ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަކީ، ވީހާވެސް އޮމާންކަމާއި އަމާންކަމާއެކުގައި ކުރިއަށްދާނެ އިންތިޚާބަކަށް ހައްދަވައިދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

jumhoory-maidhaan

މާދަމާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަކީ، ވީހާވެސް އޮމާންކަމާއި އަމާންކަމާއެކުގައި ކުރިއަށްދާނެ އިންތިޚާބަކަށް ހައްދަވައިދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާދަމާ، ފެބްރުއަރީމަހުގެ 5 ވަނަ ދުވަހަކީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ އާ ބިންގަލެއް އަޅާ ދުވަސްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މިއަދު ފެންނަމުން މިދަނީ ރާއްޖޭގެ ޑިމޮކްރަސީ، ދޮންވެ ފައްކާވަމުން އަންނަ ތަން ކަމަށާއި، ޑިމޮކްރަސީގެ ފުރިހަމަ ރަހަ، އަޅުގަނޑުމެންގެ އަރު ތެރޭގައި ލަމުންދާތަން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާ މަރުކަޒީ އުސޫލުން ކަންކަން ނުހިންގޭނަމަ، ފުރިހަމަ ޑިމޮކްރަސީއެއްގެ ޙިމާޔަތް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ ކަމަށް ވިދާޅުވެ، އެކަމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ބާރުތައް ޖަމާކުރެއްވުމަކީ، މި ސަރުކާރުން އެއްގޮތަކަށްވެސް ބޭނުންފުޅުވާ ކަމެއްނޫން ކަމަށާއި، އެތައް ސަތޭކަ އަހަރެއް ވަންދެން، ވެރިކަމުގެ ފަރާތަށް ޖަމާކޮށްފައި އޮތް ބާރު ހިފަހައްޓައިގެނެއް އަޅުގަނޑުމެން ތަރައްޤީއެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތަކު އޮބަހައްޓައި، ފިއްތައި، ބިރުގަންނަވައިގެން ޤައުމެއް ތަރައްޤީނުވާނެކަމީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތެއް ކަމުގައިވެސް ވިދާޅުވިއެވެ. “ރައްޔިތުންނަށް އެމީހުން ބޭނުންވާ އެއްޗެއް ބުނުމުގެ މިނިވަންކަން ދޫކޮށްލައިގެން މެނުވީ، ރާއްޖެ މިއެދޭ ބަދަލު ނުވަތަ އަޅުގަނޑުމެން ގެންނަން ބޭނުންވާ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ރައްޔިތަކު ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ފުރިހަމަ ޙައްޤު އެ ރައްޔިތަކަށް މި ސަރުކާރުން ދެއްވާފައި އޮންނާނެ ކަމަށެވެ. މި ދެންނެވި ޙައްޤުތަކާއި މިނިވަންކަން ނެތް ވެށްޓެއްގައި ރައްޔިތުން އުޅޭން ޖެހިއްޖެނަމަ، ދެން އަޅުގަނޑުމެންނަށް ފެންނާނީ، ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުންނަ މަންޒަރު ކަމަށާއި، މިހާރު ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން ފެންނަމުން އެދަނީ އެ މަންޒަރު ކަމަށެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު މިބޭއްވެވި ޚާއްޞަ އިޙްތިފާލުގައި، ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދުޢާއެއް ކުރެއްވިއެވެ. އިސްވެ މި ދުޢާ ކުރެއްވީ، އަލްޙާފިޡް އަޙްމަދު ޒަކީއެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ކޯއްޓޭއަށް ޤައުމީ ދިދަ ނެގުންވެސް، މިއިޙްތިފާލުގައި އޮތެވެ.