ނައިފަރުގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ސަރުކާރުން ހޯއްދަވައިދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

– ނައިފަރަކީ އެއް ރަށަކުން އެންމެ ގިނަ ރައްޔިތުން މަދަނައިގައި ބައިވެރިކުރެއްވިފައިވާ އެއްރަށް ކަމުގައި ރައީސް ވިދާޅުވި

19467_558af0c4-0_

ނައިފަރުގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން މި ސަރުކާރުން ހޯއްދަވައިދެއްވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެފަހު މަންޒިލެއްގެގޮތުން މިއަދު ހަވީރު ފާދިއްޕޮޅު ނައިފަރަށް ވަޑައިގެން، ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިފަރުގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމުގައި، ސަރުކާރަށް ލިބިވަޑައިގެންފައިވާ ކާމިޔާބީ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ބޭސްސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ދަށުން، ނައިފަރުގެ 936 ރައްޔިތުން މަދަނައިގައި ރަޖިސްޓްރީވެފައިވާ ކަމަށާއި، މިއީ އެއް ރަށަކުން އެންމެ ގިނަ ރައްޔިތުން މަދަނައިގައި ބައިވެރިކުރެއްވިފައިވާ އެއްރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި 936 ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި މީހުންގެ ބޭސްފަރުވާއަށް 2010 ވަނަ އަހަރު ޖުމްލަ 3,356,000 ރުފިޔާ ޚަރަދު ކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދޮށީއުމުރުގެ ރައްޔިތުންނަށް ސަރުކާރުން ދެއްވާ ޕެންޝަނާއި، އެކަނިވެރި މައިންނަށް ދެއްވާ ޢިނާޔަތް، އެއްރަށަކުން އެންމެ ގިނަ ރައްޔިތުންނަށް ލިބޭ އެއްރަށަކީވެސް ނައިފަރުކަން ފާހަގަކުރެއްވިއެވެ. މިގޮތުން، އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް ސަރުކާރުން ކޮންމެ މަހަކު ދެއްވަން ފެށްޓެވި ޕެންޝަން، ނައިފަރުގެ 303 ރައްޔިތަކަށް ލިބެމުންދާ ކަމަށާއި، އެކަނިވެރި މައިންނަށް ދެއްވާ ޢިނާޔަތުގެ ގޮތުގައި ނައިފަރުގެ 130 ރައްޔިތަކަށް، މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި 370,000 ރުފިޔާ ދެއްވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ތަޢުލީމީ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން، ނައިފަރުގެ މަދަރުސަތުލް އިފްތިތާޙަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ހެއްދެވުމުގެ މަސައްކަތް މިއަހަރާ މިއަންނަ އަހަރު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ނައިފަރުގެ ތަރައްޤީއަށް ސަރުކާރުން އެކުލަވާލައްވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ނައިފަރުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ނައިފަރާ ހިންނަވަރާއެއްކޮށް މި ދެރަށް ހިމެނޭ ސަރަޙައްދުގައި، ސިޓީއެއް ޤާއިމް ކުރެއްވިގެން ނޫނީ، ބޭނުންވާ ތަރައްޤީ ނުލިބޭނެ ކަމަށާއި، މި ސަރުކާރުގެ ދައުރުގެ ތެރޭގައި ހިންނަވަރާއި، ނައިފަރަކީ ވިހި ފަންސަވީސްހާސް އާބާދީއެއް ދިރިއުޅޭ ސަރަޙައްދަކަށް ހައްދަވައި، އެ ސަރަޙައްދު އެއީ، ސިޓީއަކަށް ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއިން، ނައިފަރުގައި މަދުވެގެން 130 ނުވަތ 150 ހައުސިން ޔުނިޓް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަޑިވަރަކީ ނައިފަރުގެ ބައެއްގެ ގޮތުގައި މިހާރު ހަމަޖައްސަވާފައިވާކަން ބަޔާންކުރައްވަމުން، ސަރުކާރުން ނައިފަރާއި މަޑިވަރު ގުޅާލައްވައި މަޑިވަރުން ނައިފަރު ރައްޔިތުންނަށް ގޯތި ދޫކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ނައިފަރު ބަނދަރު ހެއްދެވުމަށް ވަރކްސް ކޯޕަރޭޝަނާއެކު ސޮއިކުރައްވާފައިވުމާއެކު، ވަރަށް އަވަހަށް އެމަސައްކަތް ފެށޭނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މިއަހަރުގެ ތެރޭގައި ނައިފަރުގައި ސާފު ބޯފެން ފޯރުވައިދިނުމުގެ މަސައްކަތް ފަށްޓަވައި، އަންނަ އަހަރު އެ މަސައްކަތް ނިމޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2011 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނޭ ޕްރޮގްރާމްތަކާއި، އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ އަދި ހިންގަވަން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު، ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖޭގެ އުތުރުގެ ފަސް ރަށަކަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މިރޭ އިރާކޮޅު މާލެވަޑައިގެންފައެވެ.