މަނަދޫގެ ބަނދަރު ތަރައްޤީވެގެންދާނީ އާ ތިންވަނަ ޖެނެރޭޝަންގެ ބަނދަރެއްގެ ގޮތުގައި – ރައީސް

އިބްރާހީމް ރާމިޒް

rasmaadhoo

މަނަދޫގެ ބަނދަރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމް ނިމޭއިރު، އެ ބަނދަރު ތަރައްޤީވެގެންދާނީ އާ ތިންވަނަ ޖެނެރޭޝަންގެ ބަނދަރެއްގެ ގޮތުގައިކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު މަނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ، މަނަދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާ ކުރައްވަމުން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، މަނަދޫގެ ބަނދަރު މެދުވެރިކޮށް، މަނަދުއާއި މަނަދޫ ކައިރީގައިވާ ރަށްރަށާއި ދުރުގައިވާ ހުރިހާ ރަށްރަށް ގުޅާލައި، އެއީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރުގެ ނާރެހަކަށް ހެއްދެވުން ކަމަށާއި، މަނަދޫ ބަނދަރާއި، މަނަދޫ ބަނދަރުމަތި، މި ތަޞައްވުރާ އެއްގޮތަށް ތަރައްޤީ ކުރެއްވުމަށް، މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުން، މަނަދޫ ވަށައިގެން ހުރި ރަށްރަށުގައި ތަރައްޤީ ކުރައްވާ ރެޒޯޓްތަކަށް ބޭނުންވާ ބައެއް މަސައްކަތްތައް، މަނަދޫގައި ހިންގުމަށް މަގުފަހި ކުރެއްވުމަށް ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ފަދައިން، މަނަދޫގައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް އަޅުއްވާ ފްލެޓް އެޅުއްވުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މަނަދޫގައި ލިބެންހުރި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި، މިއަހަރުގެ ތެރޭގައި މަނަދޫގައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އަމާޒު ކަމުގައިވާ އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ 60 އިންސައްތަ ކުދިންނަކީ، ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެއްދެވުމުގެ އަމާޒު ޙާޞިލު ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ނަތީޖާ، އެންމެ ފުރިހަމައަށް ފެންނެ އެއްރަށަކީ މަނަދޫކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މިދިޔަ އަހަރު މަނަދޫއިން އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންގެ 50 އިންސައްތަ ކުދިން، އިމްތިހާނުން ފާސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މަނަދުއަށް ކަރަންޓްގެ ޚިދުމަތް ދިނުމުގެ މަސައްކަތް، ޔޫޓިލިޓީ ކުންފުންޏާ ހަވާލުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ކަރަންޓު ބިލުން އެވްރެޖްކޮށް 300 ރުފިޔާ ކުޑަވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ސަބްސިޑީ ދެއްވަން ފަށްޓަވާފައިވާ ކަމަށާއި، ކަރަންޓް ސަބްސިޑީގެ ގޮތުގައި ކޮންމެ މަހަކު ޖުމްލަ އެއްލައްކަރުފިޔާ މަނަދޫއަށް ދެއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ކާމިޔާބީގެ ސަބަބުން، މަނަދޫއަށް ލިބެމުންދާ ކުރިއެރުމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ..