ޒަމާނީ ތަރައްޤީއެއް ބިނާކުރެވޭނީ މަދަނީ، އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީ ގާއިމްކުރެވިގެން ކަމުގައި ރައީސް ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

artfcl

ޒަމާނީ ތަރައްޤީއެއް ބިނާކުރެވޭނީ މަދަނީ، އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤި ގާއިމްކުރެވިގެން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިންގެ ފަހު ޖަލްސާގެ ގޮތުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ސިޔާސީ ލީޑަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓް ކަމަށްވާ 400 މިލިޔަން ރުފިޔާ 25 މިލިޔަން ރުފިޔާއަށް ބަދަލުކޮށް ދިވެހި ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެފައިސާ ބޭނުންކުރެވެމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުގައި އަހަރަކު އެވްރެޖްކޮށް ޚާއްސަކޮށް ވެރިކަމުގެ ފަރާތާއި ގާތްކަން އޮންނަ 1200 މީހަކަށް ބޭސް ފަރުވާ ކުރަމުންދިޔަ ނަމަވެސް މިހާރު މަދަނައިގެ ދަށުން އެކިފަންތީގެ 32،000 ދިވެހި ރައްޔިތުންނަށް ބޭސްފަރުވާކޮށްދީފައިވާކަން ރައީސް އުފަލާއެކު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 2500 އެއްހާ ހައުސިންގ ޔުނިޓް އެޅުމުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ އިރު އޭގެ ތެރެއިން 1600 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރީގެ ސަރުކާރު ވެރިކަމުން “ކައްސާލައިގެން” ދިޔައީ ދަތުރުފަތުރާ ގުޅެ 28 މަޝްރޫއެއް ހިންގުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައި ވަނިކޮށް ކަމަށާއި 7 އަހަރު ދުވަހުން ފުރިހަމަކޮށް ނިންމަންޖެހޭ މި ސަރުކާރުގެ ދަތުރުފަތުރު ކުރުމުގެ މަޝްރޫއުގެ އަސާސީ ކިދުމަތް މިހާރުވެސް ފެށިފައިވާކަން ރައީސްގެ ވަހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަރައްގިވާންވީ ރަށް ނޫން ކަމަށާއި، ތަރައްޤީވާންވީ އަދި ތަރައްޤީކުރަންވީ ރައްޔިތު މީހާ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު މިރޭގެ ޖަލްސާގައި ވެސް ތަކުރާރުކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުގެ ސަބަބުން މި ރާއްޖެ މިހާރު ބަދަލުވާން ފަށާފައިވާ ކަމަށް ވިދާޅުވަމުން މީގެ ކުރީގެ ވެރިކަމުގައި މިރާއްޖެ އޮތް ނިކަމެތި ހާލަތު ރައީސް ސިފަކޮށްދެއްވިއެވެ. އެގޮތުން އެވެރިކަމުގައި ބޭސް ސިޓީ ހިފައިގެން މުއްސަނދިން ކައިރިއަށް ސަލާންޖަހަން ދިއުން އާންމުވެފައިވާ ކަމާއި، ގޯތިގެދޮރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމާއި، އެކަނިވެރިމައިންނާއި ޔަތީމު ކުދިންނާއި ދޮށީ އުމުރުގެ މީހުންނާ އޭރުގެ ސަރުކާރުން އަޅާލެވިފައިނުވާ ކަމަށާއި، ތައުލީމީ ހާލަތު އެހާ ދަށް ކަމަށާއި، މަސްތުވާތަކެތީގެ ވަބާގައި އެތައް ބަޔަކު ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީން ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ހާލު ބެލުމަށްފަހު ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތައް ބެލިކަމަށާއި، އެމައްޗަށް ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ ތާއީދު ހޯދައި މިއަދު ކުރަމުން މިދަނީ އެސިޔާސަތުތައް ތަންފީޒް ކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީއާއި، އެޕާޓީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ އިތުރުން އަލަށް 18 އަހަރު ފުރިގެން މި އިންތިޚާބުގައި ވޯޓުލާ ޒުވާނެއް ކަމަށްވާ އަހުމަދު ޙައްސާން ވާހަކަ ދެއްކެވި އެވެ.