ނޫސް ބަޔާން: އައްޑޫ ސިޓީ ކައުންސިލް އިންތިޚާބު

މާދަމާ (5 ފެބްރުއަރީ 2011 ވާ ހޮނިހިރު ދުވަހު) އައްޑޫ ސިޓީ ކައުންސިލް އިންތިޚާބު ބާއްވަން ނިންމުމާގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް މަރުހަބާ ދަންނަވަމެވެ.
މާދަމާ މި އިންތިޚާބު އައްޑޫގައި ބާއްވަން ނިންމާފައިވަނީ އެތައް ގޮންޖެހުމަކަށްފަހު އައްޑޫ ރައްޔިތުންގެ އެތައް ގުރުބާނީއަކާ އެކު ކަން އެމްޑީޕީން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. އެހެން ނަމަވެސް މާދަމާ މި އިންތިޚާބު އައްޑޫގައި ބާއްވަން ނިންމި އިރު މި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު މި އިންތިޚާބު ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ނުބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާގުޅިގެން މި އިންތިޚާބުގައި ވޯޓުލުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް ވަނީ އެކިތަންތަނަށް ދަތުރުކޮށްފައެވެ. އަދި މިރޭ ކުއްލިއަކަށް މާދަމާ އައްޑޫ ސިޓީ ކައުންސިލް އިންތިޚާބު ބާއްވާ ގޮތަށް ހަމަޖެހުނު ނަމަވެސް އޭގެތެރެއިން ގިނަބަޔަކަށް ވަނީ އެފަރާތްތަކަށް ލިބިފައިވާ ވޯޓުލުމުގެ ހައްގުން މަޙްރޫމްވެފައެވެ.
މިގޮތަށް ކަންތައް މެދުވެރިވެފައި މިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މައްސަލަ މަތީ ކޯޓުތަކުން އިސްތިއުނާފްކުރުމުގެ ފުރުސަތު އޮތް ހިނދު، އެ ފުރުސަތަށް ނުބަލައި އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު ކެންސަލްކުރިކަން އިއުލާންކުރުމުން ކަމަށް މިޕާޓީން ދެކެމެވެ.
ވީމާ އިލެކްޝަންސް ކޮމިޝަނުން މިކަމަށް ރިޢާޔަތްކޮށް އައްޑޫ ސިޓީ ކައުންސިލަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ އެންމެހާ ފަރާތްތަކަށް އެ ބަޔަކު މާދަމާ ތިބި ތަނެއްގައި ވޯޓުލެވޭނެގޮތުގެ ފުރިހަމަ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް މި ޕާޓީން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް