސްނުން ހިއްސާކޮށް، ޤާނޫނުތައް ޑުރާފްޓްކުރުން ވަރަށް މުހިއްމެވެ. ބޯދާ ޒަމާނުގައި މިރާއްޖޭގެ ކޮންމެ ރަށަކީ އެއްގައުމެވެ. އެވިސްނުމުގެ މަތީގައި ތިބެ ތީމަގޭ މަހަކަލި މިންޖާގެ ރަސްކަމުން ޖަލާލަތުލް މަލިކް މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމާއި، އަދި ކުރީގެ ރައީސް އަލް އުލްތާޛު މަޢުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމާ ހަމަޔަށް އާއިރު، ވެސް ބޯދާ އުސޫލުތައް އައީ ދިވެހިންގެ ތެރޭގައި ފިޔަ ޖަހަމުންނެވެ. ހަގީގަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެއްބައެއްގެ ގޮތުގައި ޤަބޫލުކޮށް އެކުވެރި ބައެއްގެ ގޮތުގައި ފިރުކެން ފެށީ ރާއްޖޭގެ ބޯދާ ކާބަފައިން ދީނުގެ މަތިވެރި އަޤީދާ ގަބޫލުކުރި ހިސާބުންނެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް، ބަދަލުވަމުން ދިޔަ ދުނިޔޭގައި ދިވެހި މުޖުތަމަޢުގެ މައްޗަށް ހަރުދަނާ ގައުމީ ސިޔާސަތު ތަކެއްރާވާ، އެވިސްނުމުގެ މައްޗަށް ޤާނޫނުތައް ފަރުމާކޮށް، ގައުމީ ތަރައްގީގެ ނާރެހުގައި، ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ޤާނޫނުތައް ފަރުމާކޮށް، މުޅި ރާއްޖެ އިދާރީގޮތުން ސަރަހައްދު ތަކުގެ މައްޗަށް ބައިކޮށް، ދައުލަތުގެ ވަސީލަތްތައް ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ތަރުތީބުކޮށް، މުޅި ގައުމިއްޔަތު މީގެކުރިން އެއްބައި ވަންތަ ކުރުމުގެ މައްޗަށް ޤާނޫނުތައް ފަރުމާކުރެވުނު ނަމަ، މިއަދު ރައްޖޭގެ ކަންކޮޅުތަކުން މިފެންނަ ބައިބައި ވުމުގެ ކުލަވަރު ނުފެންނާނެއެވެ.
ކުރީގެ ޒަޢާމަތުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް މަންފަޢަ ނުކުރީ ކީއްވެހެއްޔެވެ؟ ސަބަބު ވަރަށްސާފެވެ. ގައުމީ ތަރައްގީގެ ބިންގާ ހަރުދަނާ ކޮށްފައި ނެތުމާއި ޓޫރިޒަމް ހިންގުމުގެ މާސްޓަރ ޕްލޭނެއް އޮތަސް ޓޫރިޒަމް ހިންގުމުގެ މައްޗަށް ގާނޫނު ހެދިފައި ނެތުމާއި ދައުލަތުގެ އެންމެ ބޮޑު ހޮސްޕިޓަލް އަމިއްލަ ފައިމައްޗަށް ތެދުކޮށްފައި ނެތުމާއި ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ބޭރުފައިސާ ގައުމުގެ ސެންޓަރަލް ބޭބްކަށް ޖަމާކުރެވޭ އުސޫލުގެ މައްޗަށް ސޭވިންގ ބޭންކިންގ ޤާނޫނެއް ހެދިފައި ނެތުމާއި ބައިނަލް އަގުވާމީ އެއަރޕޯޓް މިޒަމާނަށް ފެތޭގޮތަށް ތަރައްގީ ކޮށްފައި ނެތުމާއި ޒަމާނާއި، އެކަށޭނަ ގޮތުންވެސް ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ދެމެހެއްޓެ ނިވި ތަރައްގީގެ އަސާސީ މިންވަރުވެސް ގާއިމުވެ ނެތުމާއި، ރާއްޖޭގެ އުތުރާއި ދެކުނު ފަޅުކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން %40 ރައްޔިތުން މާލެއަށް ހިޖުރަކުރުމުގެ ސަބަބުން ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހި ދިރިއުޅުމުގެ މައްޗަށް ބިކަހާލު ކުރިމަތިވެ އޮތުމާއި، 30 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ މައްޗަށް ދައުލަތުން އަދާކޮށް ދޭންޖެހޭ، އަސާސީ ޚިދުމަތްތަކުން މަހުރޫމުވެ އޮތުމާއި ރައްޔިތުންގެ މައްޗަށް ވެރިކަމެއް ކުރުމުގެ ޙިކުމަތުން އެއްކިބާވެ މިގައުމު ހިންގުމެވެ.
ވީހިނދު، ބައިނަލް އަގުވާމީ އިންސާނީ ޙައްޤުތަކާއި ޚިލާފަށް ރާއްޖޭގެ ކަންކޮޅުތަކަށް ނިސްބަތްވާ ދިވެހި ރައްޔިތުން ވަޒިފާއާއި ބޭސްފަރުވާ ހޯދުމަށް މާލެ’ އައުމަށް ބޭނުންވީ ހިނދު، ލޮބުވެތި ރައްޔިތުންގެ މައްޗަށް ކުޑަސިޓީ ތައާރަފްކޮށް، ރައްޔިތުންގެ މެދުގައި ތަފާތު ކުރުންތައް ދެއްކެވި ވެރިއަކީ، މައުމޫނެވެ. ބޮޑު ޅޮސް ގަހަކުން ދޭފަތެއް ހަދަންނޭގުނު ކިއްސަރު ވަޑާމަށް ދަޢުވާކުރި މާވަޑިޔާ އަށް ޅޮސްގަސް ހުސްވީއިރު، ދޭފަތް ނެހެދުނު ބީދައިން، މިގައުމު ހިންގުމެވެ. އެހެންމެ މިގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް ހުރަސްއެޅުނު ދަންތުރަ ސިޔާސަތު ރާވާ ތަންފީޒުކޮށް، ރައްޔިތުންގެ ގައުމީ ހައްގުތައް ހިމާޔަށް ކުރަން ނޭގުމެވެ. ވެރިކަމުގައި އިންނަވާ ކުށްކުނި ކުޅުއްވުމެވެ. 17 އަހަރުންގެ ދިގު މުއްދަތުން ޤާނޫނު އަސާސީއެއް ހަދާ ތިންއަހަރު ތެރޭގައި އެ ޤާނޫނު އަސާސީ ބާޠިލުކުރަން ޖެހުމެވެ. އިސްރާފް ބޮޑު ސަރުކާރެއް ހިންގުމުގެ ސަބަބުން އެކަމުގެ ނުބައި އަސަރު އަދުގެ ސަރުކާރަށް ވެސް ކުރުމެވެ. ގައުމުގެ ޕްރައިވެޓް ސެކްޓަރ ފުޅާނުކުރުމެވެ. ސިމިންތި ގުދަނެއް ފަދައިން މާލެ ހެދުމުގެ ސިޔާސަތު ރާވާ ހިންގުމެވެ. ރާއްޖޭގެ ދެކޮޅުގައި ތިބި ލޮބުވެތި ރައްޔިތުން ނަޖިސްފެން ބޯންޖެހޭ ފަދަ ގޮތެއްގައި މަރުކަޒީ ސިޔާސަތުގެ މައްޗަށް ގައުމު ތަރައްގީ ކުރުމެވެ. މިހެންގޮސް މިސިލްސިލާ ދިގުވާނެއެވެ.
ހަގީގަތަކީ މިއީ ކަމުގައި ވީހިނދު، ކުރީގެ ސަރުކާރުގެ ސިޔާސަތު ހަރުދަނާކަމާއި، މަޢުމޫނުގެ ޒަޢާމަތުގައި މިރާއްޖެއަށް ބޮޑެތި ތަރައްގީ އައިސްފައިވާ ކަމަށް ދައުވާ ކުރުމާއި، އެމަނިކުފާނުގެ 30 އަހަރަކީ ތަރައްގީގެ ރަން ތިރީސް އަހަރު ކަމަށް ހެދުމަށް ވަކާލާތު ކުރައްވަނީ ބޯދާ ވިސްނުމުގެ އަހުލުވެރިންނެވެ. ޔަގީނުން ވެސް މަޢުމޫނުގެ ޒަޢާމަތަކީ، ރާއްޖޭގެ އުތުރާއި ދެކުނު ތަރައްގީގެ ރާޙަތުން މަހުރޫމު ކޮށްލި ވެރިކަމެކެވެ. ވިސްނަވާށެވެ’ ކުރީގެ ސަރުކާރުން ދިވެހި ދައުލަތުގެ މަތިވެރި އަމާނާތް އަދާކުރި ދޯހަޅި ސިޔާސަތުގެ ހިތިނަތީޖާ މިއަދު މިދަނީ، މުޅި ރާއްޖެއިން ފެންނަ މުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުފަޅުވެ މާލެއަށް މީހުންތޮށް ޖެހި މަސްތުވާ ތަކެތީގެ ވަބާގައިޖެހި ޒުވާނުންގެ އަޚުލާގު ތަޢައްޔަރުވެ ފިރިންނާއި އަނބިންޖެހި ދަރިންނާއި މައިންބަފައިން ޖެހި ދިވެހި އެތަށް އާއިލާއެއްގެ މެދުގައި ފަގީރުކަން އާއްމުވެ އެކަކު އަނެކަކަށް މަރާ ބޮޑެތި ޖަރީމާތައް ހިންގާ ބޮޑުވެގެންވާ އިޖުތިމާޢީ ހުސްކަމެއްގެ ތެރެއަށް މުޅި އުއްމަތް ވަނީ ވެއްޓިފައެވެ. ސަބަބަކީ ކޮބާތޯއެވެ؟ ޖުމުލަ ގޮތެއްގައި އާއިލާތަކުގެ މެދުގައި ފަގީރުކަން އާއްމުވެފައި އޮތުމެވެ. މަސްތުވާ ތަކެތީގެ މުސީބާތް ފާވެ އޮތުމެވެ. މިސަބަބާ ހުރެ ދަރިން ހެއުގޮތުގައި ތަރުބިއްޔަތު ކުރެވިފައި ނެތުމެވެ. ރާއްޖޭގައި މަސްތުވާ ތަކެތި ބޭނުން ކުރާމީހުން އެންމެ ފުރަތަމަ ފެންނަން ފެށީ، 1972 އަހަރު ހިސާބުގައެވެ. އެއީ އިނގިލިން ގުނާލެވޭ ދެތިން މީހުންނެވެ. 1978 އާއި 1980 އަހަރާއި ދެމެދު މިއަދަދު އިތުރުވާން ފެށިއެވެ. 1994 އާއި 2001 އާއި ހަމައަށް އާއިރު، މަސްތުވާ ތަކެތީގެ ވަބާގައި ޖެހުނު ޒުވާނުން އިންތިހާއަށް މައްޗަށް ހިނގައްޖެއެވެ. ހަގީގަތުގައި 1978 އާއި 1980 އަހަރާއި ދެމެދު މަސްތުވާ ތަކެއްޗާއި ދެކޮޅަށް އެއިރުގެ ސަރުކާރުން ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުނުނަމަ، 1994 އަހަރުން 2001 އަހަރާއި ހަމައަށް މިވަބާގައި ޖެހުނު ޒުވާނުން ކަންބޮޑުވާހާ މިންވަރަށް ދާކަށް ނުޖެހުނީހެވެ’ ޖުމުލަ ގޮތެއްގައި ވިޔަފާރި ވެރިންގެ ތެރެއިން ބަޔަކު މަސްތުވާ ތަކެތީގެ ވިޔާފާރި ތެރެއަށް ވަދެގަތީ، 1994 އާއި 2001 އާއި ދެމެދުގައެވެ. ކުރީގެ ސަރުކާރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅު ތަކެއް ނޭޅުނު މައިގަނޑު ސަބަބުތަކަކީ، މަސްތުވާ ތަކެތީގެ ވިޔާފާރި ފުޅާ ދާއިރާއެއްގައި ހިންގި މީހުންގެ މައްޗަށް ނަޒަރު ހިންގާ އިރު، އެކަމުގެ މައްޗަށް ފިޔަވަޅުނޭޅުނު ސަބަބު އެކަމުން ހާމަކޮށް ދެއެވެ.
މިއަދު ވިސްނަންވީ މަތީގައި ނަންގަނެވުނު ވިސްނުމާއި، ބޯދާ ފިކުރު ނައްތާލެވޭ ފަދަ ސިޔާސަތުގެ މައްޗަށް އަދުގެ ސަރުކާރުން ދަނީ ސިޔާސަތު ތަކެއް ރާވާ ތަންފީޒް ކުރައްވަ މުންނެވެ. އަދުގެ ސަރުކާރުން ދަނީ ރާއްޖޭގައި އޮތް ބޯދާ ވެރިކަމުގެ އުސޫލުތައް ބަދަލު ކުރައްވަ މުންނެވެ. މިސިޔާސަތު ސަރުކާރަށް ދެމެހެއްޓޭނީ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް ރައްޔިތުންގެ ތާއިދާއި މަދަދުޤާރު ލިބިގެންނެވެ. އެހެންކަމުން މި ފެބްރުއަރީ 5 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޙާބުގައި ސަރުކާރަށް އެއްބާރުލުން ދެއްވާށެވެ. ނޫންނަމަ، ކުރީގެ ބޯދާ ޚުދުމުޚުތާރު ވެރިކަމުގެ މާޒިއްޔާގެ ތެރެއަށް ރާއްޖޭގެ ސިޔާސީ ނާ ދަތުރުކޮށް، ރައްޔިތުން އުއްމީދު ކުރި ހެއުވެރިކަމުގެ މައްޗަށް އަލްވަދާޢު ކިޔަންޖެހުމަކި، ދުރުގައިވާ ކަމެއްނޫނެވެ. ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވި ފަދައިން، ޒައްރެއްގެ މިންވަރުވެސް ލޯކަލް ކައުންސިލްގެ ތެރެއިން މިސަރުކާރަށް ދެއްވާށެވެ. މުޅި އުއްމަތުގެ މައްޗަށް ހެއުވެރިކަމުގެ މަންފަޢާ ކުރާނެއެވެ. އެ މަނިކުފާން ގެންގުޅުއް ވަނީ ހަރުދަނާ ވިސްނުންފުޅެވެ. މިއަދު މިސްރުގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރެއިން މިހަގީގަތް ގަބޫލުކުރާށެވެ